ޕީއެންސީގެ ސެނެޓަރު އަބްދުﷲ އިބްރާހިމް އެ ޕާޓީން ވަކިވެ، ޔާމީންގެ ޕީއެންއެފްއަށް

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް)ގެ ސެނެޓަރު އަބްދުﷲ އިބްރާހިމް އެ ޕާޓީގެ ސެނެޓުންނާއި މެންބަރުކަމުން ވަކިވެ، ރައީސް އަބްދުﷲ ޔާމީން އުފައްދަވާ އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އާ ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.
އަބްދުﷲ އިބްރާހިމް ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ، ޕީއެންސީގެ ސެނެޓުގައި އޭނާ މަސައްކަތް ކުރަމުން އައީ ދިވެހި ގައުމިއްޔަތާއި ރިވެތި އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގަވަމުން ގެންދެވި ޕާޓީއަކަށްވާތީ ކަމަށެވެ.
"ނަމަވެސް މިއަދު ފެންނަމުން މިދަނީ ފާޅުގައި ރައީސް ޔާމީންގެ އަތުން ޕާޓީ ފޭރިގަނެގެން، ޖާހިލިއްޔަތާއި ހަސަދަވެރިކަމާއި އަދާވާތްތެރިކަން އިސްކުރާ ފަރާތެއްގެ އަމިއްލަ އެދުންތަކެއް ހާސިލުކުރުމާއި ގައުމިއްޔަތުގެ ތަނބުތައް ފުނޑުފުނޑު ކޮށްލުމަށްޓަކައި ގަސްދުގައި ޑިމޮކްރެޓިކް ހަމަތަކުގެ ބޭރުން ރައްޔިތުންގެ ވިންދާ ދެކޮޅަށް މީހަކު މަސައްކަތް ކުރާނޭހެން، ވަކި މީހެއްގެ ވަކިތަކުގެ ދަށަށް ޕާޓީ ގެނެސް ކަންކަން ކުރަމުން ގެންދާތަނެވެ،" ސިޓީގައިވެއެވެ.
އަބްދުﷲ އިބްރާހިމް ވިދާޅުވީ، މި ހާލަތުގައި ޕީއެންސީގައި ހުރުމަކީ އިސްލާމީ ރިވެތި އުސޫލުތައް ނެގެހެއްޓުމާއި އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމާއި ގައުމިއްޔަތުގެ ރުކުންތައް ނަގަހައްޓައި ދެމެހެއްޓުމަށް ރައީސް ޔާމީންގެ ސިޔާސަތުގެ ތެރެއިން ވަކާލާތު ކުރަމުން އައި ރޫހާ ހިލާފު ކަމެއް ކަމަށެވެ.
އޭނާ ޕީއެންއެފްއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާކަން އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.
ޕީއެންސީގެ ސެނެޓަރު އަބްދުﷲ އިބްރާހީމް އެ ޕާޓީން އިސްތިއުފާ ދެއްވައި ޕީއެންއެފްއާ ގުޅިވަޑައިގަންނަވަން ނިންމެވި އިރު، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) ވެސް ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވައި ޕީއެންއެފްއާ ގުޅިވަޑައިގަތުމަށް ނިންމަވައިފައެވެ.
ޕީޕީއެމް އާއި ޕީއެންސީ ލީޑާޝިޕާ ހިޔާލު ތަފާތުވެ ޔާމީން ޕީޕީއެމުން އިސްތިއުފާ ދެއްވައި އާ ޕާޓީއެއް ހައްދަވަން ނިންމެވީ ހުސްވި ނޮވެމްބަރު 22ގަ އެވެ. ޕާޓީގެ މުއައްސިސްގެ ގޮތުގައި ހުށަހަޅާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، ޕާޓީއަށް 3،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ