ޢިބްރަތްތެރި ވާހަކަ: ތަނަވަސް މީހުން ލިބެން އޮއްވައި އިޚްލާޞްތެރިވާނެކަން ޔަޤީންކުރެވޭ ފަޤީރަކާއި ކައިވެނިކުރުމުން އުފާވެރިކަމާ ތަނަވަސްކަން ލިބުނު އަންހެނެއްގެ ވާހަކަ-

އަޅުޣަނޑުގެ ބައްޕަ ނިޔާވީ އަޅުގަނޑުގެ ޢުމުރުން 24 އަހަރުގައެވެ. އެއިރު އަޅުގަނޑު ވަޒީފާއަދާކުރަމެވެ. ރަނގަޅު މުސާރައެއްވެސް ލިބެއެވެ. ނަމަވެސް ކޮއްކޮ ކިޔަވާތީއާއި މަންމަގެ ބޭހަށްވެސް ޚަރަދުތަކެއް ކުރަންޖެހޭތީ ދިރިއުޅެމުން އައީ ވަރަށް ދަތިޙާލުގައެވެ.  
އެދުވަސްވަރު އަޅުގަނޑަށް ކުރިމަތިވި ކޮންމެ ކަމެއްގައިވެސް އެހީތެރިވީ އެކުގައި ަމސައްކަތްކުރި ޒުވާނެކެވެ. ފައިސާއަށް ދަތިވާ މަސްމަހު އޭނާ އަޅުގަނޑަށް ލޯނުދެއެވެ. މުސާރަ ލިބުމުން އަނބުރާ ދައްކަނީއެވެ. ބަދަލުގައި އޭނާ އެއްވެސް ކަމަކަށް ނުއެދެއެވެ.  
އަޅުގަނޑަކީވެސް ބަލައިލަން ހުތުރު އަންހެނަކަށް ނުވާތީ ފިރިހެނުންގެ ފަރާތުން ހުށަހެޅުންތައް ލިބެއެވެ. ތަނަވަސް މީހުންގެ ފަރާތުންވެސް މެއެވެ. ނަމަވެސް ޖަވާބުނުދީ ހުރީ ކޮއްކޮ ކިޔަވައި ނިމުމުން ނޫނީ ކައިވެނިނުކުރަންވެގެންވެގެންނެވެ. އެއީ ތަނަވަސް މީހަކާއި ކައިވެނިކުރިޔަސް ކަންކަން މެދުވެރިވާނެ ގޮތެއް ނުއެނގޭތީއެވެ. ކޮއްކޮގެ ކިޔެވުމަށް ހުރަސްއެޅިދާނެތީއެވެ.  
ކޮއްކޮ ކިޔަވައި ނިމުނުތަނާހެން ތަނަވަސް މީހެއްގެ ހުށަހެޅުން ލިބުމުން އެވާހަކަ އެކުވެރިޔާ ގާތުގައި ބުނީމެވެ. އަދި އޭނާގެ ޙަޤީޤަތް ހޯދައިލެވޭތޯ މަސައްކަތްކޮށްދިނުމަށް އެދުނީމެވެ. އެދުވަހު އެކުވެރިޔާގެ މޫނުމަތިން ފެނުނު ކަންތައްތަކުން ކަންބޮޑުވެވުނެވެ. އެހެންވެ ބުނީމެވެ. "ކިތަންމެ އެކުގައި އުޅުނަސް ނުބުނަނީހެއް އަނެކާގެ ހިތުގައި އޮންނަ އެއްޗެއް ނުއެނގޭނެއެވެ. ވީމާ ތެދަށް ބުނާށެވެ. ތިބާ އަހުރެން ދެކެ ލޯބިވަނީހެއްޔެވެ؟ ކައިވެނިކުރަން ބޭނުންވަނީހެއްޔެވެ؟"  
އޭނާ ޖަވާބެއް ނުދެއެވެ. އިސްދަށަށް ޖަހައިލީއެވެ. އެގޮތަށް އިރުކޮޅަކު އިނދެފައި ބުންޏެވެ. "ކުރިއަކުން އެފަދަ ވިސްނުމެއް ނުވިސްނެއެވެ. ނަމަވެސް މިހާރު ވިސްނެއެވެ. އަދި މާގިނަ ދުވަހެއް ނުވެއެވެ. އަދި މިވީ ހަފްތާއެއްހައި ދުވަހެވެ. ވާހަކަ ދެއްކުން ތަންކޮޅެއް މަދުކުރެވުނީ އެވިސްނުން ލިބެން ފެށުމުންނެވެ. ބޭނުންނަމަ ޤަބޫލުކުރާށެވެ. ބޭނުން ނޫންނަމަ ނުދައްކާ ވާހަކައެކެވެ. އެކުވެރިކަން ބާއްވާނީއެވެ. ކޮންމެ މީހަކުވެސް ހިތް އެހެން މީހަކަށް ދޭންވާނީ އޭނާގެ ހިތް އެކަމަށް ރުހިގެންނެވެ. ނޫނީ ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ."  
އަޅުގަނޑު ވަޤުތުން ބުނީމެވެ. "އަހުރެން މިވަޤުތާއި ހަމައަށްވެސް ތިއަގޮތަށް ތިބާއާއިމެދަކު ނުވިސްނަމެވެ. ނަމަވެސް ވިސްނަން މިފެށީއެވެ. ގިނަދުވަސްކުރަން ނުހަދާށެވެ. ގެއަށް ދިއައިމަ ހެކިވެރިން ފޮނުވާށެވެ! ހަމަ ޤައިމުވެސް ތިބާއަކީ ހިތްހެޔޮ އިޚްލާޞްތެރިއެކެވެ."  
ލިބެން ތިބި ތަނަވަސް މީހުންނަށް ނުބަލައި އޭނާއަކީ ތަނަވަސް ކަމެއް ނެތް މީހަކުނަމަވެސް އަޅުގަނޑު އޭނާއާއި ކައިވެނިކުރީމެވެ. އޭނާގެ އަޚްލާޤަށާއި އަޅުގަނޑަށް ފޯރުކޮށްދިން އެހީތެރިކަމުގެ އަގުވަޒަންކޮށެވެ. ކައިވެންޏަށް މިހާރު 15 އަހަރުވީއެވެ. ދެމަފިރިއަކު މާތް ﷲ އަންގަވާފައިވާ ފަދައިން ދުނިޔޭގައި އުޅޭނަމަ ރަޙްމަތް ލައްވަވާނެކަމަށް ބުނެވޭ ބަހުގެ ތެދުކަން ތަޖުރިބާކުރެވިއްޖެއެވެ. ފިރިމީހާ މިހާރު އެއްވެސް މަސައްކަތެއް ނުކުރިނަމަވެސް މަހަކު ދެލައްކައެއްހައި ރުފިޔާ ލިބެއެވެ. އެއީ ދިގުމުއްދަތަށް ހޯދައިގެން ކޮށްފައިވާ ޢިމާރާތްތަކުގެ ކުއްޔަށެވެ. އެއާއިއެކު ދެމަފިރިން ދިރިއުޅެމުން މިއަންނަނީ ވަރަށް ލޯބިންނެވެ.  
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ނަޞީޙަތަކީ ތަނަވަސް މީހަކާއި ކައިވެނިކުރުމުން ލިބިދާނެ ތަނަވަސްކަމަށް ނުބަލާށެވެ. ތިމާއަށް ހެޔޮއެދޭކަމާ އެއީ އިޚްލާޞްތެރިއެއްކަން ޔަޤީންކުރެވޭ މީހަކާއި ކައިވެނިކޮށް މާތް ﷲ އަންގަވާފައިވާ ގޮތަށް ދިރިއުޅޭށެވެ. އުފާވެރިކަމާއި ތަނަވަސްކަން އެމީހެއްގެ ފަހަތުން ދުވަމުން އައިސް އެމީހަކާއި އަރަހަމކުރާނެއެވެ.
 
- ދުންޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ