އައްމަޓީ ފުރަން ހުއްދަ ދިން މައްސަލަ ސުޕްރީމް ކޯޓަށް
ފުލެޓު އެޅުމުގެ ނަމުގައި އެތައް ބައެއް އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ރާއްޖޭން ބޭރަށް ފުރަން ދަށު ކޯޓުން ދިން ހުއްދަ، ހައިކޯޓުން ވެސް އިއްޔެ ދެމެހެއްޓުމުން ސުޕްރީމް ކޯޓުގައި ދައުލަތުން މިއަދު އެ މައްސަލަ އިސްތިއުނާފުކޮށްފިއެވެ. އައްމަޓީގެ ޕާސްޕޯޓު ހިފަހައްޓާފައި އޮއްވައި މި މަހުގެ ހަވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާއަށް ފުރުމުގެ ހުއްދަ ދިނީ މައިބަދައިގެ އޮޕަރޭޝަނަކަށް ދާން އެދި ހުށަހެޅުމުންނެވެ. އެކަމަކު، ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެހެންވެ، ހައިކޯޓުން މި މަހު 18ގައި ވަނީ އެ މައްސަލައިގެ އިސްތިއުނާފު ނިމެންދެން ފުރުން މަނާކޮށް ވަގުތީ އަމުރެއް ނެރެފައެވެ. އެ ކޯޓުން އިއްޔެ ނިންމީ ދަށު ކޯޓުގެ ނިންމުމާ އެއްގޮތަށް އައްމަޓީއަށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދޭށެވެ. އިއްޔެ ހައިކޯޓުން އެ މައްސަލަ ނިންމިއިރު، ދަށު ކޯޓުން ބޭސްފަރުވާއަށް އައްމަޓީއަށް ދިން މުއްދަތު ވަނީ ހަމަވެފައެވެ. އެހެންވެ، އެ މައްސަލައިގައި ދަށު ކޯޓުން ނެރުނު އަމުރު މުރާޖައާ ކުރުމުގެ އަޑުއެހުމެއް މިއަދު 1:00 އަށް އޮތީ ތާވަލުކޮށްފައެވެ. އެކަމަކު، ޕީޖީ އޮފީހުން މިއަދު ބުނީ، ހައިކޯޓުގެ ނިންމެވުމާމެދު އެ އޮފީހުން ހިތްހަމަ ނުޖެހޭތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށެވެ. މިއަދުގެ ވަގުތެއްގައި އިސްތިއުނާފު މައްސަލަ ވައްދާނެ ކަމަށް އެ އޮފީހުން ބުންޏެވެ. އެހެންވެ، ސުޕްރީމް ކޯޓުން އިސްތިއުނާފު މައްސަލައިގައި ގޮތެއް ނިންމަންދެން ދަށު ކޯޓުގެ އަޑުއެހުން ފަސްކޮށްދޭން ދައުލަތުން ވަނީ އެދިފައެވެ. https://sun.mv/186562 އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން 2021 ވަނަ އަހަރު ރާއްޖެ ގެނައި އައްމަޓީ އޭގެ ފަހުން ހައްޔަރުގައި ބަހައްޓައި، އެކި ސަބަބުތަކާ ހެދި ތިން ފަހަރެއްގެ މަތިން ދޫކޮށްލާފައިވެއެވެ. ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފުލެޓު އެޅުމަށް، ސީލައިފާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފުލެޓުތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ 42 ދައުވާ އުފުލައިފައެވެ. އެ ދައުވާތަކަށް އައްމަޓީ އިންކާރު ކުރެއެވެ. ސީލައިފް އެޕާޓްމަންޓް ގަތުމަށް ފައިސާދެއްކި މީހުންގެ ތެރެއިން އެޗްޑީސީއަށް [މިހާރުގެ އާބަންކޯ] ލިޔެކިޔުންތައް ހުށަހެޅި މީހުންނަށް ފައިސާ ރީފަންޑް ކޮށްދީފައިވާއިރު، އެ މީހުންނަށް އެޗްޑީސީން ވަނީ ވިނަރެސް ފުލެޓުތަކުން އެޕާޓުމަންޓު ގަތުމުގެ ފުރުސަތު ދީފައެވެ. އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވާއިރު، އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ މީގެ ކުރިން ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ