ރާއްޖެއަށް ބިދޭސީން ގެނެސް އިހުމާލުވާ ފަރާތްތައް ޖޫރިމަނާކުރަނީ

ރާއްޖެއަށް ބިދޭސީން ގެނައުމަށްފަހު، އިހުމާލުވާ ވަޒީފާދޭ ފަރާތްތައް ޖޫރިމަނާކުރާނެ ކަމަށާއި އެ ފައިސާ ނުދައްކަނީސް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު ހިދުމަތެއް ވެސް ފޯރުކޮށް ނުދޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ތަފްސީލް - ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަށް ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކާމެދު ވަވަޒީފާއާބެހޭ ގާނޫނުގެ ދަށުން އަންނަ ހޯމަ ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން:
ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ރާއްޖެ ގެނައުމަށްފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް 50,000ރ އިން ޖޫރިމަނާ ކުރެވޭނެ 
އެ ނޫން ހާލަތްތަކާއި ކަންކަމުގައި 100،000ރ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ
މިނިސްޓްރީން ބުނީ ބިދޭސީންނާމެދު އިހުމާލުވެގެން ޖޫރިމަނާކުރާ ފަރާތްތަކަށް، އެ ފައިސާ ދައްކާ ނުނިންމަނީސް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ހިދުމަތެއް ފޯރުކޮށް ވެސް ނުދޭނެ ކަމަށެވެ.
އެނގުން މުހިންމު - ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީން ހިންގާ އޮޕަރޭޝަނުގެ ދަށުން ލައްކައަކަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު މިހާރު ވަނީ އެއްކޮށްފަ އެވެ. އަދި، މިދިޔަ މެއި މަހުން ފެށިގެން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރަން ވަނީ ފަށާފަ އެވެ.
މި މަސައްކަތުގެ ތެރެއިން ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކާ އެކު މިދިޔަ އަހަރު ބޭއްވި ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ ފެށުމަކީ އެ ބިދޭސީ މީހާ ގަވާއިދާ ހިލާފަށް ރާއްޖެ ގެންނަ ދިވެހި ވިޔަފާރިވެރިޔާ ކަމަށެވެ. ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ފަހު އެކަމަށްޓަކައި ބޮޑު އަދަދުތަކުން ބިދޭސީން އަތުން ފައިސާ ނަގައި އެ މީހުން މުޖުތަމައު ތެރެއަށް ދޫކޮށްލަނީ ދިވެހި މީހާކަން އިހުސާން ފާހަގަކުރެއްވި އެވެ.
އެކަމުގެ ސަބަބުން ބިދޭސީ މީހާގެ އަތުން ގެއްލިގެންދިޔަ ބޮޑު ފައިސާގެ އަދަދާއި ވީ ގެއްލުން ފޫބައްދަން އެ މީހާ އިހުތިޔާރުކުރަން މަޖުބޫރުވަނީ ގަވާއިދާ ހިލާފު މަގުތައް ކަމަށް އިހުސާން ވިދާޅުވި އެވެ. އެހެންކަމުން، ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުންދާ ކަމަކީ އެ މައްސަލަ ފުރަތަމަ ހައްލުކުރުން ކަމަށާއި އެކަމަށް ބިދޭސީން ގެންނަ މީހުންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ