ޕީޕީއެމް އާ ދެކޮޅަށް ދެ މެމްބަރުން ހުށަހެޅި މައްސަލަ ކޯޓުން ބާތިލުކޮށްފި

ޕީޕީއެމް އާ ދެކޮޅަށް އެޕާޓީއަށް ނިސަބަތްވާ ދެ މަޖިލިސް މެމްބަރުން ކަމަށްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލަ އެ ދެ މެމްބަރުން ހާޒިރު ނުވެގެން ބާތިލުކޮށްފި އެވެ. މިމަހުގެ އެއްވަނަ ދުވަހު އެމައްސަލަ ނިންމައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އެދުވަހުގެ 10:30 ހަށް ކޯޓަށް ހާޒިރުވުމަށް ބަދަލުގައި ކޯޓަށް ހާޒިރުވާނެ ކަމަށް އެ ދެ ބޭފުޅުން ބުނި ފަރާތަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް މަގުބޫލު އުޒުރެއް ނެތި އެދުވަހު ކޯޓަށް ހާޒިރުވެފައި ނުވާތީ ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) އެއްވަނަ ނަމްބަރުގެ ދަށުން މައްސަލައިގެ ދައުވާ ފޯމު ބާތިލު ކުރަން ނިންމީ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. ދެ މެމްބަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ރައީސްގެ އިސްލާހީ އެޖެންޑާގައި ހުރި ކަންކަން ބާތިލްކޮށްދިނުމަށް އެދި އެވެ. އަދި އެ މައްސަލާގައި ވަގުތީ އަމުރަކަށް ވެސް އެދިވަޑައިގެންފައި ވެއެވެ. ވަގުތީ އަމުރުގައި އެދިވަޑައިގެންފައި ވަނީ ޕާޓީގެ ރައީސްގެ ހުއްދަނެތި ޕާޓީގެ އެއްވެސް ގުނަވަނެއްގެ ބައްދަލުވުމެއް ނުބޭއްވުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންގެވި އެންގުމަށް އަމަލު ކުރުން ފަސްކުރުމަށް އަމުރެއް ނެރެދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ