ކުރީގެ އުއްތަމަ ފަނޑިޔާރުގެ ރައްދެއް ރައީސަށް: 'މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ދިނުމުގެ އަސާސެއް ނެތް'

ރައްޔިތުންގެ ވޯޓުން މަޖިލީހަށް އިންތިޚާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމުގެ އެއްވެސް އަސާސެއް ނެތް ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުالله ދީދީ، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މިއަދު ރައްދުދެއްވައިފިއެވެ. މެންބަރުން ޕާޓީން ވަކިވުމުންނާއި، ވަކިކުރުމުން ވެސް ވަގުތުން ގޮނޑި ގެއްލޭ ގޮތަށް، ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މިދިޔަ އަހަރު ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ. އެހެންވެ، އެ އިސްލާހާ އެކު މެންބަރުން 'ތަޅުއެޅުވުނީ' ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ. https://sun.mv/214349 އޭގެފަހުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ސަރުކާރުން ހުށަހެޅިއެވެ. ޕީއެންސީގެ ބައެއް މެންބަރުން އެ އިސްލާހަށް ތާއިދުކުރި ނަމަވެސް، ފަހުން ނިންމީ އިސްލާހު ފާސްނުކުރުމަށެވެ. ވިހިވަނަ މަޖިލީހުގެ މެންބަރުން: މެމްބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމުގެ އަސާސެއް ނެތް ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު ވަނީ ރައީސަށް ރައްދު ދެއްވާފައި -- ފޮޓޯ/ މަޖިލިސް ރައީސް، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މީހަކު ވަނީ މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ހޯދީ ރައްޔިތުންގެ ޚިޔާލު ނުހޯދައި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ ރައްޔިތުން މަންދޫބުން ހޮވާފައި ތިބެނީ ވަކި ގޮތަކަށް ކަމަށާއި، ވޯޓު ދެނީ ވަކި ޕާޓީއަކުން ކުރިމަތިލީމަ ކަމަށެވެ. އެހެންވެ، ގާނޫނުއަސާސީ އިސްލާހު ކުރީ، ރައްޔިތުންގެ ނިންމުމަށް އިޚުތިރާމު ކުރުވުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ވާހަކައަށް ރައްދުދެއްވައި، ކުރީގެ އުއްތަމަ ފަނޑިޔާރު މިއަދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ދީދީ ވިދާޅުވީ ރައީސްގެ ވާހަކަފުޅުގައި ގާނޫނީ އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ. އެ ގޮތަށް ސިފަކުރެއްވި ސަބަބު ވެސް ގާނޫނާ ހަވާލާދީ، ދީދީ ވަނީ ކިޔައިދެއްވާފައެވެ. https://x.com/AABDULLADIDI/status/1997965082257723609 އޭނާ ވިދާޅުވީ ރާއްޖޭގައި އަމަލުކުރާ އިންތިޚާބީ ނިޒާމަކީ، 'ފަރުދީ އިންތިޚާބުގެ ނިޒާމު' ކަމަށްވާއިރު، އެ ނިޒާމުން ހޮވަނީ ކޮންމެ ދާއިރާއަކުން އެންމެ ގިނައިން ވޯޓު ލިބޭ ކެންޑިޑޭޓަކު ކަމަށެވެ. އަދި، ރައްޔިތުން ކެންޑިޑޭޓުން އިޚްތިޔާރު ކުރަނީ، އެ މީހެއްގެ ހުންނަ ހަރުދަނާ ސިފަތަކަށް ބަލާފައިކަން އޭނާ ފާހަގަކުރެއްވިއެވެ. "ކެންޑިޑޭޓް ތަބާވާ ޕާޓީ އަސާސަކަށް ބަލައިގެނެއް ނޫނެވެ. އެއާ ޚިލާފަށް، ޕާޓީ އަސާސަކަށް ބަލައިގެން މެންބަރުން އިންތިޚާބު ކުރާ ނިޒާމަކީ ޕާޓީން ހުށަހަޅާ ލިސްޓަށް ވޯޓުދޭ ނިޒާމެވެ. މި ނިޒާމަކީ ދިވެހިރާއްޖެ ދަންނަ ނިޒާމެއް ނޫނެވެ." ދީދީ ވިދާޅުވިއެވެ. ރައީސް މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް: މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމުގެ އަސާސެއް ނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް ހަމައެހެންމެ، ރައްޔިތުން ކެންޑިޑޭޓުން އިންތިޚާބުކުރަނީ ޕާޓީ އަސާސަށް ބަލައިގެން ނޫންކަން ފާހަގަކުރައްވައި، ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވީ، މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ލިބެން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ. "ޙަގީގަތަކީ މި ބުނެވުނު ދެވަނަ އިންތިޚާބީ ނިޒާމު [ޕާޓީން ހުށަހަޅާ ލިސްޓަށް ވޯޓުދޭ ނިޒާމު]ގެ ދަށުން ޕާލަމެންޓްތަކަށް އިންތިޚާބުކުރެވޭ މެންބަރުންވެސް، މެންބަރުކަމުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަކީ ކުރިއަރާފައިވާ ޑިމޮކްރެސީތައް ދަންނަކަމެއް ނޫނެވެ." ދީދީ އިތުރަށް ވިދާޅުވިއެވެ. ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން މެންބަރަކު އިންތިޚާބުވި ޕާޓީ އޭނާގެ މެންބަރުކަން ހިނގަމުންދާ ދައުރުގައި ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ. ގާނޫނުއަސާސީއަށް ގެނައި އެ ބަދަލު އުވާލުމަށްޓަކައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިނަމަވެސް، އެ މައްސަލަ ކުރިއަށް ނުދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ