އެޕްސްޓީންއާ ގާތް ގުޅުމެއް އޮތްކަން ހާމަވުމުން، އިނގިރޭސި ސަފީރަކު މަގާމުން ވަކިކޮށްފި
ދެހާހުގެ ކުރީ ކޮޅުން ފެށިގެން އެމެރިކާގައި ގިނަ އަދަދެއްގެ ކުޑަ އަންހެން ކުދިން ޓްރެފިކްކޮށް، އެ ކުދިންނަށް ޖިންސީ ގޯނާކުރި މަޝްހޫރު މިލިއަނަރު، ޖެފްރީ އެޕްސްޓީންއާ އިނގިރޭސި ޑިޕްލޮމެޓަކު ގާތް ގުޅުމެއް ބޭއްވިކަން ހާމަވުމުން އޭނާ މަގާމުން ވަކިކޮށްފިއެވެ. ބްރިޓިޝް ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އޮފިސް (އެފްސީޑީއޯ)އިން ކުރި އިއުލާނެއްގައި ވަނީ، އިނގިރޭސިވިލާތުން އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފިރު ޕީޓާ މެންޑެލްސަން މަގާމުން ދުރުކޮށްފައިވާ ކަމަށެވެ. ކުޑަ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި އެޕްސްޓީންއާ ދެކޮޅަށް ބޮޑެތި ތަހުގީގުތައް ހިންގައިފައިވެއެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވުމުން، އޭނާއަށް ލުއިތަކެއްދީ، ތަންފީޒު ކުރީ 13 މަހުގެ ޖަލު ހުކުމެކެވެ. އެއަށްފަހު 2019ގައި އެ މައްސަލައަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބި، އޭނާ ހައްޔަރުކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަށް ޓްރެފިކް ކުރުމުގެ ދައުވާކުރިއެވެ. ނަމަވެސް އޮގަސްޓު 10، 2019ގައި އޭނާ ވަނީ ޖަލު ގޮޅީގައި މަރުވެފައެވެ. އަދި މެޑިކަލް އެގްޒަމިނަރު ވަނީ އޭނާ މަރުވީ އަމިއްލައަށް ކަމަށް ބުނެފައެވެ. އެ މައްސަލަތައް ފެންމަތިވި ފަހުން، އެޕްސްޓީންއާ ގާތް މީހުންގެ ނަންތައް ހޯދުމަށް ގިނަ ބަޔަކު މަސައްކަތްކޮށްފައިވެއެވެ. އަދި ސަރުކާރުން ނަންތައް ހާމަކުރުމަށް ވަރަށް ބޮޑަށް ޕްރެޝަރުކޮށްފައިވެއެވެ. އިނގިރޭސިވިލާތުން ފިޔަވަޅު އެޅި، މެންޑެލްސަންއަކީ ކުރީގެ ލީޑަރު ޓޯނީ ބްލޭއާގެ ވެރިކަމުގައި ޕާޓީގެ ކާމިޔާބީގެ މުހިންމު ދައުރެއް އަދާކުރި ލޭބާ ޕާޓީގެ މެންބަރެކެވެ. އޭނާއާ އެޕްސްޓީންއާ ދެމެދު ގުޅުން އޮތް ކަމަށް މީގެ ކުރިން ވެސް ހާމަވެފައިވެއެވެ. ނަމަވެސް އެ ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން އާ މައުލޫމާތުތަކެއް ހާމަވުމުން، މެންޑެލްސަން ވަކިކުރަން ނިންމީ ކަމަށް އެފްސީޑީއޯއިން ބުންޏެވެ. ކުޑަކުދިންތަކަކާ ބެހުނު ފައިނޭންސާ ޖެފްރީ އެޕްސްޓީން. ފޮޓޯ/އޭޕީ އެ މައުލޫމާތު ހާމަވީ، އެޕްސްޓީންގެ 50 ވަނަ އުފަންދަވަހާ ދިމާކޮށް 2003 ވަނަ އަހަރު ހެދި އަލްބަމެއް އާންމުކުރުމުންނެވެ. އެ އަލްބަމްގައި މެންޑެލްސަން ވަނީ އެޕްސްޓީންއަކީ އޭނާގެ ''އެންމެ ގާތް އެކުވެރިޔާ''ގެ ގޮތުގައި ސިފަކޮށްފައެވެ. މީގެ އިތުރުން އިއްޔެ އިނގިރޭސި ނޫހަކުން ވަނީ، މެންޑެލްސަން އެޕްސްޓީންއަށް ފޮނުވި ސިޓީއެއް ހާމަކޮށްފައެވެ. އެ ސިޓީގައި މެންޑެލްސަން ވަނީ، އެޕްސްޓީން 18 މަހަށް ޖަލަށްލުމުން، އޭނާ ވީހާވެސް އަވަހަށް ދޫކުރުމަށް ކޯޓުގައި އެދުމަށް ބުނެފައެވެ. "ޕީޓާ މެންޑެލްސަން ލިޔުއްވި އީމެއިލްތަކާއި އިތުރު މައުލޫމާތުތަކުގެ އަލީގައި އެނާ ސަފީރު ކަމުން ވަކިކުރުމަށް ބޮޑުވަޒީރު ވަނީ އަންގަވައިފައި،" އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. އަދި އެ އީމެއިލްތަކުން ދައްކާ ގޮތުގައި މެންޑެލްސަން އާއި އެޕްސްޓީން އާއި ދެމެދު އޮތް ގުޅުމަކީ މެންޑެލްސަން މަގާމަށް އައްޔަން ކުރި ފުރަތަމަ ދުވަސްކޮޅު އޮތް ގުޅުމާ ތަފާތު ގުޅުމެއް އެނގޭ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ބުންޏެވެ. އެމެރިކާ އާއި އެކި ގައުމުތަކުގެ ސިޔާސީ ބާރުވެރި ފަރާތްތަކާއި މަޝްހޫރު ފަންނާނުންނާ ވެސް ގާތް ގުޅުމެއް އޮތް މުއްސަނދި ފައިނޭންސަރެއް ކަމަށްވާ އެޕްސްޓީން އެތައް ސަތޭކަ ކުދިންނަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރާއިރު، އެކަމުގައި އޭނާ ގިނަ އަދަދެއްގެ އިތުރު މީހުން ބައިވެރިކުރި ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ