ޕާޓީ ބަދަލުކޮށްފި ނަމަ އިސްތިއުފާ ދޭންޖެހޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ، މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލަކީ މި އެޕްރީލް މަހުގެ 1 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލު ފާސްކުރީ 33 މެމްބަރުންގެ ވޯޓުންނެވެ. ހަ މެމްބަރަކު ދެކޮޅަށް ވޯޓު ދިނެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ބިލު ދިރާސާކުރަން އުފެއްދި ހާއްސަ ކޮމިޓީން ވަނީ ބިލު ތަޅުމަށް ފޮނުވުމުގެ ކުރިން ބޮޑެތި އިސްލާހުތަކެއް ވެސް ގެނެސްފަ އެވެ.
އެމްޑީޕީގެ ހަތް މެމްބަރުންގެ މައްޗަށް އެކުލަވޭ ކޮމިޓީން ފާސްކުރި ބިލު ރައީސް ތަސްދީގު ކުރެއްވިއިރު ބިލު ފާސްކުރުމުގެ ކުރިން ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. އޭގައި ވަނީ އިސްތިއުފާ ދޭންޖެހޭނެ ހާލަތްތަކެއް ބަޔާންކޮށްފަ އެވެ.
އެ ގާނޫނުގައި އިންތިހާބުވި ޕާޓީ އަމިއްލައަށް ދޫކޮށްލައިފި ނަމަ އެހެން ޕާޓީއަކަށް ބަދަލުވާ ހާލަތުގަ އާއި އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވާ ހާލަތުގައި ހަތް ދުވަހުގެ ތެރޭގައި ޕާޓީން ވަކިވާން ޖެހޭނެ ކަމަށެވެ.
އެ ގާނޫނަކީ ރާއްޖޭގައި ހިންގަމުން އަންނަ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމްކޮށްފައިވާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތަކައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީ ދޫކޮށްލުމުން އޭނާގެ ގޮނޑިއާ މެދު އަމަލުކުރާނޭ ގޮތް ކަނޑައަޅާ ގާނޫނެވެ.
މި ގާނޫނުގައި ވަނީ ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ވެސް ބަޔާންކޮށްފަ އެވެ.
މި ގާނޫނުގެ މަގްސަދުގެ ތެރޭގައި އިންތިހާބު ކުރާ މެމްބަރުން އެ އިންތިހާބުކުރާ ދައުރުގެ ތެރޭގައި ހަމަ އެއް ސިޔާސީ ފިކުރެއްގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާ އެކު ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ، އާންމުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ