ރާއްޖެއަށް ޑިމޮކްރެެސީ ގެންނަން 1990ގެ ފަހުކޮޅާއި 2000ގެ ކުރީކޮޅު ހިންގި އިސްލާހީ ހަރަކާތުގައި އިސް ދައުރެއް އަދާކުރެއްވި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ) މިއަދު އަވަހާރަވެއްޖެ އެވެ.
ވީ ކިހިނެއް؟ - އުމުރުން 72 އަހަރުގައި އަހުމަދު އިބްރާހިމް ދީދީ މިއަދު ފަތިހުގެ ވަގުތެއްގައި މާލޭގަ އެވެ.
ތަފްސީލް - 1999 ވަނަ އަހަރު އިންޓަނެޓްގެ ޒަރީއާއިން ދައުރު ކުރަން ފެށި 'ސަންދާނު' މަޖައްލާގެ އެޑިޓަރުގެ ގޮތުގައި އަހުމަދު އިބްރާހިމް ދީދީ ވަނީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ލިޔުންތައް ލިޔުއްވާފަ އެވެ.
އެ މައްސަލައިގައި:
ޖެނުއަރީ 2002ގައި އަހުމަދު އިބްރާހިމް ދީދީ އާއި ސަންދާނު މަޖައްލާ ނެރުމުގައި އިސްކޮށް ހަރަކާތްތެރިވި އެހެން ދެ ބޭފުޅަކު ހައްޔަރުކުރި
އެ ބޭފުޅުން އުމުރަށް ޖަލަށް ލާން ޖުލައި 2002ގައި ހުކުމްކުރި
އޭގެ ފަހުން، އަހުމަދު އިބްރާހިމް ދީދީ ވަނީ، މައުމޫންގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރެއްވި ޑރ. ހަސަން ސައީދު 2008ގެ ރިޔާސީ އިންތިހާބަށް ކުރެއްވި ކެމްޕެއިނުގައި ބައިވެރިވެވަޑައިގެންފަ އެވެ. ރާއްޖޭގައި ގިނަ ޕާޓީތަކެއް ބައިވެރިވެގެން ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބުގައި އޭރުގެ އިދިކޮޅު ލީޑަރު މުހައްމަދު ނަޝީދު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ، ދެ ވަނަ ބުރުގައި ހަސަން ސައީދު ވެސް ތާއީދުކުރައްވައިގެންނެވެ.
ނަމަވެސް، ނަޝީދުގެ ސަރުކާރުގައި ހިންގި ކަމަށް ބުނާ ކޮރަޕްޝަނާއި އެ ނޫން ވެސް ޑިމޮކްރެސީއާ ދުރު ކަންތައްތަކާ ދެކޮޅަށް، ހަސަން ސައީދު އުފެއްދެވި ގައުމީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ހައިސިއްޔަތުން އަހުމަދު އިބްރާހިމް ދީދީ ވެސް އަޑުއުފުއްލެވި އެވެ. އެ މައްސަލައިގައި އޭނާ ފުލުހަށް ހާޒިރުކޮށް، ފުލުހުންގެ ބަންދުގައި ވެސް އެތައް ފަހަރަކު ބެހެއްޓި އެވެ.
ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012ގައި ވެއްޓުނު ފަހުން އަހުމަދު އިބްރާހިމް ދީދީ އެހާ ބޮޑަށް ސިޔާސީ މައިދާނުން ފެނިފައެއް ނުވެ އެވެ.
އެނގުން މުހިންމު - އަހުމަދު އިބްރާހިމް ދީދީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދުގެ އަސުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.
އިސްލާހީ ހަރަކާތުގެ އިސް ބޭފުޅެއް ކަމަށްވާ ސަންދާނު އަހުމަދު ދީދީ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ