އާބާދީ ކުޑަ ގޮއިދޫގައި 5 އަހަރުތެރޭ 9 މީހަކަށް ކެންސަރު: ދަނޑުތަކުގައި ބޭސް ބޭނުންކުރާ ގޮތް ބަލަން އެދިއްޖެ

ނިސްބަތުން ކުޑަކުޑަ އާބާދީއެއް އޮތް ބ. ގޮއިދޫގައި ކެންސަރު ބަލި އާއްމުވާ ސަބަބު ދިރާސާކޮށްދިނުމަށާއި، އެ ރަށުގެ ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކުރާ ގޮތް ބެލުމަށް އިންސްޕެކްޝަނެއް ހިންގައި ދިނުމަށް އެދިއްޖެއެވެ. ސޯޝަލް މީޑިއާގައި 'ޝަހުލާ ވަޖީހު' ނަމަކަށް ކިޔާ ގޮއިދޫއަށް ނިސްބަތްވާ މީހަކު ވަނީ އެ ރަށުގައި ކަންބޮޑުވުން ބޮޑު ދެ މައްސަލައަކަށް ހައްލު ހޯދައިދިނުމަށް އެދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމަށާއި، އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއަށް އެކަމާ ގުޅޭ ގޮތުން ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ބުނެފައިވަނީ، ގާތްގަނޑަކަށް 500 މީހުން އުޅޭ ގޮއިދޫގައި ގައިން ގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށާއި، އޭގެ ތެރެއިން ވެސް ޚާއްސަކޮށް ކެންސަރު ބަލި ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. މިދިޔަ ފަސް އަހަރު ތެރޭގައި ގޮއިދޫގެ ނުވަ މީހަކަށް ކެންސަރު ޖެހި، ތިން މީހަކު މަރުވެފައިވާކަން އޭނާ ފާހަގަކުރިއެވެ. އަދި ގޮއިދޫއަކީ އާބާދީ މަދު ރަށެއް ނަމަވެސް ނިސްބަތުން ބަލާއިރު ދުންފަތުގެ އިސްތިއުމާލުކުރާ އަދި ދުފާ މީހުން ގިނަ ރަށެއް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. ދެވަނަ ކަމަކަށް އެ ސިޓީގައި ފާހަގަކޮށްފައި ވަނީ ގޮއިދޫގައި ދަނޑު ހެއްދުމަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 95 އިންސައްތަ ދަނޑުތަކަކީ ދަނޑުގެ ވެރިފަރާތުން ބިދޭސީންގެ އަތް މައްޗަށް ދޫކޮށްލާފައިވާ ދަނޑުތަކެއް ކަމަށެވެ. އަދި ގިނަ ދަނޑުތަކުގައި ހައްދާ ތަރުކާރީއާއި މޭވާއަކީ އިންސާނުންގެ ފުރާނައަށް ނުރައްކާ މިންވަރަށް 'ޕެސްޓިސައިޑްސް' އަދި އެ ނޫންވެސް އެކިއެކި ކެމިކަލްތަކުން ތަޣައްޔަރުވެފައިވާ ތަކެތި ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އަދި ގަސް ގަހަށް ޖަހާ ބޭސްތައް ވެސް ބޭނުންކުރަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫންކަން ވަނީ ފާހަގަކޮށްފައެވެ. ދަނޑުތަކުގައި މަސައްކަތްކުރާ ބިދޭސީން، ބޭސް ޖެހުމަށްފަހު, އެކަށީގެންވާ ވަގުތު ދިނުމެއްނެތި ފަތްޕިލާވެއްޔާއި، މިރުހާއި، ކިޔުކަންބާ ފަދަ ނުކައްކާ ބޭނުންކުރެވޭ ތަކެތި ކަނޑައި، ވިއްކަމުންދާކަމީ ރަށު ފަރުދެއްގެ ހައިސިއްޔަތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ސިޓީގައި އޭނާ ބުނެފައިވެއެވެ. https://sun.mv/196488 މިކަންކަމަކީ ސިއްހީ ގޮތުން ރައްޔިތުން ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަކަށްވީ ހިނދު، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގައި ބަޔާންކުރާ ފަދައިން ގޮއިދޫ ދަނޑުތަކުގައި އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އަދި ރަށު ފެންވަރުގައި ކެންސަރުބަލި އާއްމުވަމުންދާ މައްސަލައިގައި އެކަމުގެ ފަހަތުގައިވާ ސަބަބުތައް ދިރާސާކޮށް އެކަންކަމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖޭގެ ދަނޑުތަކުގައި އުފައްދާ ތަކެއްޗަކީ ފެންވަރު ރަނގަޅު ތަކެތިތޯ ބެލުމަށްޓަކައި މޯލްޑިވްސް ފުޑް އެގްރިކަލްޗާ ޕްރެކްޓިސް ސެޓްފިކޭޝަން (އެމްގެޕް ސެޓިފިކޭޝަން)ގެ ނަމުގައި ދަނޑުތައް އޮޑިޓްކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ. ކެންސަރު ބައްޔަކީ ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް އާންމުވަމުންދާ ބައްޔަކެވެ. އެ ބަލި ޖެހުމުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ދައުރު ވަރަށް ބޮޑެވެ. އަދި އާއިލީ ގޮތުން ވާރުތަ ކުރުމުގެ ފުރުސަތު ވެސް އޮވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގެ 2020 ވަނަ އަހަރު ތަފާސްހިސާބުތަކުގެ މައްޗަށް އަންދާޒާކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ