މޮނިޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރަށް ހައި ކޯޓުގައި އެދުމުގެ މަރުހަލާތައް އުނދަގޫވި ނަމަވެސް، އެ ބަދަލާއެކު، އޭނާގެ ބޮލުގައި އަޅުވަމުންދާ ބަދުނާމުން ސަލާމަތްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
މޮނިކޮން އަމުރަށް އެދުމުގެ ހުރިހާ ބާރެއް ޓެރަރިޒަމް ގާނޫނުގެ ދަށުން ހޯމް މިނިސްޓަރަށް ދީފައި އޮތް ނަމަވެސް، ރައީސް އަބްދުﷲ ޔާމީން މިދިޔަ ބުރާސްފަތިދުވަހު އެކުލަވާލެއްވި ކޮމިޓީއަކަށް އެ ބާރު މިހާރު ވަނީ ދީފަ އެވެ. މޮނިކޮން އަމުރު ދިނުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރަށް ލަފާ ދިނުމަށް ހަތަރު މެމްބަރުންގެ ކޮމިޓީއެއް އުފެއްދުމުން، މޮނިކޮން އަމުރާ ގުޅޭ ހުރިހާ ކަމެއް މިނިސްޓަރު ކުރައްވަން ޖެހެނީ އެ ކޮމިޓީގެ ލަފާގެ މަތިންނެވެ. އުމަރަށް އަމިއްލަ އަށް އެއް ކަމެއް ވެސް ނުނިންމޭނެ އެވެ.
މިކަމާ ގުޅިގެން "މިހާރު"އާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މޮނިކޮން އަމުރެއް ނެރެން ކޮމިޓީ އަށް ނުފެނިއްޖެ ނަމަ، އެ އަމުރެއް އޭނާ ނުނެރުއްވާނެ ކަމަށެވެ.
"އެކަމަކު ދައުލަތުގެ ޒިންމާދާރު ބޭފުޅުން ކޮމިޓީގައި އެ ތިއްބެވީ. އެ ޒިންމާ ރަނގަޅު ގޮތުގައި ނަންގަވާނެ ކަމަށް އަޅުގަނޑު ދެކެނީ. މޮނިކޮންގެ އުސޫލު އެއްކޮށް ފުނޑުފުނޑުވެގެން ނުދާނެ،" އުމަރު ވިދާޅުވި އެވެ.
މޮނިކޮން އަމުރު ނެރުމުގައި މިނިސްޓަރަށް ލަފާދޭ ކޮމިޓީގައި ތިއްބަވަނީ އުމަރުގެ އިތުރުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އަދި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފެވެ.
އުމަރު ވިދާޅުވީ މޮނިކޮން އަމުރު ނެރުމާ ގުޅޭ ހުރިހާ ކަމެއް ހޯމް މިނިސްޓަރުގެ ޒިންމާގެ ތެރޭގައި ހިމަނާފައި އޮތުމުން، އޭނާގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އެކި މީހުން އަޅުވަމުން ދިޔަ ކަމަށެވެ.
ހޯމް މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ: ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން، މޮނިކޮން އަމުރަށް ހައި ކޯޓުގައި އެދުމުގެ ފުރުސަތު ހަނިވާނެ ކަމަށް ދެކެވަޑައިގަންނަވާ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
"އަޅުގަނޑު ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރަނީއޭ ކިޔައިގެން ވާހަކަ އެބަދައްކާ. އެކަމަކު ކޮމިޓީއެއް ހެދުމުން ކޮންމެވެސް ވަރެއްގެ ބެލެންސެއް އަންނާނެ. އަޅުގަނޑު އެކަންޏެއް ނޫން ޒިންމާ ނަގާނީ މިހާރު. އަނެއް ތިން ބޭފުޅުން ވެސް ޒިންމާ ނަންގަވާނެ. މިއައި ތަފާތަކީ އެއް ފަނޑިޔާރަކު ހުރެގެން ހުކުމެއް ޖެހުމާއި ހަތަރު ފަނޑިޔާރުން ތިބެގެން ހުކުމް ޖެހުން،" މޮނިކޮން އުސޫލު ތައާރަފު ކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އުމަރު ވިދާޅުވި އެވެ.
ނަމަވެސް އުމަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި މޮނިކޮން އަމުރަށް އެދުމާއި އެއާ ގުޅޭ ހުރިހާ ކަމެއް ކުރުމުގެ ބާރު އޮންނަނީ ހޯމް މިނިސްޓަރުގެ އަތުގަ އެވެ. ރާއްޖެ އަށް ވެސް އެ އުސޫލު ތައާރަފު ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް އޭނާ އަދިވެސް ވިދާޅުވެ އެވެ.
"އަދިވެސް އަޅުގަނޑު ބޭނުންވަނީ ހޯމް މިނިސްޓަރަށް އެ ހުރިހާ ބާރެއް ލިބުން. އެކަމަކު ސަރުކާރުން ވަކި ގޮތަކަށް ނިންމީމާ އަޅުގަނޑަށް ދެން މައްސަލައެއް ނެތް. ނަމަވެސް މޮނިކޮން އުސޫލާ ގުޅޭ ކަންކަން ތަންފީޒު ކުރުން ދެން ހަނިވާނެ. އުނދަގޫވާނެ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޭންގް ކުށްތައް ހުއްޓުވުމުގައި ހަރުކަށިވާން ޖެހޭނެ ކަމަށެވެ. އަދި އޭނާ އަބަދުވެސް ހުންނާނީ އެ "ހަރުކަށިކަންމަތީގައި" ކަމަށް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑަކީ ހަރުކަށި މީހެއް. އެކަން ގަބޫލު ވެސް ކުރަން. މޮހޮރުގެ ބޮލުގައި މަރުތޭލަކުން ޖަހައިގެން ނޫނިއްޔާ އެ މޮހޮރެއް ލަކުޑިގަނޑަކަށް ނުވަންނާނެ. ދެން ކޮންމެ ގޮތަކަށް ވެސް ވާހަކަ ދެއްކިދާނެ. މޮހޮރު ދޮން ކޮށްގެން ލަކުޑިގަނޑަށް ޖަހައިގެން ވާނެއޭ. އެކަމަކު ހަގީގަތުގައި ކާމިޔާބުވާނީ މޮހޮރުގެ ބޮލުގައި މަރުތޭލަކުން ޖަހައިގެން،" އޭނާ ވިދާޅުވި އެވެ.
އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި މޮނިކޮން އަމުރާ ގުޅޭ ކަންކަމުގައި މިނިސްޓަރަށް ލަފާ ދޭނެ ކޮމިޓީއެއް ހެދުމަކީ ގާނޫނުގައި ބުނާ އުސޫލެއް ނޫނެވެ.
އަޅުގަނޑު ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރަނީއޭ ކިޔައިގެން ވާހަކަ އެބަދައްކާ. އެކަމަކު ކޮމިޓީއެއް ހެދުމުން ކޮންމެވެސް ވަރެއްގެ ބެލެންސެއް އަންނާނެ. އަޅުގަނޑު އެކަންޏެއް ނޫން ޒިންމާ ނަގާނީ މިހާރު. އަނެއް ތިން ބޭފުޅުން ވެސް ޒިންމާ ނަންގަވާނެ. މިއައި ތަފާތަކީ އެއް ފަނޑިޔާރަކު ހުރެގެން ހުކުމެއް ޖެހުމާއި ހަތަރު ފަނޑިޔާރުން ތިބެގެން ހުކުމް ޖެހުން: އުމަރު
މޮނިކޮން އަމުރަށް އެދުމުގެ ބާރު ހޯމް މިނިސްޓަރު އަތުން ނެގިއިރު، އެ އުސޫލުގެ ދަށުން ގޭންގްތަކުގެ ބައެއް އިސް މީހުންގެ ފައިގައި ޓެގް ހަރުކޮށް، މޮނިޓަ ކުރާ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި އޭގެ ޕްރެޝަރު ވަރަށް ބޮޑަށް އެބަހުރި ކަމަށް އުމަރު ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
އެންމެ ފަހުން މައްސަލަ ހޫނުވީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވާހަރާކޮށްލިކަމުގެ ތުހުމަތުގަައި ހައްޔަރުކޮށް ދައުވާ އުފުލި، ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)ގެ ފައިގައި ފުލުހުން ޓެގް އެޅުވުމުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން، ސަރުކާރު ހިންގާ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ބައެއް އިސް މެމްބަރުން ވަނީ އެމީހުންގެ ވައިބަ ގުރޫޕުގައި އުމަރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
މޮނިކޮން އަމުރު ހިންގަނީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ކުށްކުރާ ކަމަށް ތުހުމަތުކުރާ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް ކަމަށް އެ ގާނޫނުގައިވެ އެވެ. ގާނޫނުގައި ބުނާ ގޮތުން މޮނިކޮން އަމުރަށް މިނިސްޓަރު އެދެން ޖެހެނީ ހައި ކޯޓުގަ އެވެ. މޮނިކޮން އަމުރަށް އެދުމާއި ހައި ކޯޓުން އަމުރު ނެރުމަށް ފަހު، އެ ތަންފީޒު ކުރުމުގެ މަރުހަލާ އާއި އަމުރު މުރާޖައާ ކުރުމުގެ ބާރު ވެސް އޮންނަނީ މިނިސްޓަރަށެވެ.
އަމުރު ހޯދަން އުނދަގޫވިޔަސް ބަދުނާމުން ސަލާމަތްވާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ