ފަސް ލައްކަ މީހުން އުޅޭ ކޭޕް ވާޑް ފީފާ ވޯލްޑް ކަޕަށް ފަސް ލައްކަ މީހުން އުޅޭ ކޭޕް ވާޑް ފީފާ ވޯލްޑް ކަޕަށް

ޕްރައިއާ، ކޭޕް ވާޑް (އޮކްޓޫބަރު 14) - ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ ކޭޕް ވޭޑް އިން އަންނަ އަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެއްޖެ އެވެ.
ކޭޕް ވާޑް އަކީ އައިސްލެންޑަށް ފަހު، ފީފާ ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ ކުޑަ ގައުމެވެ. އެފްރިކާގެ ޖަޒީރާ ގައުމެއް ކަމަށްވާ ކޭޕް ވާޑްގައި މިހާރު ދިރިއުޅެނީ 520،000 މީހުންނެވެ. އެ ޓީމުން އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރީ ރޭ އެސްވަޓީނީ އަތުން 3-0 އިން މޮޅުވެގެންނެވެ.
ފަނަރަ ހާސް މީހުންނަށް ވަދެވޭ ދަނޑެއްގައި ކޭޕް ވާޑްގެ ހޯމް މެޗުތައް ކުޅޭއިރު، ރޭގެ މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ، ޑައިލޯން ލިވްރަމެންޓޯ، ވިލީ ސެމޭޑޯ އަދި ސްޓޮޕީރާ އެވެ. މި ތިން ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.
ޕޯޗުގީސުންގެ އަތްދަށުން 1975 ވަނައިގައި މިނިވަންވި، ކޭޕް ވާޑް އިން އެންމެ ފުރަތަމަ ވޯލްޑް ކަޕަކަށް ކޮލިފައިވުމަށް ވާދަކުރީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި އޮތް މުބާރާތަށެެވެ. އޭގެ ފަހުން، ފުޓްބޯޅައިގައި ކުރިއެރުން ހޯދަމުން އައިސް، އެފްރިކަން ކަޕް އޮފް ނޭޝަންސްއެެއްގެ ކުއާޓާ ފައިނަލުގައި ދެ ފަހަރެއްގެ މަތިން ކުޅުނެވެ. އެންމެ ފަހުން، ކުޅުނީ 2023 ވަނަ އަހަރުގެ މުބާރާތުގަ އެވެ.
ވޯލްޑް ކަޕަށް ކޮލިފައިވުމުން ބޭއްވި އުފާފާޅުކުރުންތަކުގައި، ކޭޕް ވާޑްގެ ރައީސް، ޖޯސޭ މާރިއާ ރެޔޭސް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި، ފުޓްބޯޅަ ކުރިއަރުވަން ކުރަން ޖެހޭ އިތުރު މަސައްކަތްތައް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޭޕް ވާޑް އަކީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި 22 ވަނަ ޓީމެވެ. އަދި، އެފްރިކާގެ ހަ ވަނަ ގައުމެވެ. މީގެ ކުރިން، މިސްރު، އަލްޖީރިއާ، ގާނާ، ޓިއުނީޝިއާ އަދި މޮޮރޮކޯ ވަނީ ވޯލްޑް ކަޕުން ޖާގަ ޔަގީންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ