ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ޝާޒް ކާމިޔާބު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީން ޓިކެޓް ދޭނެ ބޭފުޅެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އިބްރާހިމް ޝާޒް ކާމިޔާބު ކުރައްވައިފި އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ މާލެ އާއި ގުރައިދޫ ދާއިރާގައި މީހުން ދިރިއުޅޭ ތިން ރަށުގައިވެސް ކުރިއަށް ގެންދިޔަ އެވެ. ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ ގުރައިދޫ، މާފުށި އަދި ގުޅި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ދެން ވާދަކުރެއްވީ އަބްދުﷲ ސައީދު، މުހައްމަދު މުސްތަފާ އަދި ސަލްމާން ރަޝީދު އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ބޭފުންނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.
ގުރައިދޫ ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާއަށް ދީފައިވާއިރު އެމްއެންޕީގެ ޓިކެޓް ވަނީ އަލީ އާރިފް ކިޔާ ބޭފުޅަކަށް ދީފަ އެވެ. ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އެމްޓީޑީ އިން ވެސް ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ