މުއިއްޒު މި ފައްކާ ކުރާ ޑިކްޓޭޓާޝިޕް ނެތިކޮށްލުމަކީ ގައުމީ ވާޖިބެއް! މުއިއްޒު މި ފައްކާ ކުރާ ޑިކްޓޭޓާޝިޕް ނެތިކޮށްލުމަކީ ގައުމީ ވާޖިބެއް!

ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން ﷲ ގަންދީ ހުވާ ކޮށްގެން ނޮވެމްބަރު 17، 2023، ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި މ. ދިމްޔާތު، މުހައްމަދު މުއިއްޒު މިއަދު އެ ހުންނެވީ ހަމަ މަގެއްގައެއް ނޫނެވެ.
ވެރިކަމާ ހަވާލުވެވަޑައިގަންނަމުން މުއިއްޒު ހުވާ ކުރެއްވީ، (1) އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި (2 ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށާއި (3) ގައުމަށް އިހުލާސްތެރިވުމަށާއި (4) ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވެރިކަން ކުރުމަށެވެ.
"އަހުރެން މުހައްމަދު މުއިއްޒު، އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަން،" ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ކުރެއްވި ވެރިކަމުގެ ހުވާގައި ބަޔާން ކުރާ ހުރިހާ ކަމަކާ މިހާރު އެމަނިކުފާނު ހިލާފުވެވަޑައިގެންފި އެވެ. އިސްލާމް ދީނަށް ހުރުމަތްތެރިކޮށެއް ނުހިތަ އެވެ. ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ކަށަވަރެއް ނުކުރެ އެވެ. އެމަނިކުފާނު ގައުމަށް އިހުލާސްތެރިއެއް ނޫނެވެ. އަދި ވެރިކަން ކުރައްވަނީ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަކަށް ނޫނެވެ.
އިސްލާމް ދީނުގެ އެންމެ މައިގަނޑު އެއް އުސޫލަކީ އަދި އިސްލާމީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު އެއް އަސާސަކީ ތެދުވެރިކަމެވެ. މިއީ މުއިއްޒު ގެންގުޅުއްވާ އުސޫލެއް ނޫނެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ވެސް މުއިއްޒު ބިނާ ކުރެއްވި ބޮޑު ދޮގެއްގެ މައްޗަށެވެ. ދިވެހިންނަށް މުއިއްޒު ވިސްނައިދެއްވީ، ދިވެހިރާއްޖޭގެ އިސްތިގުލާލު އިންޑިއާއިން ނިގުޅައިގަނެފައިވާ ކަމަށެވެ. އެގައުމުގެ "އެތައް ހާސް" ސިފައިންނެއް މި ބިމުގައި ގާއިމުވެ ތިބި ކަމަށް ވިދާޅުވި އެވެ.
އެކަމަކު، ފަހުން ހާމަވީ، އިންޑިއާއިން ރާއްޖެއަށް ދީފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ތިބި އިންޑިއާގެ ސިފައިންގެ އަދަދު 100 އަށް ނާރާ ކަމެވެ. އަދި އިންޑިއާއާއެކު ކުރިން ހަދާފައި ހުރި ހުރިހާ އެއްބަސްވުންތައް ދަމަހައްޓައި، ބައެއް އެއްބަސްވުންތައް އާ ކޮށް، އިންޑިއާއަށް ފުރިހަމަ އެއްބާރުލުން ދޭން މުއިއްޒު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
އިންޑިއާއަށް މުއިއްޒު ކުރެއްވި ނަފުރަތެއްގެ ބޮޑުކަމުން، ދިވެހި ސަރުކާރުން އިންޑިއާއާއެކު ހަދާފައި ހުރި އެގްރިމެންޓުތައް ހާމަ ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވައުދުވި އެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ވައުދު ފުއްދަވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިހާރު އެ ވާހަކަ ވެސް ހަނދާން ނައްތާލައިފި އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރައްވާނެ ކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މުއިއްޒު ވިދާޅުވި އެވެ. އެކަމަކު، ވެރިކަމާ ހަވާލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސިޔާސީ މުވައްޒަފުންގެ އަދަދު އެއަށްވުރެ އެތައް ގުނައެއް މުއިއްޒު އިތުރު ކުރެއްވި އެވެ.
ސިޔާސީ މުވައްޒަފުން ގިނަ ކުރެއްވުމަށްފަހު ސަރުކާރުން އުޅުނީ އެ އަދަދު ސިއްރުކޮށްގެންނެވެ. ސީދާ މުއިއްޒު ވިދާޅުވީ އެމަނިކުފާނު އައްޔަން ކުރި ސިޔާސީ މުވައްޒަފުންގެ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެއީ ކަނޑައެޅިގެން ދޮގެކެވެ. އެންމެ ފަހުން އެ އަދަދު ހާމަކުރިއިރު ސިޔާސީ މުވައްޒަފުންގެ އަދަދު 1400 އަށް ވުރެ ގިނަ އެވެ.
ދިވެހި ސަރުކާރުން އަމިއްލަ ވިޔަފާރިވެރިންނަށް ދަރާފައި އޮތް ފައިސާތައް މިދިޔަ އަހަރުގެ ތެރޭގައި ދައްކައި ހަލާސް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އޭގެ ފަހުން ވެސް، އެކަން ކުރުމަށް ދެ ތާރީހެއް އެމަނިކުފާނު ދެއްވި އެވެ. އެކަމަކު، އަދިވެސް އެ ފައިސާތައް ދައްކާފައެއް ނުވެ އެވެ.
މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ، ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކޮށްފައި ހުރި ގޯއްޗާއި ފްލެޓުތައް އެ ލިބުނު މީހުންނަށް، ލިބުނު ތަނަކުން ދޫކުރުމެވެ. އެކަމަކު، އެތައް ބައެއްގެ ފްލެޓުތައް މުއިއްޒު ވަނީ ކެންސަލްކޮށްފަ އެވެ. ގިރާވަރުފަޅުން ދޫކުރި ބައެއް ގޯތިތައް އެތަނުން ނުދޭނެ ކަމަށް ވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.
ވެރިކަމަށް ވަޑައިގަތްތާ ކުރީކޮޅު ޗައިނާއަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު ވިދާޅުވީ ތައިލެންޑާއި ދުބާއީއަށް ދިވެހިން ބޭސް ފަރުވާއަށް ފޮނުވާނެ ކަމަށެވެ. ނަމަވެސް ބޭސް ކުރުމަށް އެއިން ތާކަށް އަދި މިހާތަނަކަށް ދިވެއްސަކު ނުފޮނުވަ އެވެ.
ދިވެހިންނަށް ބޭނުންވާ ކާޑު ތުރުކީއިން ގެނެސް، ދިވެހިން ބޭނުން ކުރާ އާންމު ބޭސްތައް ޔޫރަޕުން ގެންނަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު، ބޭސް އަދިވެސް ގެންނަނީ އިންޑިއާއިންނެވެ. އިންޑިއާއިން ބޭސް ގެނައުމަށް އެގައުމާއެކު މުއިއްޒު ވަނީ އެގްރިމެންޓެއް ވެސް ހަދައިފަ އެވެ.
ހުޅުލެ-ފުނަދޫ-މާލެ ގުޅުވައިދޭ މޮނޮރެއިލެއް އެޅުމަކީ ވެސް މުއިއްޒުގެ ވައުދެކެވެ. އެކަމަކު އެ މަސައްކަތް ކުރަން ސަރުކާރުގެ ނިޔަތެއް އޮތް ކަމަކަށް ވެސް ނުފެނެ އެވެ. އޭގެ ވާހަކަ މިހާރަކު ނުވެސް ދައްކަ އެވެ. މާލެ އާއި ފުށިދިއްގަރު ފަޅު ކަނޑު އަޑީގެ ބިއްލޫރި ޓަނަލަކުން ގުޅުވައިދޭނެ ކަމަށް ވިދާޅުވި ވާހަކައަކީ ވެސް ހަމަ އެކަހަލަ ބިލާހެކެވެ.
މުއިއްޒު ތަރައްގީ ކުރަން މަސައްކަތް ކުރާ ފުށިފިއްގަރު ފަޅު އަށް މަހުން ހިއްކައި ނިންމާނެ ކަމަށް ވެރިކަމަށް ވަޑައިގަނެފައި މުއިއްޒު ވިދާޅުވި އެވެ. އެތަން ހިއްކާނީ ސަރުކާރުން އެންމެ ލޯ ލާރިއެއް ވެސް ހަރަދުނުކޮށް ކަމަށް ވެސް ވިދާޅުވި އެވެ. އެ ބުނާ އަށް މަސްދުވަސް ފާއިތުވެ ނިމިއްޖެ އެވެ. ފައިސާ ހަރަދު ނުކުރާނެ ކަމަށް ބުނި ޕްރޮޖެކްޓަށް އެތައް މިލިއަން ރުފިޔާއެއް "ތަޅައި ބުރުއްސައިފި" އެވެ.
މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެމަނިކުފާނަކީ މީޑިއާ އާއި ނޫސްވެރިންގެ އެންމެ ބޮޑު މިތުރުކަމަށް ދައްކައިގެންނެވެ. ނޫސްވެރިން ބޭނުންވާހާ މައުލޫމާތެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. މީޑިއާ ރެގިއުލޭޓު ކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިއަށްވުރެ ސިއްރުވެރި ސަރުކާރެއް ރާއްޖޭގައި ވެރިކަންކޮށްފައެއް ނުވެ އެވެ. މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ކޮމިޝަނެއް ވެސް ހަދައިފި އެވެ.
ރައީސްގެ އެންމެ ބޮޑު އެއް ވައުދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމެވެ. އެމަނިކުފާނަށް ކުރާ ސިޔާސީ ދައުވާތައް އަނބުރާ ގެންދިޔުމެވެ. އެކަމަކު، ވެރިކަން ލިބުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޔާމީން ދުރުކޮށް "އެއްލާލައިފި" އެވެ. ޔާމީނުގެ މައްޗަށް ކުރާ ދައުވާތައް އެ ހުރީ ހިނގަހިނގަ އެވެ.
ޖުޑިޝަރީއަށް އަތް ނުބޭނުމަކީ ވެސް މުއިއްޒުގެ ވައުދެކެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ޕާޓީއަށް ލިބިފައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން އެންމެ މަތީ ކޯޓު ނެތިކޮށްލައިފި އެވެ. އެ ދެ ކޯޓުގެ ދެ ފަނޑިޔާރުން ގާނޫނާ ހިލާފަށް ވަކިކޮށް، އެހެން ފަނޑިޔާރަކު ވަކިވާން މަޖުބޫރު ކުރި އެވެ.
އިގްތިސާދީ ބޮޑު މާހިރެއް ކަމަށް ރައްޔިތުންނަށް ދައްކައިގެން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުގެ އެންމެ ބޮޑު އަނެއް ވައުދަކީ ފައިސާ ޗާޕު ނުކުރުމެވެ. މި ހަފުތާގައި ލާމު އަތޮޅުގައި ވާހަކަ ދައްކަވަމުން ވެސް ހަރުއަޑުން ވިދާޅުވީ ފައިސާ ޗާޕު ނުކުރައްވާނެ ވާހަކަ އެވެ. އެކަމަކު، މަރުކަޒީ ބޭންކާއި ޕެންޝަން އޮފީސް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ޗާޕު ކުރަން ސަރުކާރުން ނިންމައިފި އެވެ.
މި ހުރިހާ ދޮގެއް ހައްދަވައިގެން ހުންނަވައި، ތިމަން މަނިކުފާނު އަދިވެސް މި ހުންނެވީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތްތަވައިގެން ކަމަށް ވިދާޅުވެވޭކަށް ނޯންނާނެ އެވެ. މިވަރަށް ދޮގު ހަދައި ރައްޔިތުންނަށް އޮޅުވާލަން ހެޔޮނުވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވިއިރު މުއިއްޒު ވިދާޅުވި އަނެއް ވާހަކައަކީ ގާނޫނުއަސާސީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމެވެ. އެއީ އިންތިހާއަށް ބޮޑު ޒިންމާއެކެވެ. މުއިއްޒުގެ އިސްތަށިފުޅުގައި އެޅިފައިވާ އެހާމެ ބޮޑު ޒިންމާއެކެވެ.
ނަމަވެސް ވެރިކަމަށް ފަރިތަވުމުން ހައްގުތައް ކުޑަދޮރުން ބޭރުކޮށްލައިފި އެވެ. ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށްވުރެ މުއިއްޒަށް މުހިންމީ، ވެރިކަން ކޮންސޮލިޑޭޓު ކުރުމެވެ. މުއިއްޒުގެ ފަރާތުން ފެންނަނީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ވެރިކަމުގައި ހުންނެވޭނެ މަގެއް ހޯއްދެވުމެވެ.
ރައްޔިތުންނަށް ލިބިފައި އޮތް އެންމެ ބޮޑު އެއް ހައްގަކީ ތިމާއީ މިނިވަނެއް ކަމުގެ އިހުސާސްވުމެވެ. ގާނޫނުއަސާސީ އާއި ގާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރެވުމެވެ. އެކަމަކު، ސިންގަޕޫރުގެ ޝޮޕިން މޯލެއްގެ ތެރެއިން އޯގަސްޓު، 2024، ގައި މުއިއްޒުގެ ފޮޓޯގަނޑެއް ނެގި މީހަކު ވެސް ކުށްވެރިވެއްޖެ އެވެ.
ފޮޓޯ ނެގި މީހާ މާލެ އައިތަނުން އޭނާ އެއީ މުޖުރިމެއް ކަމަށް ހަދައި ސަލާމަތީ ބާރުތަކުގެ ފައުޖަކުން އޭނާ ވަށާލައި ފޮޓޯ ނެގި ފޯނު އަތުލައިފި އެވެ. އެތަކެއް ބޮޑެތި ޖިނާއީ ތުހުމަތުތަކެއް އޭނާގެ ބޮލުގައި އަޅުވައިފި އެވެ. އާންމު ތަނެއްގައި ފޮޓޯގަނޑެއް ނެގި ކަމަށްޓަކައި ނިކަން ރަނގަޅަށް ހޭއަރުވައިލައިފި އެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައި، މުއިއްޒަށް ފާޑުކިޔައި އިދިކޮޅު އެމްޑީޕީގެ ޒުވާން ލީޑަރު، އައިޝަތު ޝިމަން، 20، ގެ ފޯނު އަތުލައި، ފާޑުކިޔުމުގެ ބަދަލު ހިފާލައިފި އެވެ. އެ ފޯނުގައި މެނުވީ ނުހުންނާނެ އޭނާގެ ޒާތީ ފޮޓޯތަކެއް މުޅި ދުނިޔެއަށް ލީކުކޮށްލައިފި އެވެ.
ޝިމަންގެ ފޯނު އަތުލިތާ ހަފުތާއެއްވަރު ފަހުން ފޯނު ލިބުނުއިރު، ފުލުހުން ކުރި ހަމައެކަނި ކަމަކީ ޝިމަންގެ ފޮޓޯތައް ހޭވުން ކަން ވަނީ ހާމަވެފަ އެވެ. އެއީ އެއްވެސް ލަދެއް ނެތި ބޮޑު ސަރުކާރަކުން ހިންގި ޖަރީމާއެކެވެ. އެއީ މާފިއާ ގޭންގަކުން ހަރަކާތްތެރިވާނެ ގޮތެވެ. އަހުރެންގެ ދީނަކީ އިސްލާމް ދީން ކަމަށް ދައުވާ ކުރާ މީހަކު އެފަދަ ހަރުބީ ކާފަރު ކަމެއް ކުރަން ހެޔޮނުވާނެ އެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން ހުރިހާ ބާރެއް ވެސް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ގާނޫނުއަސާސީ ރައްޔިތުންނަށް ކަށަވަރުކޮށްދޭ އެންމެ ބޮޑު ހައްގަކީ ކުރިން އެންގުމަކާ ނުލައި އެއްވެ އުޅުމުގެ މިނިވަންކަމެވެ. އެ ހައްގު މިއަދު އޮތީ މުއިއްޒުގެ އަރުއްވައިގެން ހުންނެވި ބޫޓުގެ ދަށުގަ އެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ތަކުރާރުކޮށް މުއިއްޒު ވިދާޅުވީ، ގާނޫނުއަސާސީ އިން ތަސައްވުރު ކުރާ އެންމެ ފުޅާކޮށް އެއްވެ އުޅުމުގެ ހައްގު ދެއްވާނެ ކަމަށެވެ. މިއަދު ޔަގީންވާ ކަމަކީ، އެއްވެ އުޅުމުގެ ހައްގު މުއިއްޒު ނުދެއްވާނެ ކަމެވެ.
އެމްޑީޕީ އިން އޮކްޓޯބަރު 3، ގައި ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވި މީހުންނަށް ޖިނާއީ ތުހުމަތުތަކެއްކޮށް، އެމީހުންގެ މައްސަލަތަކެއް ފުލުހުން ދަނީ މިހާރު ވެސް ބަލަމުންނެވެ. ބެލެވޭ ގޮތުގައި، ސަރުކާރުގެ މަގުސަދަކީ ރައްޔިތުން ބިރު ގެންނެވުމެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީ ކަށަވަރުކޮށްދޭ އެންމެ ބޮޑު އެއް މިނިވަންކަމެވެ. ނޫސްތަކާއި ނޫސްވެރިންނަކީ ރައްޔިތުންގެ ދުލެވެ. ރައްޔިތުންގެ ފަރާތުން ސަރުކާރަށް ދޭންޖެހޭ މެސެޖުތަކުގެ މެދުވެރިންނަކީ ނޫސްތަކެވެ. ސަރުކާރުން ބޭނުންވަނީ މިނިވަން ނޫސްވެރިކަން ނެތިކޮށްލާށެވެ. އެ މަގުސަދު ހާސިލުވާ ގޮތަށް މިހާރު ވަނީ ގާނޫނެއް ފާސްކޮށްފަ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު ބުނާ ގޮތުން ނޫސްތަކުގައި ލިޔާ ހަބަރުތަކުގެ ތެދު ދޮގު ކަނޑައަޅާނީ އެ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަކުންނެވެ. އެ ކޮމިޝަން އެކުލަވާލާފައި ވަނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށެވެ.
މުއިއްޒު އުފަން ކުރުވި ގާނޫނުގެ ދަށުން، ނޫސްތައް ބަންދު ކުރުމާއި ނޫސްތައް ޖޫރިމަނާ ކުރުމާއި ނޫސްތަކުގެ އޮފީސްތައް ރެއިޑު ކުރުމުގެ ބާރު ސަރުކާރަށް ލިބެ އެވެ. މި ގާނޫނަށް މީޑިއާތަކުން ތަބާވެއްޖެ ނަމަ މުޅި މީޑިއާ އޮންނާނީ ސަރުކާރުގެ އަތްދަށުގަ އެވެ.
މުއިއްޒުގެ ކިބައިން ރައްޔިތުންނަށް އިހުލާސްތެރިކަމެއް ނުފުނެވެ. ކުރައްވާ ކޮންމެ ކަމެއްގައި ވެސް އަޑި ނޭނގޭ އެހެން އަމިއްލަ ބޭނުމެއް އޮވެ އެވެ. ބަހާއި އަމަލުގައި ސާފު ސީދާ ގޮތްތަކެއް ނުހުރެ އެވެ.
މެއި 3، 2025، ގައި މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އެކަނި ބަލައިލި ނަމަވެސް އެމަނިކުފާނުގެ އިހުލާސްތެރިކަމެއް ނެތްކަން ހާމަވާނެ އެވެ. މުއިއްޒާއި އެމަނިކުފާނުގެ އާއިލާ އާރަށަށް ދަތުރު ކުރައްވާ މިންވަރު އޮޅުންފިލުވަން ނޫސްވެރިން އެދުމުން ހަމައެކަނި ދެއްވީ އެމަނިކުފާނު އާރަށަށް ދަތުރުކޮށްފައިވާ އަދަދެވެ. އާއިލާގެ ބޭފުޅުންގެ ދަތުރު ކުރެއްވި އަދަދު ސިއްރު ކުރެއްވީ އެވެ.
އަންނަ ހޮނިހިރު ދުވަހު އައްޑޫގައި ނަގަން އުޅޭ ވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު އެމަނިކުފާނުގެ ވާހަކައިން ފަހުން ހާމަވީ، ސަރުކާރުން ބޭނުންވަނީ އައްޑޫ ބައިބައިކޮށް ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދަންކަން ހާމަވި އެވެ.
ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކުރައްވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގަތުމަށްފަހު މިހާރު މުއިއްޒުގެ ފަރާތުން ފެންނަނީ އެ ނިޒާމު ފުނޑާލަން މަސައްކަތް ކުރައްވާ މަންޒަރެވެ. މުޅި ލާމަރުކަޒީ ނިޒާމު އެއްކޮށް ފުނޑާލައި، ކުރިން ރާއްޖޭގައި އޮތް ކަތީބުގެ ވެރިކަން ގެންނަން ސަރުކާރުން ދަނީ ގާނޫނެއް ޑްރާފްޓު ކުރަމުންނެވެ. އެ ގާނޫނު ވުޖޫދުވުމުން ލާމަރުކަޒީ ނިޒާމުގެ ނިމުމުގައި ސިއްކަ ޖެހުނީ އެވެ.
މުއިއްޒުގެ ހީލަތްތެރިކަމުގައި ޖެހުނު އެއް ބަޔަކީ ދިވެހި މަސްވެރިންނެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދަކީ ސަރުކާރަށް މަސް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ކުޑަ ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަހުގެ އަގު 16 ރުފިޔާއަށް ތިރިކޮށްލި އެވެ.
މަސްވެރި އާއިލާތައް މުޒާހަރާ ކުރަން ފެށުމުން ވެސް މުއިއްޒުގެ ސްޓޭންޑު ބަދަލެއް ނުވި އެވެ. ކުރިން ވެވަޑައިގެންނެވި ވައުދުގެ މަތިން ހަނދާނެއް ނެތެވެ. މަސްވެރިންނަށް ދެއްކީ ގަދަފަދަ ކަމެވެ. ކެމްޕެއިނުގައި ދެއްކެވި މޫނެއް.
މުއިއްޒު ހެއްދެވި އެންމެ ބޮޑު ހީލަތަކީ އިންޑިއާއާމެދު ދިވެހިންގެ ހިތްތަކުގައި އުފެއްދި ނަފުރަތެވެ. މުއިއްޒު ކުރިން ވިދާޅުވެފައި އޮތީ އިންޑިއާއިން މަސައްކަތް ކުރީ ދިވެހިން އަޅުވެތި ކުރަން ކަމަށެވެ. ދިވެހި ގައުމުގެ އިސްތިގުލާލު ނިގުޅައިގަތުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދިޔަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް މި އަހަރު ފާހަގަ ކުރި ދިވެހިރާއްޖޭގެ 65 ވަނަ މިނިވަން ދުވަހުގެ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ދެއްވި ހިސާބުން މުއިއްޒުގެ ދޮގު އެންމެނަށް ސާފުވެއްޖެ އެވެ. ކުރިން ދެއްކި ވާހަކަތަކަކީ އިންތިހާބު ކާމިޔާބު ކުރަން ހެދި އިހުލާސްތެރި ކަމެއް ނެތް ހީލަތެއްކަން އެނގިއްޖެ އެވެ.
ފައިސާ ޗާޕު ކުރެވޭނެ މަގު ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ވަރަށް ރަނގަޅަށް ބަޔާންކޮށްފައި އޮވެ އެވެ. އެކަން ކުރަންޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
އެކަމަކު މުއިއްޒުގެ ސަރުކާރުން މިވަގުތު ވެސް މަސައްކަތް ކުރަމުންދަނީ "ވަގަށް" ފައިސާ ޗާޕު ކުރުމަށެވެ. ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅޭ ގޮތަކީ، އެމްއެމްއޭއިން ޕެންޝަން އޮފީހަށް ފައިސާތަކެއް ދީގެން، އެ ފައިސާ ޕެންޝަން އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.
އެގޮތަށް ހެދުމުން އިގްތިސާދަށް ވަންނާނީ އާ ފައިސާ އެވެ. އެއީ ފައިސާ ޗާޕު ކުރާ ގޮތުން ކުރެ ގޮތެކެވެ. އެ އުކުޅު ބޭނުންކޮށްގެން ފައިސާ ޗާޕު ކުރި ނަމަވެސް ހިޔާރު ކުރަންޖެހޭ މަގަކީ ރައްޔިތުންގެ މަޖިލީހެވެ. މަޖިލީހުގެ ރުހުން އެކަމަށް ބޭނުންވާނެ އެވެ. ހަލާލު، ގާނޫނީ ގޮތަކީ އެއީ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މިދިޔަ މެއި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ވަކި ކުރީ ގާނޫނާ ހިލާފަށެވެ. ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެލީ އިޖުރާއަތްތައް ފުރިހަމަނުކޮށް ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އޮތީ ކަނޑައަޅުއްވާފަ އެވެ. ފަނޑިޔާރުން ވަކި ކުރީ ކައުންސެލް ޖެނެރަލްގެ ރައުޔަށް އެއްވެސް ބުރަދަނެއް ނުދީ އެވެ.
ޣައިރު ގާނޫނީކޮށް މުއިއްޒު ކުރައްވާ އަނެއް ކަމަކީ ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވުމެވެ. އެކަން ކުރުމަށްޓަކައި، ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ހާލަތެއްގައި މަޖިލީހުގެ މެންބަރުން ވަކި ކުރެވޭނެ ކަމަށް ބަޔާން ކުރާ މާއްދާއެއް ގާނޫނުއަސާސީގައި ވަނީ ހިމަނައިފަ އެވެ.
އެ މާއްދާގައި އޮތް ގޮތުން، މަޖިލީހުގެ މެންބަރުން މިވަގުތު ތިބީ ތަޅު އެޅުވިފަ އެވެ. އެ މެންބަރުންގެ މިނިވަންކަމެއް މިހާރު ނެތެވެ. އެއީ ސިޔާސީ ޕާޓީގެ އަޅުންތަކަކަށް ވެއްޖެ އެވެ. ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ރައީސް މުއިއްޒެވެ. އެ އިސްލާހު ފާސް ކުރީ ސީދާ އެމަނިކުފާނު ޕްރެޝަރުކޮށްގެންނެވެ.
ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ނައްތައިލުމުން އުފަންވާ ޣައިރު ގާނޫނީ އަނެއް ކަމަކީ، ދައުލަތުގެ ތިން ބާރު އެކުވެ، މަސްހުނިވުމެވެ. މިއީ ގާނޫނުއަސާސީގައި ލިޔެ، ތަސައްވުރުކޮށްފައިވާ ގޮތާ މުޅިން ހިލާފު ކަމެކެވެ. އެއީ ގާނޫނުއަސާސީ ފުނޑާލުމެވެ. މުޅި ގާނޫނީ ނިޒާމު އެއް ފަރާތްކޮށްލުމެވެ.
~~
ދިވެހިރާއްޖެ މިނިވަންކަންމަތީ ކުރިއަށް އޮތް ޖީލަށް ވާރުތަ ކުރުމަކީ ދިވެހިންގެ ވާޖިބެކެވެ. ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރާ މީހަކު ނުކިއްސަރު މަގަކުން ހިންގަވާ ނަމަ އެމީހަކު އިސްލާހު ކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެކެވެ.
މުއިއްޒު މި ފައްކާ ކުރަނީ ހުދުމުހުތާރު ވެރިކަމެކެވެ. ވެވަޑައިގަންނަވަން އުޅުއްވަނީ ޑިކްޓޭޓަރަކަށެވެ. އެމަނިކުފާނަށް އެ ޖާގަ ނުދެއްވުމަކީ ތިބާގެ ޒިންމާއެކެވެ. އެކަން ނާކާމިޔާބުކޮށްލުމަކީ ގައުމީ ވާޖިބެކެވެ. އެއީ ގައުމާއި ދީނުގެ މަގުގައި ކުރެވޭނެ މަތިވެރި ޖިހާދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ