އެއާޕޯޓުތަކުގައި މޫސުން ބަލާ ނިޒާމު ގާއިމް ކުރަން ޖަޕާނުން އެހީ ދީފި

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓްތަކުގައި، އެއާޕޯޓް ވެދާ އިންފޮމޭޝަން ސިސްޓަމް (އަވިސް) ސްޓޭޝަންތަކެއް ހަރުކުރުމަށް މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އާއި އެއާޕޯޓްތައް ހިންގާ ކުންފުނިތަކާ ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މެޓް އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހީމެވެ. އެއާޕޯޓް ތަކުގެ ފަރާތުން ސޮއި ކުރެެއްވީ އެއާޕޯޓްތައް ހިންގުމާ ހަވާލުވެފައިވާ ކުންފުނީގެ އިސްވެރިންނެވެ. އެ ޕްރޮޖެކްޓްގެ ދަށުން ސޮއި ކޮށްފައިވަނީ، އައިލެންޑް އޭވިއޭޝަން ސާވިސަސް އާއި، ރީޖަނަލް އެއާޕޯޓްސް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް، ޕްރިސްޓީން އައިލޭންޑްސް އިންވެސްޓްމެންޓް ގެ އިިތުރުން ވިލާ އެއާ އަދި ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ކޮމްޕެނީ އާ އެކުގަ އެވެ. އަވިސް ސްޓޭޝަން ހަަރުކުރުމަށް ހަމަޖެހިފައި ވަނީ މީޓިއޮރޮލޮޖިލޮޖިކަލް ސާވިސްގެ ޓެކްނީޝަނުންނެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހުު މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި އެއާޕޯޓުތަކުގައި އެ ސިސްޓަމް ތައް ހަރު ކުރެވުމުން އެ އެއާޕޯޓަކަށް ޖައްސާ ފްލައިޓްތަކަށް އެވަގުތަކު ބޭނުންވާ މުހިއްމު މޫސުމާ ބެހޭ މައުލޫމާތުތައް ވަގުތުން ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ މޫސުން ލަފާ ކުރުމަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓްތަކުގައި އަވިސް ސްޓޭޝަންތައް ހަރުކުރުމަށް އެއާޕޯޓްތައް ހިންގާ ކުންފުނިތަކާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިގު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް މިނިސްޓަރު ތޯރިގު ވިދާޅުވީ އިޓަލީގެ ސަރުކާރުގެ އެހީއާ އެކު ކަވަރޭޖް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. "އަޅުގަނޑުމެން މިހާރު މިދަނީ އިޓަލީ ސަރުކާރުގެ އެސިސްޓެންސް އާ އެކު މީގެ އިތުރަށް އަދި 25 ސަރަހައްދެއްގަ އިތުރު އޮޓޮމެޓިކް ވެދާ ސްޓޭޝަން ތަކެއް ހަރުކުރުމުގެ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ޠާރިގުގެ ވާހަކަފުޅުގައި މެޓް އޮފީސް އައިއެސްއޯގެ އެންމެ މަތީ ސްޓޭންޑަށް ނުވަތަ 9001 ގެ ސެޓްފިކެޓެއް ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. "މިހާރު އެ ސެޓިފިކޭޝަންގެ އެންމެ ފަހުގެ މަރުހަލާގަ ބޭނުންވާ ސެޓިފިކޭޝަން ދިނުމަށް ބައެއް ފަރާތްތަކުން މާލޭގަ އެ މަސައްކަތް ކުރަމުން ދަނީ. އިރާދަ ކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ އައިއެސްއޯ 9001 ގެ ސެޓްފިކޭޝަންވެސް މިޓްރޮލޮޖިކަލް ސާވިސަސް އަށް ލިބިގެންދާނެ،" މިނިސްްޓަރު ވިދާޅުވި އެވެ. ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާތްގަނޑަކަށް 3.57 މިލިއަން ރުފިޔާގެ އެކިއުޕްމެންޓް ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ