އަންނަ އަހަރަށް 64 ބިލިއަންގެ ރިކޯޑު ބަޖެޓެއް، މި އަހަރަށް ވުރެ 7 ބިލިއަން އިތުރު

ސަރުކާރުން މިއަދު އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަނީ 64 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓެއްކަން އެނގިއްޖެއެވެ. މިއީ މިހާތަނަށް ހުށަހަޅާ އެންމެ ބޮޑު ބަޖެޓެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް މިއަދު ފިނޭންސް މިނިސްޓްރީން ހުށަހަޅަން ނިންމާފައިވަނީ 64 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު، ބަޖެޓާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ. އެހެންވެ، ބަޖެޓުގެ ހިސާބުތަކެއް ނޭނގެއެވެ. މިއީ މި އަހަރު ތަންފީޒުކުރަމުން އަންނަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.4 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ. ބެލެވޭ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެހާ ބޮޑަށް ބޮޑުވީ އަންނަ އަހަރު ރިކޯޑު މިންވަރެއް ދަރަނި ދައްކަން ހޭދަކުރަންޖެހޭތީއެވެ. އެގޮތުން، އަންނަ އަހަރު އެކަނި ޖުމުލަ 1.1 ބިލިއަން ޑޮލަރު ދަރަނި ދައްކަން ހޭދަކުރަންޖެހެއެވެ. މި އަހަރުގެ ބަޖެޓު ފޮތް: މި އަހަރަށް ފާސްކުރީ 56.6 ބިލިއަންގެ ބަޖެޓެއް -- ބަޖެޓު ހުށަހަޅާ ޖަލްސާ މަޖިލީހުން އެޖެންޑާކޮށްފައި އޮތީ މިއަދު މެންދުރު ފަހު 14:00 އަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ތާރީޚީ ބިޔަ ބަޖެޓެއް ހުށަހަޅާއިރު މި އަހަރު ހުށަހެޅި ބަޖެޓުގައި ހުރި ގިނަ ކަންކަން ވެސް ތަންފީޒުކޮށްފައެއް ނުވެއެވެ. އެގޮތުން، މާލީ އިސްލާހީ ފިޔަވަޅުތަކުން 7.7 ބިލިއަން ރުފިޔާ ސަލާމަތްކުރަން ބަޖެޓުގައި ހިމެނިއެވެ. އެކަމަކު، އެއިން އެއްވެސް ކަމެއް ސަރުކާރުން ތަންފީޒެއް ނުކުރެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފައެވެ. މި އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދިނީ ބޯހިޔާވަހިކަމަށެވެ. ބަޖެޓަށް ނަން ދިނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައެވެ. އެކަމަކު، ހިސާބުތަކުން އެނގޭ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖެހި 1.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ޚަރަދުކުރީ އެންމެ ނުވަ އިންސައްތައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރަށް ވެސް ސަރުކާރުން ރިކޯޑު އަދަދެއް ކަމަށްވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއެވެ. އެކަމަކު، އަހަރު ނިމެން ދެ މަސް ދުވަހަށްވެފައިވާއިރު ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ޚަރަދުކޮށްފައިވަނީ 30 ބިލިއަން ރުފިޔާއެވެ. އެއީ، މި އަހަރު މިހާތަނަށް ލިބުނު އާމްދަނީއަށް ވުރެ 186 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެހެންވެ، ސަރުކާރުން ޚަރަދު ކުރަމުން އަންނަނީ އާމްދަނީއަށްވުރެ މަދުންނެވެ. ރައީސް މުއިއްޒާއި މާލީ ވަޒީރު ޒަމީރު: އަންނަ އަހަރަށް ހުށަހަޅަނީ 64 ބިލިއަންގެ ބަޖެޓެއް -- ފޮޓޯ/ ރައީސް އޮފީސް ސަރުކާރުން ލިބޭ އެއްޗަކުން ޚަރަދު ކުރާ ކަމަށް ބުނި ނަމަވެސް އެއީ ސަޕްލަޔަރުންނަށް ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދައްކާ އޮތުމުންނެވެ. އެ އަދަދު ހާމަކުރަން ފިނޭންސް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފައެވެ. އެކަމަކު، ސަޕްލަޔަރުންނަށް ދޭންޖެހޭ ދެ ބިލިއަން ރުފިޔާ ދައްކާ ނިންމާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވިއެވެ. އެކަން ކުރަން އުޅެނީ ޕެންޝަން އޮފީސް މެދުވެރިކޮށް މަރުކަޒީ ބޭންކުން ފައިސާ ނަގައިގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި މާލީ ދާއިރާގެ ތަޖުރިބާކާރު ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ، ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަނިކޮށް ޕެންޝަން އޮފީހުގެ ބޯޑުގައި އިންނަވާ ސަރުވަޝް އާދަމް ވެސް ވަނި އެ ފަދައިން ވިދާޅުވުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެކަމަކު، ސަރުކާރުން އަންނަނީ ފައިސާ ޗާޕުނުކުރާނެ ކަމަށް ބުނަމުންނެވެ. އެއީ، ރައީސް މުއިއްޒުގެ ވައުދުފުޅެއް ވެސް މެއެވެ. އަހަރުގެ މިހާތަނަށް ޖުމުލަ 30.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު އޭގެ ތެރެއިން 26.5 ބިލިއަން ރުފިޔާ ޚަރަދުކުރީ ހިންގުމުގެ ޚަރަދުތަކަށެވެ. އެއީ ޚަރަދުގެ ގާތްގަނޑަކަށް 87 އިންސައްތައެވެ. މަޝްރޫއުތަކަށް ނުވަތަ ކެޕިޓަލް ޚަރަދަށް ހޭދަކުރީ އެންމެ ހަތަރު ބިލިއަން ރުފިޔާ ނުވަތަ 13 އިންސައްތައެވެ. އެއީ، ބަޖެޓުގައި މަޝްރޫއުތައް ހިންގަން ޖެހި 12.5 ބިލިއަން ރުފިޔާގެ އެންމެ 32 އިންސައްތައެވެ. https://sun.mv/213212 އެހެންވެ، ސަރުކާރަށް މާލީ ގޮތުން ގިނަ ދަތިތަކެއް ހުރިކަން ހިސާބުތަކުން އެނގެއެވެ. ބައިނަލްއަގުވާމީ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖެއަށް 'ޖަންކް' ރޭޓިން ދީފައިވުމުގެ ސަބަބުން ދަރަނި ހޯދަން ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެހެންވެ، މަޝްރޫއުތަކަށް ޚަރަދުކުރަން ގޮންޖެހުންތައް އެބަހުއްޓެވެ. ސަރުކާރުން ވަނީ މި އަހަރު 39.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. އަހަރު ނިމެން ދެ މަސް ދުވަހަށް ވެފައިވާއިރު މިހާތަނަށް ލިބުނީ އޭގެ ތެރެއިން 30.7 ބިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ