އޯޕަންއޭއައިގެ ޚަރަދު 2029 އަހަރާ ހަމައަށް 115 ބިލިއަން ޑޮލަރަށް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެސްދިން އޯޕަންއޭއައި އިން އެކުންފުނީގެ ހަރަދުތައް 2029 ވަނަ އަހަރާ ހަމައަށް 115 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފިއެވެ. އެކުންފުނީގެ މަގުބޫލު ޗެޓްޖީޕީޓީ ޗެޓްބޮޓަށް ބާރުދޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއަށް ކުރާ ހޭދަ އިތުރުވުމުގެ ސަބަބުން މިހާ ބޮޑު ހަރަދެއް ކުރާނެ ކަމަށް މި ލަފާކުރެވޭއިރު، މިކަން ހާމަކޮށްފައިވަނީ ދި އިންފޮމޭޝަން ނޫހުން ހުކުރު ދުވަހު ޝާއިއުކުރި ރިޕޯޓެއްގައެވެ. މި އާ ލަފާކުރުން، ކުރިން ލަފާކުރި އަދަދަށްވުރެ 80 ބިލިއަން ޑޮލަރު އިތުރުކަން ފާހަގަވާއިރު، މި އަހަރު އެކަނިވެސް އޯޕަންއޭއައި އިން 8 ބިލިއަން ޑޮލަރަށްވުރެ ގިނައިން ހަރަދުކުރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ މި އަހަރުގެ ކުރީކޮޅު ލަފާކުރި އަދަދަށްވުރެ 1.5 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ. ދުނިޔޭގެ އެންމެ ބޮޑު ކްލައުޑް ސަރަވާތައް ކުއްޔަށް ނަގާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އޯޕަންއޭއައި އިން، މި އިންތިހާ ބޮޑު ހަރަދު ކޮންޓްރޯލް ކުރުމަށްޓަކައި، އެކުންފުނީގެ އަމިއްލަ ޑާޓާ ސެންޓަރު ސާވާއާއި، ޗިޕްސް އާއި ވަސީލަތްތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދި އިންފޮމޭޝަން އިން ބުނެއެވެ. ހުކުރު ދުވަހު ފައިނޭންޝިއަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޯޕަންއޭއައި އިން އަންނަ އަހަރު އެމެރިކާގެ ސެމިކޮންޑަކްޓާ ކުންފުނި ބްރޯޑްކޮމް އާ ގުޅިގެން ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ޗިޕް އުފައްދާނެއެވެ. މި ޗިޕް ބޭނުންކުރާނީ އެކުންފުނީގެ އަމިއްލަ ބޭނުންތަކަށެވެ. މީގެ އިތުރުން، އޯޕަންއޭއައި އިން ވަނީ ޖުލައި މަހު އޮރަކަލް އާ ގުޅުން ބަދަހިކޮށް، 4.5 ގިގާވޮޓްގެ ޑާޓާ ސެންޓާ ކެޕޭސިޓީ ގާއިމުކުރުމަށް ރާވައިފައެވެ. މިއީ ޖަޕާނުގެ ޓެކްނޮލޮޖީ އިންވެސްޓަރު ސޮފްޓްބޭންކް ގްރޫޕް ވެސް ބައިވެރިވާ 500 ބިލިއަން ޑޮލަރުގެ ސްޓާގޭޓް އިނިޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މީގެ އިތުރުން ގޫގުލް ކްލައުޑް ވެސް ވަނީ އޯޕަންއޭއައި ގެ ކޮމްޕިއުޓިން ކެޕޭސިޓީ ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއަށް އިތުރުކޮށްފައެވެ. ދި އިންފޮމޭޝަން އިން ލަފާކޮށްފައިވާ ގޮތުގައި، އޯޕަންއޭއައި ގެ ހަރަދުތައް އަންނަ އަހަރު ދެގުނައަށްވުރެ އިތުރުވެ 17 ބިލިއަން ޑޮލަރަށް އަރާނެއެވެ. މިއީ ކުރިން ލަފާކުރި އަދަދަށްވުރެ 10 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ. 2027 ވަނަ އަހަރު 35 ބިލިއަން ޑޮލަރު، އަދި 2028 ވަނަ އަހަރު 45 ބިލިއަން ޑޮލަރުގެ ހަރަދެއް ކުރާނެ ކަމަށް ވެސް އެ ނޫހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ