ޙަމަލާތަކާ އެކު ޒަޕޮރީޜިޔާ ނިއުކްލިޔަރ އިންޖީނުގެ ނުރައްކަލުގައި: އައިއޭއީއޭ

ޔޫކްރެއިންގެ ދެކުނުގައި އޮތް ޒަޕޮރީޜިޔާއަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން, އެ ސަރަޙައްދުގައި އޮންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ އިންޖީނުގޭގެ ސަލާމަތާއި ރައްކާތެރިކަން ނެތެމުންދާ ކަމުގައި އެޓޮމިކް ހަކަތައާ ބެހޭ އދގެ އިދާރާ (އައިއޭއީއޭ)ން އިންޒާރު ކޮށްފިއެވެ. އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ރަފަޔަލް މަރިއާނޯ ގްރޮއްސީ ކަންބޮޑުވުން ފާޅު ކުރައްވާފައި މި ވަނީ ޒަޕޮރީޜިޔާ ނިއުކްލިޔަރ އިންޖީނުގެ އޮންނަ ސަރަޙައްދަށް ދާދި ފަހުން ނުރައްކާތެރި ޑްރޯން ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.
ޒަޕޮރީޜިޔާ ނިއުކްލިޔަރ އިންޖީނުގެއަކީ ވިލާތުގެ ބައްރުގައި އޮންނަ އެ ފަދަ އެންމެ ބޮޑު އިންޖީނުގެއެވެ. އެ ތަން މި ވަގުތު އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ. ޑްރޯން ޙަމަލާ އަމާޒު ކޮށްފައި ވަނީ ޒަޕޮރީޜިޔާ އިންޖީނުގެ ކައިރީގައި އޮންނަ މަގަކަށެވެ. އެ ތަނުގައި ތިބި ރަޝިޔާގެ އޮފިޝަލުން ބުނީ, ޔޫކްރެއިންގެ ޑްރޯނަކުން ޙަމަލާ ދީފައި ވަނީ އެ ތަނުގެ މުވައްޒަފުން ބޭނުން ކުރާ މަގަކަށް ކަމުގައެވެ. ޒަޕޮރީޜިޔާ ނިއުކްލިޔަރ އިންޖީނުގެ އޮންނަ ސަރަޙައްދަށް ދެމުންދާ ޙަމަލާތަކުގެ ޒިންމާ އުފުލަން ރަޝިޔާއާއި ޔޫކްރެއިނުން ވެސް ދަނީ ދެކޮޅު ހަދަމުންނެވެ.
"އަނެއްކާ ވެސް ނިއުކްލިޔަރ އިންޖީނުގެއަށް ނުރައްކާވާ ފަދަ ޙަމަލާތަކެއް މި ވަނީ އަމާޒު ކޮށްފައި. މި ކަމާ މެދު އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވޭ. އަދި, އެ ތަނަށް އަމާޒުކޮށް ޙަމަލާ ދިނުން ހުއްޓައިލަން ދެ ފަރާތަށް ވެސް އިލްތިމާސް ކުރަން. އެ ތަނުގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭނެ،" ގްރޮއްސީ ވިދާޅުވިއެވެ.
އައިއޭއީއޭން ބުނީ, ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ނިއުކްލިޔަރ އިންޖީނުގޭގެ ރިއެކްޓަރުތައް ފިނި ކުރަން ބޭނުން ކުރާ ފެންގަނޑުތައް ހުންނަ ސަރަޙައްދާއި, އެ ތަނަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލް އޮތް ސަރަޙައްދަށް ކަމުގައެވެ. އެ އިދާރާގެ ޓީމުތަކުން ވަނީ އޮގަސްޓު 17ވަނަ ދުވަހު އެ ސަރަޙައްދަށް ޒިޔާރަތްކޮށް, އެ ތަނުގެ ހާލަތު ވަޒަން ކޮށްފައެވެ. އެ ސަރަޙައްދަށް ޙަމަލާ ދިނުމަށް ޑްރޯނެއް ބޭނުން ކޮށްފައިވާ ކަމަށް އައިއޭއީއޭން ވެސް ގަބޫލު ކުރެއެވެ.
ޒަޕޮރީޜިޔާ ނިއުކްލިޔަރ އިންޖީނުގެއަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނެތެވެ. އަދި, އެ ތަނުގެ އެއްވެސް ރިއެކްޓަރަކަށް ވެސް ގެއްލުންވެފައެއް ނެތެވެ. ނަމަވެސް, އެ ތަނަށް ދަތުރު ކުރުމަށް މުވައްޒަފުން ބޭނުން ކުރާ މައި މަގަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޒަޕޮރީޜިޔާ ނިއުކްލިޔަރ އިންޖީނުގެއަށް ޙަމަލާއެއް ދީފައި މި ވަނީ, ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔޫކްރެއިންގެ ސިފައިން ރަޝިޔާގެ ކޫރްސްކު ސަރަޙައްދުގެ ރަށްތަކަށް އަރައި, ހަނގުރާމަ ފުޅާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ކޫރްސްކުގެ 82 އަވަށަކަށް އަތްގަދަ ކޮށްފައިވާނެ ކަމަށާއި, އެ ސަރަޙައްދުން 1,150 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް ވެރިވެގަނެފައިވާނެ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. ޔޫކްރެއިން ސިފައިން ރަޝިޔާއަށް އަރާފައި ވަނީ އޮގަސްޓު 6ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ