އުމަރު ލަންޑަނަށް ވަޑައިގެން ޖަމީލު އަދި އަލީ ވަހީދާ ބައްދަލުކުރައްވައިފި

ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިނގިރޭސި ވިލާތުގެ ލަންޑަނަށް ވަޑައިގެން، އެތަނުގައި އަމިއްލަފުޅަށް އަރުވާލެއްވިގެން ދިރިއުޅުއްވާ ދިވެހި ސިޔާސީ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. އުމަރު ނަސީރަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އުމަރުގެ ޕަބްލިކް ވައިބާ ގްރޫޕުގައި އޭނާ ލިޔުއްވި ގޮތުގައި އޭނާ ވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި، އެމަނިކުފާނާ ގާތް ދެ ބޭފުޅުން ކަމަށްވާ ކުރީގެ ޔޫތު މިނިސްޓަރު އަދި ޖަމީލްގެ އާއިލީ ބޭފުޅެއް ކަމުގައިވާ މުހައްމަދު މަލީހު ޖަމާލާއި، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީންއާ ބައްދަލުކުރައްވާފައެވެ. އުމަރު ވިދާޅުވީ، އެ ތިން ބޭފުޅުންނާ އެކު "ވަރަށް ބިނާކުރުވަނިވި ވާހަކަތަކެއް" ދެކެވުނުކަމަށެވެ. މީގެ އިތުރުން ލަންޑަނުގައި އަރުވާލެވިގެން ދިރިއުޅުއްވާ، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި، ޖުމްހޫރީ ޕާޓީގެ މެމްބަރު ސޮބާހު ރަޝީދާ ވެސް ބައްދަލުކުރައްވާފައިވެއެވެ. އުމަރު ވިދާޅުވި ގޮތުގައި އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ބޭފުޅުންގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާ ވެސް ބައްދަލުކުރައްވައި "ގައުމީ މަސްލަހަތާއި ނޭޝަނަލް ރިކޮންސިލިއޭޝަން"އާ ގުޅޭ ވަރަށް ބިނާ ކުރުވަނިވި ވާހަކަތަކެއް ދައްކަވާފައެވެ. "މި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވަން،" އުމަރު ވައިބާގައި ލިޔުއްވި މެސެޖުގައި ވެއެވެ. އާދީއްތަ ދުވަހު ލަންޑަނަށް ވަޑައިގެންނެވި އުމަރު މާދަމާ މާލެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއެވެ. ސަރުކާރުގެ ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު، އިންތިޚާބުގައި ވާދަކުރައްވާނެކަން އުމަރު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން، އެޕާޓީގެ ރައީސަށް އުމަރު ވަނީ ރަސްމީކޮށް އަންގަވައިފައެވެ. "ގައުމުގައި ތިއްބެވި އެންމެ ސީނިއާ ބޭފުޅުންގެ ތާއީދު އަޅުގަނޑަށް ލިބޭނެ." އުމަރު "ސަން"އަށް ވިދާޅުވިއެވެ. ޑރ. ޖަމީލްއަކީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން އެކުވެ، އުފައްދާފައިވާ އިއްތިހާދު "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން" (އެމްޔޫއޯ)ގެ ލީޑަރެވެ. އުމަރު ލަންޑަނަށް ވަޑައިގެންނެވި އިރު، އެމްޔޫއޯގެ މުސްތަޝާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އެމްޑީޕީގެ ބައްދަލުވުންތަކަށް ސްރީލަންކާގައެވެ. އުމަރު މީގެ ކުރިން ވިދާޅުވި ގޮތުގައި، ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް "ނަޝީދުގެ އުނގަކަށް" އޭނާ ނާރުއްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ