ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިންނަވާ ހާއްސަ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ކުޅެން ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާގެ ރައީސަކު، ރާއްޖެ އަށް މި ވަޑައިގަންނަވަނީ 19 އަހަރަށް ފަހު އެވެ. އެންމެ ފަހުން ފީފާގެ ރައީސަކު ރާއްޖެ އަށް ވަޑައިގެންނެވީ 2006 ވަނަ އަހަރު، އޭރުގެ ރައީސް ސެޕް ބްލެޓާ އެވެ.
އިންފަންޓީނޯ، މާދަމާގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާއިރު، މި ދަތުރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އޮފިޝަލުންގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކާ ބައްދަލުކުރާނެ އެވެ. މީގެ އިތުރުން، މާދަމާ ހަވީރު، 16:00-18:00 އަށް ގަލޮޅު ދަނޑުގައި ރައީސް ޑރ. މުއިއްޒު އާއި ފީފާގެ ރައީސް އިންފަންޓީނޯ ބައިވެރިވެވަޑައިގަންނަވާ މެޗުގެ އިތުރުން، އެކަޑަމީތަކުގެ ކުޅުންތެރިންނާއި ކުޑަކުދިން ބައިވެރިވާ ހަރަކާތްތަކެއް ވެސް އޮންނާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.
މިއީ އިންފަންޓީނޯ ފީފާގެ ރައީސްގެ މަގާމު އަދާކުރައްވާ ތިންވަނަ ދައުރެވެ. ފީފާގެ ރައީސްގެ މަގާމަށް ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯ، އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.
ސްވިޒަލެންޑުގެ ޔުނިވާސިޓީއެއްގެ އެޑްމިނިސްޓްރޭޓިވް ރޯލަކުން ފާހަގަވެ، އެ ޔުނިވާސިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަސައްކަތް ފެށި އިންފަންޓީނޯ، ޔޫރަޕްގެ މައި ފުޓްބޯޅަ ޖަމިއްޔާ، ޔުއެފާއާ ގުޅުނީ 2000 ވަނަ އަހަރު އެވެ.
ޔުއެފާގެ ޑިރެކްޓާ އޮފް ލީގަލް އެފެއާޒްގެ މަގާމާއި ކްލަބް ލައިސަންސިން ޑިވިޝަންގައި މަސައްކަތް ކުރެއްވުމަށް ފަހު 2007 ވަނަ އަހަރު ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމު އިންފަންޓީނޯ އަށް ލިިބިވަޑައިގެންނެވި އެވެ.
މިހާރު އެފްްއޭއެމްގައި އޮތް، އެ އެސޯސިއޭޝަންގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)ގެ ޓީމަށް އިންފަންޓީނޯ ވަނީ ދާދި ފަހުން، ސޯޝަލް މީޑިއާ ޕޯސްޓެއް ކުރައްވައި، ތައުރީފް ކުރައްވައިފަ އެވެ. ތޯރިގު ވަނީ، އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމަކީ، ދިވެހި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި ލިބުނު ހިތްވަރެއް ކަމަށް ވިދާޅުވެފަ އެވެ.
އޭޝިއާގެ ގިނަ ގައުމުތަކަކަށް މި ފަހުން ދަތުރުކުރެއްވި އިންފަންޓީނޯ، ރާއްޖޭގެ ދަތުރު ނިންމާލުމަށް ފަހު މާދަމާރޭ ފުރާނެ އެވެ.
ފީފާގެ ރައީސާއި ރައީސް މުއިއްޒު ބައިވެރިވާ ފުޓްބޯޅަ މެޗެއް ކުޅެނީ ފީފާގެ ރައީސާއި ރައީސް މުއިއްޒު ބައިވެރިވާ ފުޓްބޯޅަ މެޗެއް ކުޅެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ