އީސީގެ މަސައްކަތްތަކުގައި އިންޑިއާގެ އެހީ ހޯދާ މިންވަރު ސާފުކޮށްދޭން އެދިއްޖެ

އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކުގައި އިންޑިއާގެ އެހީތެރިކަން ހޯދާ މިންވަރު ސާފު ކުރުމަށް އިދިކޮޅު ކޯލިޝަނުން އެކޮމިޝަނަށް ހުށަހަޅައިފިއެވެ.
ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން މިއަދު ވަނީ އީސީގެ ރައީސް ފުއާދު ތައުފީގާ ބައްދަލުކުރައްވައިފައެވެ. އަދި ކޯލިޝަންގެ ކަންބޮޑުވުންތައް ހިއްސާ ކުރެއްވިއިރު، މައިގަނޑު ހަތަރު ކަމެއްގެ މައުލޫމާތު ހޯދަން ހުށަހެޅިއެވެ.
މިގޮތުން އީސީގެ މަސައްކަތްތަކާ ގުޅޭގޮތުން އިންޑިއާގެ އެއްވެސް ފަރާތަކާއެކު، އެއްވެސް ކަހަލަ މަޝްވަރާތަކެއް ކުރެވިފައިވާނަމަ، ނުވަތަ ކުރެވެމުންދާނަމަ، އެކަމުގެ މައުލޫމާތާއި، އީސީގެ މަސައްކަތްތަކާ ގުޅޭގޮތުން އިންޑިއާގެ އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް ހަދާފައިވާނަމަ، އެ އެއްބަސްވުމެއް ހިއްސާ ކުރުމަށްވެސް ވަނީ އެދިފައެވެ.
އިންޑިއާއާއެކު އީސީން އެއްވެސް ކަހަލަ އެމްއޯޔޫއެއް ހެދުމަށް ތައްޔާރުވަމުން އަންނަ ނަމަ، ނުވަތަ އެއްއޯޔޫއެއް ހަދާފައިވާނަމަވެސް، އެފަދަ އެމްއޯޔޫއެއްގެ ކޮޕީ އިދިކޮޅު ކޯލިޝަނާ ހިއްސާ ކުރުމަށްވެސް މިއަދު ހުށަހެޅިއެެވެ.
އީސީގެ މުވައްޒަފުން ތަމްރީނު ކުރުމަށް އިންޑިއާއަށް ފޮނުވާނަމަ، ނުވަތަ ފޮނުވަން ގަސްތު ކުރާނަމަ، ނުވަތަ އެކަމުގެ މަޝްވަރާއެއް ކުރާނަމަވެސް އިދިކޮޅާ ހިއްސާ ކުރަން އެދިފައިވާއިރު، ކޮމިޝަނުގެ އިދާރީ އަދި ފަންނީ މަސައްކަތުގެ އިތުރުން ވޯޓު ނެގުމަށް، އިންޑިއާއިން ހަދިޔާ ކުރި އެއްވެސް ވަސީލަތެއް ނުވަތަ އާލާތެއް ބޭނުން ކުރާނަމަ، އެ މައުލޫމާތުވެސް ދިނުމަށް ވަނީ އެދިފައެވެ.
މި މައުލޫމާތުތައް ހިއްސާ ކުރުމަށް އީސީން އެދިފައިވާއިރު، އިންޑިއާގެ އެހީގައި އެކޮމިޝަނުގެ މުވައްޒަފުން ތަމްރީނު ކުރުމަށް 2019 ވަނަ އަހަރުގައި ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ