ހައްޔަރުކުރި މަސްވެރިން ދޫކޮށްލަން ނަޝީދު ގޮވާލައްވައިފި: ''ޚިޔާލު ފާޅުކުރުން އޮބެހެއްޓުން ހުއްޓާލަންޖެހޭ''
ބޮޑު ކަންނެލި މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އަމީންއާންމު މަޢުރޫފް ޒާކިރާއެކު ހައްޔަރުކުރި އެހެން މަސްވެރިން ވެސް ދޫކޮށްލުމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ. ސަރުކާރުން މަސްވެރިންނަށްވީ ވައުދުތައް ނުފުއްދާ ކަމަށް ބުނެ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ، މަސްވެރިންގެ ދުވަހާ ގުޅުވައި މިދިޔަ ބުދަ ދުވަހު އިހުތިޖާޖު ކުރަން ފަށައިފައެވެ. މަސް ދޯނިތައް މާލޭ ނެރު ކައިރިއަށް ޖަމާވެ ކުރި އިހުތިޖާޖު ހުއްޓުވަން ފުލުހުން ދޯނިތަކަށް އަރައި ބައެއް މީހުން ހައްޔަރުކުރިއެވެ. ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި މައުރޫފް ހިމެނުނުއިރު އޭނާ ވަނީ އިއްޔެ ބަންދުން ދޫކޮށްލައިފައެވެ. ނަމަވެސް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އަންނަނީ، އިތުރު މީހުން ހައްޔަރުކޮށްފައިވާކަން ފާހަގަކޮށް އެ މީހުން ދޫކޮށްލުމަށް ގޮވާލަމުންނެވެ. އެ ވާހަކައަށް ތާއިދުކުރައްވައި ނަޝީދު 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ. އެ މަނިކުފާނު ލިޔުއްވިގޮތުގައި މަޢުރޫފާއެކު މަސްވެރިން ހައްޔަރުކުރީ ސުލްހަވެރިކަމާއެކީ އަޑުއުފުލަން ތިއްބައެވެ. https://x.com/MohamedNasheed/status/2000155401409757534 "އެމްޕީ މަޢުރޫފް ޒާކިރާއެކު މަސްވެރިންގެ ދުވަހު، މަސްވެރިންގެ އަޑު އުފުލާން ސުލްހަވެރިކަމާއެކު ތިއްބާ ހައްޔަރުކުރި މަސްވެރިން: މުޙައްމަދު ޞާދިޤު، ޢަބްދުއްލަޠީފު އަޙްމަދު، އަދި މުޙައްމަދު މުސްޠަފާ ވަގުތުން ދޫކޮށްލާން ސަރުކާރަށް ގޮވާލަން،" ނަޝީދުގެ ޕޯސްޓުގައިވެއެވެ. މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި މަޢުރޫފް: މަޢުރޫފާއެކު ހައްޔަރުކުރި މަސްވެރިންވެސް ދޫކޮށްލަން ނަޝީދު ވަނީ ގޮވާލައްވައިފަ ---- ފޮޓޯ/ ބީކޭއެމްޔޫ މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު ކުރި އިހުތިޖާޖުން ފުލުހުން ވަނީ މަޢުރޫފް ހިމެނޭހެން އަށް މީހަކު ހައްޔަރުކޮށްފައެވެ. އެ ތަނުން ބަންދުގެ މުއްދަތު ޖެހީ ހަތަރު މީހުންނަށެވެ. އެ އެންމެންގެ ބަންދަށް ފަސް ދުވަސް ޖެހިއިރު، އޭގެ ތެރެއިން މަޢުރޫފް ވަނީ އިއްޔެގެ ވަގުތެއްގައި ދޫކޮށްލައިފައެވެ. މަޢުރޫފް ދޫކޮށްލި ނަމަވެސް، އަދިވެސް އޭނާ އޮތީ ހޮސްޕިޓަލުގައެވެ. އިއްޔެ އެމަޖެންސީގައި މަޢުރޫފް ހޮސްޕިޓަލަށް ގެންގޮސް، އޮޕަރޭޝަނެއްވެސް ކޮށްފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުން މަޢުރޫފާއި މަސްވެރިން ހައްޔަރުކުރި މައްސަލަ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާ، އައިއެލްއޯއަށް އެމްޑީޕީން އިއްޔެ ހުށަހަޅާފައިވެއެވެ. އަދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ އިހުތިޖާޖު ނުހުއްޓައި އަދިވެސް ކުރިއަށްގެންދާނެ ކަމަށް ބުނެ، ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިސްތިއުފާއަށް ވެސް ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ