ކަސްޓަމްސްއަށް ނުލިބޭ ފައިސާ: ސަލްޓަންސްއިން 110 މިލިއަން، ވޭޕް އެތެރެކުރި މީހެއްގެ އަތުން 72 މިލިއަން
ކަސްޓަމްސްއަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކަން ޖެހެނީ ސަލްޓަންސް އޮފް ދަ ސީސް ކުންފުނިން ކަމަށާއި އެއީ 110.2 މިލިއަން ރުފިޔާ ކަމަށް ހާމަކޮށްފިއެވެ. ކަސްޓަމްސްއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ، އެ ޚިދުމަތަށް އިމްޕޯޓް ޑިއުޓީއާއި ޖޫރިމަނާގެ ގޮތުގައި ފައިސާ ދައްކަން ޖެހި، ފައިސާ ނުދައްކާ މީހުންނާއި ކުންފުނިތަކުގެ ނަންތައް ހާމަކޮށްފައެވެ. އެ ލިސްޓުގައި 680 ބަޔަކު ހިމެނޭއިރު، އެންމެ ގިނައިން ފައިސާ ދައްކަން ޖެހޭ ސަލްޓަންސް އޮފް ސީސްއިން 110.2 މިލިއަން ދައްކަން ޖެހޭ ކަމަށާއި އެއީ އިމްޕޯޓް ޑިއުޓީއާއި ޖޫރިމަނާއަށްވާ ފައިސާ ކަމަށް ލިސްޓުގައިވެއެވެ. އެ ކުންފުނީގެ ދަށުން ފަތުރުވެރިކަމާ ގުޅުންހުރި ޚިދުމަތްތައް ދޭއިރު، ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބީ އަލީ އަހުމަދާއި މުހައްމަދު އާދިލާއި އިމްރާން އަލީއެވެ. އެ ލިސްޓުގައިވާ ގޮތުން ކަސްޓަމްސްއަށް ދެވަނައަށް އެންމެ ގިނައިން ފައިސާ ދައްކަން ޖެހެނީ ވޭޕް އެތެރެކުރި، މާފިނިވާގެ، މާލެ / އަޝްރަފް ރަޝީދެވެ. އޭނާ 72.2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ލިސްޓުގައިވެއެވެ. ކަސްޓަމްސްއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގިނައީ ގަވައިދާ ޚިލާފަށް ދުންފަތާއި ވޭޕު އެތެރެކުރުމުން ޖޫރިމަނާކޮށްފައިވާ މީހުންނެވެ. އެ ލިސްޓުގައިވާ ގޮތުން އެއް މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭ ކުންފުނިތަކާއި ފަރުދުންގެ އަދަދު 72އަށް އަރައެވެ. ކަސްޓަމްސްއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފައިވަނީ އެ ޚިދުމަތަށް ފައިސާ ދައްކަންޖެހޭ މީހުންގެ އުސޫލުތައް މިމަހުގެ 16ވަނަ ދުވަހު އާންމުކުރުމަށް ފަހެވެ. އެ އުސޫލުގައިވާ ގޮތުން ކަސްޓަމްސްއިން ހާމަކުރާނީ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރެއިން 10،000 ރުފިޔާއަށް ވުރެ ގިނައިން ދައްކަންޖެހޭ ފަރާތްތަކުގެއެވެ. އެ އުސޫލުގައިވާ ގޮތުން ކޮންމެ ދެ މަހުން އެއް ފަހަރު، ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް އާންމުކުރާނެއެވެ. މި ސަރުކާރުން ދުންފަތާ މީހުން ދުރުކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން މިދިޔަ އަހަރު ވޭޕް މަނާކޮށް، ސިނގިރޭޓުން ނަގާ ޑިއުޓީ ވަނީ ގާތްގަނޑަކަށް ތިންގުނަ ބޮޑުކޮށްފައެވެ. އޭގެ ފަހުން އެފަދަ ތަކެތި ވަގަށް އެތެރެކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ