ހދ. ކުޅުދުއްފުށީ ކޯޓުގެ އިސްމެޖިސްޓްރޭޓް، އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކުރައްވައިފިއެވެ.
އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފަށް އިސްމެޖިސްޓްރޭޓް އަލީ އާދަމް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އެހެންކަމުން މި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް އެ ކޮމިޝަންގެ 5 ވަނަ ޖަލްސާގައި ނިންމާ ތަހްގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. މި ޖަލްސާ ބޭއްވީ ޖެނުއަރީ 18، 2023 ވީ އާދިއްތަ ދުވަހު ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލަ ބަލަން ފަށާފައިވާއިރު، މިދިޔަ އަހަރު އެޕްރީލް މަހުގެތެރޭގައި ވެސް އަލީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެގެން ޖޭއެސްސީ އިން ވަނީ ފިޔަވަޅު އަޅާފައެވެ.
އެގޮތުން އެފަހަރު ވަނީ ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަ ކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވުމާއި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ވަނީ ސާބިތުވެފައެވެ.
މީގެ އިތުރުން އަލީ އާދަމް ޖަމްއިއްޔާއެއް އުފައްދައި ހަރަކާތްތެރިވެފައިވާކަން ސާބިތުވެފައި ވާއިރު، އޭނާ އުފެއްދި ޖަމްއިއްޔާއިން އިސްނަގައިގެން ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި އަލީ އާދަމް އަމަލީ ގޮތުން ބައިވެރިވެފައި ވާތީ އާއި އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި އާންމުން ދުށުމުގެ ފުރުސަތު އޮތް ހަރަކާތެއްކަމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ.
ހަމަމިއާއެކު އަލީ އާދަމްގެ ފޭސްބުކް އެކަންޓުން އެ ހަރަކާތް އިޝްތިހާރު ކުރުމަށް މަސައްކަތް ކޮށްފައި ވާއިރު، ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ފާޅުކޮށްފައިވާ ޝުއޫރުތަކަކީ އޭނާ ހިއްސާކޮށްފައިވާ ތަކެތިކަމަށް ބުނެ ވަނީ އިއުތިރާފު ވެފައެވެ.
އެއީ ސިޔާސީގޮތުން ފާޅުކޮށްފައިވާ ހިޔާލުތަކާއި ޝުއޫރުތަކެއް ކަމަށް އާންމުން ދުށުމުގެ ފުރުސަތު ފާޅުކަން ބޮޑު ގޮތެއްގައި އޮތް ކަމެއްކަމުގައި ޖޭއެސްސީ އިން ވަނީ ނިންމާފައެވެ. އަދި ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަތަ ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ކޮށްގެން ނުވާނެ ފަދަ އަމަލެއް އަލީ އާދަމް ކުރިކަން ސާބިތުވެ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް 02 ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް އޭރު ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.
ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ