ދެ މިލިއަން ފަތުރުވެރިން ހަމަކޮށްދިނީ، ހަނީމޫނަށް އައި އިނގިރޭސި އަންހެނެއް

މި އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ. މީގެ ކުރިން, އަހަރެއް ތެރޭ ދެ މިލިއަން ފަތުރުވެރިން ހަމަވީ، މިދިޔަ އަހަރު އެކަންޏެވެ. މި އަަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ދެ މިލިއަން ވަނަ ފަތުރުވެރިޔާއަކީ، އިނގިރޭސިވިލާތަށް ނިސްބަތްވާ ބެތަނީ ސާރާ ކާސްވެލްއެވެ. އޭނާ ރާއްޖެ ޒިޔާރާތްކުރީ، އޭނާގެ ފިރިމީހާއެކު، ހަނީމޫނަށެވެ. މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކުރުން --- ފޮޓޯ/ ވިޒިޓް މޯލްޑިވްސް އޭނާއަށް މަރުހަބާ ކިޔާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީއާއި ވިޒިޓް މޯލްޑިވްސް ގުޅިގެންނެވެ. ދެ މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ ޒިޔާރާތްކުރިއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އެ އަމާޒަށް ވާސިލުވާން އަދި، ތިން ލައްކަ ފަތުރުވެރިން ރާއްޖެ ގެންނަން ޖެހެއެވެ. ފާހަގަކުރެވޭ ގޮތުގައި، ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިހާރު ދުވާލަކު އެވަރެޖުކޮށް 6،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. އެގޮތުން، އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިން ކަމަށްވާއިރު، އެ ގައުމުން އެކަނި ތިން ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ، ރަޝިއާއިންނެވެ. އެ ގައުމުން ޒިޔާރަތް ކުރީ، ދެ ލައްކަ ފަތުރުވެރިންނެވެ. އިނގިރޭސިވިލާތަކީ ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ގައުމުކަމަށްވާއިރު، އެ ގައުމުން 177،900އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ