ވިލިނގިލިން ކަރަންޓު ކެނޑުނުތާ 8 ގަޑިއިރު، ރަށު ފެނަކައިގައި މައްސަލަ ހައްލުކުރެވޭނެ މީހެއް ނެތް!

ގއ.ވިލިނގިލީ އިންޖީނުގޭގައި ދިމާވި މައްސަލައަކާ ގުޅިގެން މިއަދު ހެނދުނު އެ ރަށުން ކަރަންޓު ކެނޑިފައިވާއިރު އެ ރަށުގައި އެ މައްސަލަ ހައްލުކުރެވޭނެ ޤާބިލުކަން ހުރި މީހަކު ނެތުމުން އެހެން ރަށަކުން މީހަކު ގެނެސްގެން މައްސަލަ ހައްލުކުރަން މަސައްކަތް ފަށައިފިއެވެ.
ގއ.އަތޮޅުގެ ވެރިކަންކުރާ ވިލިނގިލީގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިގެ މުވައްޒަފުންގެ ގޮތުގައި 270 މުވައްޒަފުން މަސައްކަތްކުރެއެވެ. "ދިޔަރެސް"އަށް މައުލޫމާތު ދިން އެ ރަށުގެ ފެނަކައިގެ މުވައްޒަފަކު ބުނި ގޮތުގައި އެ ރަށު އިންޖީނުގޭގައި ގިނަ އަދަދަކަށް މުވައްޒަފުން މަސައްކަތްކުރި ނަމަވެސް ގިނަ މީހުންނަކީ ސިޔާސީ ގޮތުން މަޤާމުތަކަށް އައްޔަންކޮށްފައި ތިބި މީހުން ކަމަށެވެ.
"ޓެކްނިކަލް ބޮޑު މައްސަލައެއް ދިމާވެއްޖެއްޔާ ސޯލްވްކުރަން އެނގޭ މީހަކު ނުހުރޭ. މިއަދު ހެނދުނު 7.30 ގައި ކަރަންޓު ދިޔައީ އެކަމަކު މައްސަލަ ހައްލުކުރާނެ ގޮތެއް ނޭނގުނު. މިހާރު ލޯންޗެއްގައި މައްސަލަ ހައްލުކުރެވޭނެ މީހަކު ހޯދަން ކައިރި ރަށަކަށް ގޮސްވީ،" އޭނާ ބުންޏެވެ.
އޭގެ އިތުރަށް ގއ.ވިލިނގިލީގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގެ ބެކްއަޕް ޖަނަރޭޓަރުތައްވެސް ހުރީ ހަލާކުވެފައިކަމަށް އެ ރަށުން "ދިޔަރެސް"އަށް މައުލޫމާތުދިން މީހަކު ބުންޏެވެ. އެ ޖަނަރޭޓަރުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބުރޫއަރައި ބައެއް ޚިދުމަތްތައް މިހާރު ހުރީ ހުއްޓިފައިކަމަށްވެސް އޭނާ ބުންޏެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަސްވަރަކަށްވާއިރު ކަރަންޓު ކެނޑި ގިނަ ވަގުތުތަކެއް ވުމުން އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އުޅެމުންދަނީ ވަރަށް ދަތި ހާލުގައިކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ރަށްރަށުގައި ފެނަކައިގެ ގޮފިތަކަށް އެ ރަށްރަށުގައި އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާ ނުބައްދަލު މިންވަރަކަށް މުވައްޒަފުން އިތުރުކުރި ނަމަވެސް ކުންފުނިން ފޯރުކޮށްދޭ ޔޫޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު ދުވަހަކަށްވުރެ ދުވަހެއްދަނީ ދަށްވަމުންނެވެ. ފެނަކައިގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ އެ ކުންފުންޏަށް މުދަލާއި ޚިދުމަތް ފޯރުކޮށްދީފައިވާ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ކުންފުނިވަނީ 2 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާއިން ދަރަނިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ