ޙައިޟުވެރިންނަށް ދުޢާކުރެވޭނެތަ؟
ޙައިޟުވެރިކަމާއި ނިފާސްވެރިކަމަކީ އަންހެނުންނަށް ދިމާވާ ކަމެކެވެ. އެއީ އެކަނބަލުންނަށް ކުރިމަތިވާ އުނދަގޫ ކަމެއް ކަމަށް ﷲ ވަނީ ޤުރުއާނުގައި ސިފަކުރައްވައިފައެވެ. އެ ކަމުގެ އުނދަގޫ ތަޙައްމަލުކުރުމުގައި އަންހެނުންނަށް ތަކުލީފުތަކެއް ހުންނާނެތީ އެ ދުސްވަރު މާތް ﷲގެ ޙައްޤުތައް އަދާނުކޮށް މަޑުކޮށްލުމުގެ ލުއި ﷲ ވަނީ ދެއްވައިފައެވެ. ޙައިޟުވެރިންނަށް އޮތީ ފަރުޟު އަޅުކަންތައް ނުކުރިއެއްކަމަކު އޭގެ ސަވާބު ލިބޭ ގޮތް ވެސް މިންވަރުކުރައްވައިފައެވެ. ފަރުޟުވެފައި ހުރި ކަންކަން ފިޔަވައި ސުންނަތް ނަމާދާއި ސުންނަތް ރޯދައާއި ސުންނަތް ޠައާފު ވެސް ކުރުން އެކަނބަލުންނަށް އެ ދުވަސްވަރު މަނާވެގެން ވެއެވެ. އަޅުކަމުގެ ގޮތުން ކުރެވޭނެ ވަރަށް ގިނަ އިތުރު ކަންކަން ހުރެއެވެ. ޙައިޟު ނިފާސްކަމުގައި ހުންނަ އަންހެން މީހާއަށް ޒިކުރުކުރުމާއި ދުޢާ ކުރުމަކީ ހުއްދަވެގެން ވާ ކަންކަމެވެ. ޙައްޖަތުލް ވަދާޢުގައި ޢާއިޝާ رضي الله عنها އިޙުރާމުގެ ހާލަތުގައި ހުންނަވަނިކޮށް މައްސަރުކަންތައް ޖެހިވަޑައިގަތެވެ. އެހިނދު ޙައްޖުގެ މަނާސިކުތައް އަދާކުރެވިދާނެތޯ ބެއްލެވުމަށް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمއާ ސުވާލުކުރެއްވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. »افْعَلِي مَا يَفْعَلُ الْحَاجُّ غَيرَ أَن لَا تَطُوفِي باِلبَيتِ حَتَّى تَطْهُرِي« (رواه البخاري ومسلم) މާނައީ: "ޙައްޖުވެރިން ކުރާ ހުރިހާ ކަމެއް ކަމަނާ ކުރައްވާށެވެ. އެހެނަސް، ޙައިޟުން ޠާހިރުވެއްޖައުމަށް ދާންދެން ކައުބާގައި ޠަވާފުނުކުރައްވާށެވެ!" މި ޙަދީޘުން އެނގެނީ އާންމުކޮށް އަޅުކަމުގެ ގޮތުން ހުރި ބައެއް ކަންކަން ޙައިޟުވެރިޔާއަށް ވެސް ކުރެވޭނެ ކަމެވެ. ޙައްޖުވެރިން ކުރާ ހުރިހާ ކަމެއް ކުރުމުގެ އިޒުނަ ޢާއިޝަތުގެފާނަށް ދެއްވުމުން އެނގެނީ ޙައިޟުވެރިޔާއަށް ސަޢްޔުކުރެވޭނެ ކަމެވެ. ޒިކުރުކުރެވޭނެ ކަމެވެ. ދުޢާކުރެވޭނެ ކަމެވެ. ހިތުން ދަސްވެފައި އޮތް މިންވަރަކަށް ޤުރުއާން ކިޔެވޭނެ ކަމެވެ. ހެޔޮ ވާހަކަ ދެއްކުމާއި ދީނީ ދައުވަތު ދިނުމަކީ ވެސް ހެޔޮ ޢަމަލުގެ ގޮތުން، ޙައިޟުވެފައި ހުންނަ އަންހެނާއަށް ކުރެވިދާނެ ކަންކަމެވެ. ޙައިޟުވެރިވުމާއި ނިފާސްވެރިވުމަކީ އަންހެނުން އަމިއްލައަށް ހޯދައިގަންނަ ކަންކަމެއް ނޫނެވެ. އާދަމުގެދަރި އަންހެނަކަށް ވީތީ ޠަބީޢީ ގޮތުން އޭނާއާ ކުރިމަތިވާ ކަންކަމެވެ. އެއީ އޭނާއަށް އަމިއްލަ ބާރުން އަރައިގަނެވޭނެ ކަންކަމެއް ވެސް ނުމެނޫންމެއެވެ. އެހެންކަމުން އެފަދަ ޠަބީޢީ ކަމެއްގެ ސަބަބުން ދުޢާއިން އެކަނބަލުން މަޙުރޫމުވުމަކީ ވަރަށް ބޮޑު ދެރައަކަށް ވާނެއެވެ. އެކަނބަލުންނަށް ދިމާވާ އެ ހާލަތުގެ ސަބަބުން މާތް ﷲއަށް ދެންނެވުމުގެ ދޮރުތައް އޭނާގެ ކުރިމަތީ ބަންދުވާން ޖެހޭނެބާއެވެ؟ އޭނާ އެ ހާލަތުގައި ހުއްޓައި ކިތަންމެ ބޮޑު ކަމެއް ވެސް ޖެހިދާނެ ނޫންހެއްޔެވެ؟ އޭނާ މާތް ﷲގެ ޙަޟްރަތަށް ނުދަންނަވައި އެ ހުރިހާ ދުވަހު ހުންނަންވީހެއްޔެވެ؟ ނޫނެކެވެ! ޙައިޟުވެރިޔާއަށް ދުޢާ ކުރެވޭނެއެވެ. އޭނާ އެދޭ ކަންކަން ﷲގެ ހަޟްރަތުގައި ދެންނެވުން މަނާވެގެން ނުވެއެވެ. މި ހިސާބުން ބައެއް މީހުން ހިތަށް އަރާނެއެވެ. އޭނާ ދުޢާކުރާނެ ވަކި ޚާއްޞަ ގޮތެއް އޮންނާނެބާއެވެ؟ ޙައިޟުވެރިޔާ ދުޢާކުރާކަށް ވަކި ޚާއްޞަ ގޮތެއް ކަނޑައަޅުއްވައިފައި ނުވެއެވެ. އާންމުކޮށް އެހެން މީހުން ވެސް ދުޢާކުރާ ގޮތަށް ޙައިޟުވެރިޔާއަށް ވެސް ދުޢާ ކުރެވޭނެއެވެ. އޭނާއަށް އަޅުކަން މަނާވީތީ އަޅުކަމުގެތެރޭ ދުޢާއެއް ނުކުރެވޭނެއެވެ. އެ ނޫން އެހެން ހާލަތްތަކުގައި ދުޢާކުރުން ހުއްދައެވެ. ދުޢާގެ މުރާދުގައި ދެން އޮތީ ޒިކުރެވެ. ޙައިޟުވެރިންނަށް ޒިކުރު ވެސް ކުރެވޭނެއެވެ. ޙައިޟުވެރިންނަށް ކުރެވޭނެ ޒިކުރުތަކާއި ދުޢާތަކުގެ ތެރޭގައި ބަންގިއަށް އިޖާބަދިނުމުގެ ގޮތުން ބަންގީގެ ކަލިމަތައް ކިޔުމާއި ބަންގި ދުޢާ ކިޔުން ހިމެނެއެވެ. މީގެ އިތުރަށް ހެނދުނާއި ހަވީރުގެ ޒިކުރުތައް އޭގެ ވަގުތުތަކުގައި ކިޔުމާއި ސަލާންކުރުމާއި ސަލާމަށް ރައްދުދިނުމަކީ ވެސް ކުރެވޭނެ ޒިކުރެވެ. ގިނަގިނައިން لا إله إلا الله ކިޔުމާއި ދަތުރު ދުޢާކިޔުމާއި ކާއިރު ބިސްމި ކިޔުމާއި ކައިނިމިގެން ޙަމްދުކުރުމާއި މިހެން ގޮސް ހުރިހާ ދުޢާތަކާއި ޒިކުރުތައް ވެސް ކިޔޭނެއެވެ. އަދި ނިދުމުގެ ކުރިންނާއި ނިދިން ހޭލެވުމުން ކިޔާ ދުޢާއާއި ޒިކުރަކީ ވެސް ޙައިޟުވެރިޔާއަށް ކުރެވޭނެ ދުޢާތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ