މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނިންމާ ގޮތެއް މިރޭ އިއުލާން ކުރައްވާނެ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އުމަރު ނަސީރު ދިޔައީ ތިން ވަނައަށެވެ. އުމަރު ނަސީރު ވަނީ 6،343 ވޯޓު ހޯއްދަވައިފައެވެ.
އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭ ގޮތުން އޭނާ އާއި އޭނާގެ "ނިއު ޑައިރެކްޝަން" ޓީމުން ނިންމާ ނިންމުން މިރޭ 9:30 ގައި އިއުލާން ކުރައްވާނެ ކަމަށެވެ. މިއީ ފޭސްބުކާއި ޓިކްޓޮކްގައި ލައިވް ކުރާ ކަމެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ ފެހި ގާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިފައެވެ. އެ ފަހަރު އޭނާ ދިޔައީ އެންމެ ފުލަށެވެ. އެ ނަތީޖާއަށް ފަހުގައި ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުއްވުމަށް އުމަރު ވަނީ ނިންމަވައިފައެވެ.
އޭގެ ފަހުން، 2013 ގެ ރިޔާސީ އިންތިހާބުގައި އުމަރު ނަސީރަށް ކުރިމަތިނުލެއްވުނީ ޕީޕީއެމް ޕްރައިމަރީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވުމުންނެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އުމަރު ވާދަކުރައްވާފައެއް ނުވެއެވެ.
އެންމެ ގިނަ ވޯޓާ އެކު، މި މަހުގެ ފަހުކޮޅު ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް 86،161 ވޯޓެވެ.
ދެވަނަ ބުރުގައި ނިންމާ ގޮތެއް އުމަރު މިރޭ އިއުލާން ކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ