ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ވޯޓު ބާތިލް ކުރަން ޖެހޭ ސަބަބެއްނެތް ކަމުގައި އިލެކްޝަންސް ކޮމިޝަންސްއިން ނިންމައިފިއެވެ.
އިންތިޚާބާ ބެހޭ މައި މަރުކަޒުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ހުށަހެޅި ޝަކުވާތައް ބެލިއިރު ކެންދޫ ދާއިރާގެ ވޯޓު ބާތިލް ކުރަންޖެހޭ ސަބަބެއް ފެނިފައި ނުވާ ކަމަށެވެ.
ކެންދޫގެ ވޯޓު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އީސީން ކަނޑައެޅީ، އިންތިޚާބުގައި ކެންދޫގައި ބެހެއްޓި އެ ދާއިރާގެ ވޯޓު ފޮއްޓަކަށް ވޯޓުލީ ގޮތާ ބެހޭ ގޮތުން ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެވެ.
"އެމްޑީޕީގެ ކެންޑިޑޭޓުގެ ފަރާތުން ހުށަހެޅީ ކެންދޫގެ އިންތިޚާބު ބާތިލްކުރަން. އަޅުގަނޑުމެން އެ ޝަކުވާތައް ބެލިއިރު، އިންތިޚާބު ބާތިލް ކުރަން ޖެހޭ ފަދަ ހެއްކެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
ކެންދޫގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ނަތީޖާ ބާތިލްކޮށް، އަލުން ވޯޓުލެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އެދި އީސީއަށް މައްސަލަ ހުށަހަޅާފައިވަނީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އަހުމަދު ލަތީފްގެ ފަރާތުންނެވެ.
އަހުމަދު ލަތީފް ހުށަހެޅުއްވި ޝަކުވާގައިވަނީ ވޯޓު ލާ މީހުންގެ ތަފްސީލް ގަޑިއަކު އެއްފަހަރު ހާމަކުރަން އޮންނަ އުސޫލުގެ ދަށުން، މެންދުރު ދޭއް ޖެހި އިރު، އެ ފޮއްޓަށް 377 މީހަކު ވޯޓު ލި ކަމަށް ހާމަކުރި ނަމަވެސް އެ އަދަދަށް މީހުން ވޯޓުލާފައި ނުވާ ކަމަށެވެ.
ވޯޓުލާފައިވާ މީހުންގެ ކިޔޫ ނަމްބަރަށް ވުރެ އިތުރަށް އެ ވޯޓް ފޮއްޓަށް ވޯޓުލާފައިވާކަން އެ ވަގުތު އެ ވޯޓު ފޮއްޓާ ހަވާލުވެ ހުރި ވެރިޔާގެ ސަމާލުކަމަށް ގެނައި ކަމަށާއި، ނަމަވެސް ވޯޓުލުން މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ކެންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު ޖުމްހޫރީ ޕާޓީގެ އަލީ ހުސައިނެވެ.
ކެންދޫ ދާއިރާގެ ވޯޓު ބާތިލްކުރަންޖެހޭ ސަބަބެއް ނެތް: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ