ކުޑަ ޗިޕަކާއި އައިނަކުން ލޮލަށް ފެންނަ ގޮތް ހެދިދާނެ ކުޑަ ޗިޕަކާއި އައިނަކުން ލޮލަށް ފެންނަ ގޮތް ހެދިދާނެ

އުމުރުން ދޮށީވަމުންދާ ވަރަކަށް، ލޮލުގެ ފެނުން ދަށް ވުމަކީ ވަރަށް ގިނަ މީހުންނަށް މެދުވެރިވާ ހާލަތެކެވެ. މިކަމުގައި އެކި މީހުންނަށް މެދުވެރިވަނީ އެކި ގޮތެވެ. ބައެއް މީހުން އުމުރުގެ ވަރަށް ކުރީ ކޮޅުގައި ވެސް، ލޮލުގެ ފެނުން ދަށްވުމުން، އައިނާއި ލެންސު އަދި ލޭޒާ ފަރުވާ ފަދަ ވަސީލަތްތަކުގެ އެހީތެރިކަން ހޯދަންޖެހެއެވެ.
އަނެއް ބަޔަކަށް މެދުވެރިވާ އެންމެ ދެރަ ހާލަތަކީ އުމުރުން ދޮށީވުމުން ލޮލުގެ ފެނުން ދަށްވަމުން ގެސް، ލޮލުގެ ފެނުން އެއްކޮށް ގެއްލުމެވެ. އެފަދަ ހާލަތެއްގައި ދެވޭނެ މާ ގިނަ ފަރުވާއެއް ވެސް ނެތެވެ. އަދި ލޮލުގެ ފެނުން އަނބުރާ ހޯދުމަށް ކުރެވޭނެ މާ ބޮޑު ކަމެއް ވެސް މިހާތަނަށް އީޖާދުކުރެވިފައެއް ނެތެވެ.
ނަމަވެސް ސައެންސްވެރިންނާއި ދިރާސާކުރާ މީހުންގެ މަސައްކަތުން، ތަންކޮޅެއް ދުރުން ނަމަވެސް، އުންމީދުގެ އަލިކޮޅެއް މިހާރު ފެންނަން ފަށައިފިއެވެ. އެކަމަށް ލިބުނު އުންމީދަކީ، ލޮލުގައި އިންދާ ޗިޕަކާއި ހާއްސަ އައިނެއްގެ އެހީގައި، މުސްކުޅިންނަށް ވެސް ފެންނަކަން ސާބިތުވުމެވެ.
ދިރާސާކުރި މީހުން ބުނި ގޮތުގައި އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލުގެ ފެނުން ގެއްލިފައި ތިބި ބަޔަކު ބައިވެރިކޮށްގެން ކުރި، އަޖުމަބެލުމުގެ ދިރާސާގައި 38 މީހުންނަށް ތަންތަން ބަލައި އެއްޗެހި ކިޔައި އުޅެވޭ ގޮތްވިއެވެ. ލޮލުގެ އެއްކޮށް ގެއްލިފައި ތިބި އެމީހުންނަށް އަލުން ތަންތަން ފެންނަގޮތްވީ ލޮލުގައި އިންދި ޗިޕަކާއި އެކަމަށް ހާއްސަކޮށް އުފެއްދި އައިނެއްގެ އެހީގައެވެ.
ދަ ނިއު އިންގްލޭންޑް ޖާނަލް އޮފް މެޑިސިންގައި މި މަހުގެ 20 ވަނަ ދުވަހު ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ލޮލަށް ޗިޕެއް ލައްވައިގެން އަހަރު ދުވަސް ވަންދެން ފަރުވާ ކުރުމަށް ފަހު އެމީހުންގެ ހާލަތު ވަޒަންކުރުމުން، އޭގެ ތެރެއިން 80 ޕަސެންޓް މީހުންނަށް، ލިޔެފައި ހުންނަ އެއްޗެހި ކިޔޭ ވަރަށް ލޯ އަލިވިއެވެ.
އެހެންކަމުން، މިއީ މަސްނޫއީ އާލާތްތަކުގެ އެހީގައި، ލޮލަށް ފެންނަ ގޮތް ހެދުމަށް ކުރަމުން އަންނަ މަސައްކަތްށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ލޮލުގެ ފެނުން އެއްކޮށް ގެއްލިފައި ތިބި މީހުންނަށް، އަލުން ފެނުމުގެ ގާބިލުކަން ލިބިދޭ އާލާތެއް އީޖާދުކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.
މި ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން އުމުރުން ދޮށިވުމުން ލޮލުގެ ފެނުން ދަށްވުމުގެ މައްސަލަ އާންމު ގޮތެއްގައި މެދުވެރިވަނީ އުމުރުން 65 އަހަރުން މައްޗަށް ދިއުމުންނެވެ. މި ހާލަތު މެދުވެރިވަނީ ލޮލުގެ ރެޓީނާގެ މެދުތެރެއަށް ލިބޭ ގެއްލުންތަކެއްގެ ސަބަބުންނެވެ. މިހާލަތުގައި މާ ބޮޑުވަރުވުމުން (ޖިއޮގްރަފިކް އެޓްރޮފީ)، ރެޓީނާގެ ސެލްތަކަށް ގެއްލުން ލިބި، ލޮލުގެ ފެނުން އެއްކޮށް ގެއްލެއެވެ.
މި ފަރުވާ ކުރަނީ ލޮލުގެ ރެޓީނާގެ މެދުތެރެއިން ސެލްތައް މަރުވެފައި ހުރި ތަން ފާހަގަކޮށް، އެ ތަނަށް ކުޑަކުޑަ ޗިޕެއް ލައްވައިގެންނެވެ. ދެން އެ ޗިޕް ވަޔަލެސްކޮށް ގުޅިފައި ހުންނަނީ، އެކަމަށް ހާއްސަކޮށްގެން އުފައްދާފައި ހުންނަ އައިނަކާއެވެ. ލޮލުގައި އެޅުވި އައިނަށް ފެންނަ މަންޒަރުތައް، ލޮލުގެ އެތެރެއަށް ލެއްވި ޗިޕަށް ފޮނުވައިދެނީ، އަތުކުރީގައި އަޅުވާފައި އޮންނަ ކުޑަކުޑަ ކޮމްޕިއުޓަރެއްގެ ޒަރީއާއިންނެވެ.
މި ނިޒާމަށް ސައެންސްވެރިން ދީފައިވާ ނަމަކީ، "ފޮޓޯވޮލްޓައިކް ރެޓީނާ އިމްޕްލާންޓް މައިކްރޯއެރޭ (ޕްރީމާ) ސިސްޓަމް" އެވެ. މި ނިޒާމުން ކުރާ ކަމަކީ، ލޮލުގައި އަޅުވާފައި އިންނަ އައިނުގައިވާ ވީޑިއޯ ކެމެރާއަށް ފެންނަ މަންޒަރުތައް ފޮޓޯ ނެގުމެވެ. އެއަށް ފަހު، އެއައިނާ ގުޅާފައި އޮންނަ ކުޑަ ކޮމްޕިއުޓަރުން އެ މަންޒަރުތައް، އިންފްރާރެޑް އައްޔެއްގެ ގޮތުގައި، ލޮލުގައި އިން ޗިޕަށް ފޮނުވަމުންދާނެއެވެ.
ޗިޕަށް ލިބޭ އިންފްރާރެޑްގެ ދޯދިތައް އިލެކްޓްރިން ސިގްނަލްތަކަކަށް ބަދަލުކޮށްލައި، ސިކުނޑިއަށް ފޮނުވުމުން، ސިކުނޑިން އެ ސިގްނަލްތައް ހަގީގީ މަންޒަރުތަކަކަށް ބަދަލުކޮށްލުމުން، އެމީހާއަށް އެ މަންޒަރު ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ