ކޮންޓްރޯލު ބިލުގެ މިއަދުގެ ކޮމިޓީ ބައްދަލުވުން ކެންސަލްކޮށްފި

'ކޮންޓްރޯލް ބިލު' ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ މިނިވަންް މުއައަސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކެންސަލްކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮމިޓީގެ މިއަދުގެ ބައްދަލުވުން ހެނދުނު 10 ޖަހާއިރު ބޭއްވުމަށް މެންބަރުންނަށް އިއްޔެ ހަވީރު ދައުވަތު ދިނެވެ. ނަމަވެސް ކުއްލި ގޮތަކަށް ރޭގެ ވަގުތެއްގައި ކޮމިޓީގެ ބައްދަލުވުން ކެންސަލްވިކަން މެންބަރުންނަށް އެންގި އެވެ. މިކަން ކޮމިޓީގެ މެންބަރަކު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ކޮމިޓީން މިހާރު ކުރަމުންދަނީ ބިލަށް ލިބުނު އިސްލާހުތައް ދިރާސާ ކުރުމުގެ މަސައްކަތެވެ. މިދިޔަ އަންގާރަ ދުވަހު ކޮމިޓީން ކުރިއަށް ގެންދިޔައީ އާންމުން ފޮނުވި ހިޔާލުތަކެވެ. އިއްޔެ ބޭއްވި ކޮމިޓީގައި ކުރިއަށް ގެންދިޔައީ ބަންޑާރަނައިބުގެ އޮފީހުން ފޮނުވި އިސްލާހުތައް ދިރާސާ ކުރުމެވެ.
މި ދެ ބައްދަލުވުން ވެސް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.
އިއްޔެގެ ބައްދަލުވުން ސިއްރުކުރުމުން އެކަމާ ނޫސްވެރިން ކޮމިޓީ ބޭއްވި ކޮޓަރީގައި އިހްތިޖާޖު ކުރި އެވެ. އަދި ކޮމިޓީ ސިއްރު ކުރީ މަޖިލިސް ގަވައިދުގެ ކޮން މާއްދާއަކުންތޯ ނޫސްވެރިން ސުވާލު ކުރުމުން ކޮމިޓީގެ ރިޔާސަތުން އެކަމަށް ޖަވާބެއް ނުދިނެވެ. އަދި ކޮމިޓީ ބައްދަލުވުމުން ގަދަބާރުން ނޫސްވެރިން ބޭރުކޮށް، ކޮމިޓީ ކުރިއަށް ގެންދިޔަ އެވެ.
މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ސިއްރުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެ އެވެ. އެއީ ތިން ހާލަތެކެވެ. އެއީ:
ގައުމީ ރައްކާތެރިކަމާއި ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތު ހާމަކުރަން ޖެހޭ ޖަލްސާއަކަށްވުން
ވިޔަފާރީގެ މުއާމަލާތެއްގެ ނުވަތަ މާލީ މުއާމަލާތެއްގެ ސިއްރު މައުލޫމާތު ހާމަކުރަން ޖެހޭ ޖަލްސާއަކަށްވުން
ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ސިއްރު މައުލޫމާތެއްގެ ގޮތުގައި ހިފަހައްޓަން ޖެހޭ މައުލޫމާތެއް ހާމަކުރަން ޖެހޭ ޖަލްސާއަކަށްވުން
ފަސް މަންޒަރު - މި ބިލާ ގުޅޭ ގޮތުން ކޮމިޓީން މިހާތަނަށް ހިޔާލު ހޯދި ކޮންމެ މަސްލަހަތުވެރިއެއްގެ ފަރާތުން ވެސް ފާހަގަކޮށްފައިވަނީ ކަންބޮޑުވުންތަކެވެ. އަދި މަޝްވަރާކުރުމެއް ނެތި ތައްޔާރުކޮށްފައިވާ ބިލެއް މަޖިލީހަށް ބަލައިގަތުމުން އެ ކަމުގެ ނުރުހުން ވެސް ވަރަށް ބޮޑަށް ފާޅުކުރި އެވެ. އެ ގޮތުން:
މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުންނާ ކޮމިޓީން ބައްދަލުކުރި އިރު ވެސް މަޝްވަރާކުރުމެއް ނެތި ހަދާފައިވާ ބިލުގައި ހުރި ބޮޑެތި މައްސަލަތައް ކޮމިޓީގައި ފާހަގަކުރި
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގެ ތެރެއިން 22 މީޑިއާއެއްގެ ފަރާތުން ނޫސްވެރިން، މިދިޔަ ހަފުތާގެ ހޯމަ ދުވަހު ކޮމިޓީއަށް ގޮސް ހިޔާލު ފާޅުކުރި އިރު އެންމެ މީޑިއާއެއް ފިޔަވައި ދެން ހުރި މީޑިއާތަކުގެ ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލުމަށް ގޮވާލާފައި
މިހާރު ހުށަހަޅާފައިވާ ބިލުގެ އެނަލިސިސްއެއް ވެސް ހިމެނޭ ގޮތަށް، މީޑިއާ ކައުންސިލްގެ ނިޒާމުގައި ހުރި މައްސަލަތައް ފާހަގަކޮށް ގެންނަންވީ އިސްލާހުތަކުގެ ދިރާސާއެއް ހަދައި މަޖިލީހަށް ހިއްސާކުރުމަށް ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މަޖިލީހުގައި އެދިފައި ވެސް ވެ އެވެ. މި ބިލު ބޭރުކުރުމަށް ބޭރުގެ ގިނަ ޖަމިއްޔާތަކުންވެސް ގޮވާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ