ސީރިއާ އަދި ލުބުނާނަށް ކަރަންޓު ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަމަށް ތުރުކީގެ އެނާރޖީ މިނިސްޓަރ އަލްޕާސްލާން ބައިރަކްޓާ ވިދާޅުވެއްޖެއެވެ. އަދި މިހާރުވެސް ސީރިއާގެ ހަކަތައިގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ އޮފިޝަލުންގެ ޓީމެއް އެ ޤައުމުގައި މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
13 އަހަރު ދިގުދެމިގެންދިޔަ ހަނގުރާމައަކަށްފަހު މިމަހު ބައްޝާރު އަލް އަސަދުގެ ވެރިކަން ވައްޓާލި އިދިކޮޅު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިން ތުރުކީން، މިހާރު ވަނީ ދިމިޝްޤުގައި އަލުން އެމްބަސީ ހުޅުވައި، އައު ވެރިޔާ އަޙްމަދު އަލް ޝަރާއާއެކު މަޝްވަރާތައް ބާއްވާފައެވެ.
"ސީރިއާ އަދި ލުބުނާންއަށް ބޭނުންވާ ކަރަންޓު ފުރަތަމަ ފޯރުކޮށްދެވޭނީ ތުރުކީން އެކްސްޕޯޓް ކޮށްގެން ކަމަށް ވެދާނެ. އަދި އެ ޤައުމުތަކުގެ ޓްރާންސްމިޝަން ނެޓްވޯކުގެ ހާލަތު ބެލުމަށްފަހު މުޅި މަންޒަރު އިތުރަށް ސާފުވާނެ،" ބައިރަކްޓާ ތުރުކީގެ ސަންލިއުރުފާ ސިޓީގައި ނޫސްވެރިންނަށް ވިދާޅުވިއެވެ.
މިނިސްޓްރީގެ ވަފުދު ދިމިޝްޤަށް ވަޑައިގަތީ ހޮނިހިރު ދުވަހުއެވެ. ބައިރަކްޓާގެ ކުރީގެ ބަޔާނަކުން އެނގޭގޮތުގައި، މި ވަފުދު ދަތުރުކުރެއްވީ ކަރަންޓުގެ ދަތިކަން ހައްލުކުރުމަށްޓަކައި ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށެވެ.
ހަނގުރާމައިގެ ކުރިން ސީރިއާގައި 8،500 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 3،500 މެގަވޮޓަށް ދަށްވެފައިކަމަށް ބައިރަކްޓާ ވިދާޅުވިއެވެ.
"ގިނަ ބަޔަކު ކަރަންޓުގެ ބޭނުންތައް ފުއްދަނީ ޖަނަރޭޓަރުންނޭ ބުނެވިދާނެ. އެހެންވީމާ، ކަރަންޓަށް ވަރަށް ބޮޑު ބޭނުންވުމެއް އެބައޮތް،" އޭނާ ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ ޓީމުން ސީރިއާގެ އަމިއްލަ ތެޔޮ އަދި ގުދުރަތީ ގޭހުގެ ވަސީލަތްތައް ބޭނުންކުރެވިދާނެ ގޮތްތައް ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތުރުކީގެ ރައީސް ރެޖެޕް ޠައްޔިބް އުރުދުޣާން ވިދާޅުވެފައިވަނީ ސީރިއާ އަލުން ބިނާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އަންކާރާއިން ކުރާނެ ކަމަށެވެ.
ސީރިއާ އާއި ލުބުނާނަށް ކަރަންޓު ފޯރުކޮށްދިނުމަށް ތައްޔާރު: ތުރުކީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ