އުމުރައް ޖަލަށްލި މައްސަލައިގަ ނާޒިމަށް ބަދަލު ހޯދަން ދައުވާ ކުރެވޭނެ: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމު ހައްޔަރުކޮށް އުމުރަށް ޖަލަށްލީ މައްސަލައިގައި ބަދަލު ހޯދުމަށް ދައުވާކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރުއެވެ. އެ ހުކުމާ އެކު، އޭނާގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލުނެވެ.
ނަމަވެސް ހުކުމް އަލުން މުރާޖައާކުރުމަށް ނާޒިމްގެ ފަރާތުން ހުށަހެޅުމުން، 2018 ވަނަ އަހަރ ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފައެވެ.
ނާޒިމު މިނިވަންވުމާ އެކު އޭނާ ވަނީ ނުހައްގުން ހައްޔަރުކޮށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކޮށްފައެވެ. ނަމަވެސް އޭރު ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. ދަށު ކޯޓުގެ ހުކުމް ނާޒިމުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކޯޓުން ނިންމީ ނާޒިމު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ މިނިވަންކުރަން ސުޕްރީމް ކޯޓުން ފަހުން ނިންމި ނަމަވެސް ހައިކޯޓުން ކުރީގެ ހުކުމެއް ބަދަލުކޮށް ބަދަލު ދޭން ނުޖެހޭ ކަމަށެވެ.
ނާޒިމު ބަދަލު ހޯދަން ކުރާ ދައުވާގައި އެދިފައިވަނީ އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް ގޮނޑި ގެއްލުމުން އޭރު ލިބުނު މެންބަރު ކަމުގެ މުސާރައާއި އިނާޔަތްތަކާއި އަދި އޭނާ ބަންދުކުރުމުން ލިބިފައިވާ އެހެން ގެއްލުންތަކަށްވެސް ބަދަލު ހޯދުމަށެވެ.
ސުޕްރީމް ކޯޓުގައި ނާޒިމު އިސްތިއުނާފް ކުރި މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ބަދަލު ހޯދުމަށް ނާޒިމު ކުރިއަށް އޮތް 14 ދުވަސް ތެރޭގައި ހުށަހަޅައިފިނަމަ ސިވިލް ކޯޓުން މައްސަލަ ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ނާޒިމު މިނިވަން ކުރި ނަމަވެސް އޭނާ ޖަލަށް ދިޔައިރު ހުންނެވި ދިއްގަރު ދާއިރާގެ ގޮނޑި އަލުން ލިބޭނެ ކަމަށް އޭރު ނިންމާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ