މާލީ ހެޔޮ މިސްރާބަކަށް ގައުމު ގެންދާނަން: ގާސިމް

ދަރަނިތައް ކުޑަކޮށް އެއިން ސަލާމަތް ވުމަށް އާމްދަނީ އިތުރު ކުރުމާ އެކު، މާލީ ހެޔޮ މިސްރާބަކަށް ގައުމު ގެންދަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީ ގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓް އެރުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި، ފުރަތަމަ ތިން އަހަރު ޖީޑީޕީ، 120 ޕަސެންޓުން 90 ޕަސެންޓަށް ކުޑަކުރައްވާނެ ކަމަށެވެ. އަދި ދައުލަތުގެ ކަރަދު ޖީޑީޕީގެ 35 ޕަސެންޓުގައި ހިފަހައްޓައި، ދައުލަތުގެ އާމްދަނީ 30 ޕަސެންޓު މަތިކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ފަސް އަހަރު ތެރޭ 100 މިލިއަނަރުން އުފައްދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ ޓިކެޓު އެރުވުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގާސިމް އިބްރާހިމް އަށް ޓިކެޓު އަރުވާފައިވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފްއެވެ.
ރިޔާސީ ޓިކެޓުގެ ގޮތުގައި ރާއްޖޭގެ ގާނޫނުއަސާސީ އާއި ޓިކެޓުގެ ސިފައިގައިވާ ފަތްކޮޅެއް ގާސިމަށް އަރުވާފައިވާއިރު، ގާސިމްގެ ކެމްޕެއިންގެ ޝިއާރަކަށް "ހާސްކަނޑާލާ، ހަމަޖެހޭނެ" ވަނީ ކަނޑައަޅާފައެވެ. އަދި ކެމްޕެއިންގެ ރަސްމީ ލަވަ ވެސް ވަނީ އިފްތިތާހުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ