އަބަދުވެސް އިސްކަން ދޭނީ ދީނާއި ގައުމަށް - މައުމޫން

އަބަދުވެސް އިސްކަން ދޭނީ ދީނާއި ގައުމަށް ކަމަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން މިގޮތަށް ވިދާޅުވެފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެންގެވުމުގައި، އެންމެ އިސްކޮށް ހުންނެވީ ރައީސް މައުމޫން ކަމަށް، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ، މިއީ މީގެ ކުރިން އެމްޑީޕީން އިސް ސަފުގައި ތިބެގެން ކުރަމުންދާ މަސައްކަތެއް ކަމަށާއި، އެހެންނަމަވެސް މި ފަހަރު އެމްޑީޕީއަށް ވުރެ ބޮޑަށް މިކަމުގައި ފޫގަޅާލާފައި ކުރިއަށް ނުކުމެ ތިބީ ޕީޕީއެމްގެ ބޭފުޅުން ކޮޅެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރެއް ކަމަށާއި، މަޖިލީހުގެ ރައީސަކީ ދައުލަތަށްކޮށްދޭ ބުރަ މަސައްކަތްތަކުގައި ވަރަށް ވިސްނުންތެރިކަމާއެކު، މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
"އެފަދަ ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަސައްކަތް މިއަދު ކުރެއްވުމުގައި އަޅުގަނޑުމެންގެ ޕާޓީގެ ރައީސް އިސްކޮށް ހުންނެވިކަމީ ހިތާމަ ކުރާކަމެއް". ނިހާން ވިދާޅުވިއެވެ.
އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދި އެމްޑީޕީ މެމްބަރުންނަށް ހިތްވަރު ދީގެން އެކި ގޮތްގޮތުން މި މަސައްކަތުގަ އަދަދު ހަމަކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ނިހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ