ފްރޭންކްފާޓް، ޖަރުމަނު (އޮކްޓޫބަރު 23) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް އަތުން ފަހަތުން އަރައި 5-1 އިން މޮޅުވެ، ލިވަޕޫލުން ބަލިވުމުގެ ސިލްސިލާ އަށް ނިމުން ގެނެސްފި އެވެ.
މި މެޗުގެ ކުރިން ލިވަޕޫލުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އެއީ، ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް، ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ޗެމްޕިއަންސް ލީގުގައި ގަލަަތަސަރާއި އަތުންނެވެ. މިއީ، 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ލިވަޕޫލުން ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
އެގާރަ އަހަރު ތެރޭ އައި އެންމެ ދަށް ފޯމުގެ ނަތީޖާ އަނބުރާލަން ރޭ ފްރޭންކްފާޓާ ދެކޮޅަށް ވެސް ލިވަޕޫލްގެ ފެށުން ދިޔައީ އެންމެ ރަނގަޅަކަށެއް ނޫނެވެ. އެ ގޮތުން، މި މެޗުގެ 25 ވަނަ މިނިޓްގައި ފްރޭންކްފާޓްގެ ރަސްމުސް ކްރިސްޓެންސަން ވަނީ ލަނޑު ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ، މި ސީޒަނުގައި ފްރޭންކްފާޓް ދޫކޮށް ލިވަޕޫލަށް ބަދަލުވި ފްރާންސްގެ ފޯވާޑް، ހޫގޯ އެކިޓީކޭ ޖެހި ގޯލުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، ލިވަޕޫލުން ނަތީޖާ އަނބުރާލައި، ލީޑު ވެސް ފުޅާކުރި އެވެ. އެ ގޮތުން، ދެ ކޯނަރެއްގައި ލިވަޕޫލްގެ ދެ ލަނޑު ޖެހީ ފަހަތަށް ކުޅެމުން އަންނަ އިބްރާހިމާ ކޮނާޓޭ އާއި ވާޖިލް ވެން ޑައިކް އެެވެ.
ދެ ވަަނަ ހާފުގައި ލިވަޕޫލުން އިތުރު ދެ ގޯލު ޖެހިއިރު، މި ދެ ލަނޑަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ، ފްލޯރިއަން ވާޓްޒް އެވެ. މި ލަނޑުތައް ޖެހީ، މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ކޯޑީ ގަކްޕޯ އާއި ޑޮމިނިކް ސޮބޯސްލާއި އެވެ.
ލިވަޕޫލުން ފްރޭންކްފާޓް އަތުން މޮޅުވެ، ބަލިވުމުގެ ސިލްސިލާ އަށް ނިމުން ގެނެސްފި ލިވަޕޫލުން ފްރޭންކްފާޓް އަތުން މޮޅުވެ، ބަލިވުމުގެ ސިލްސިލާ އަށް ނިމުން ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ