ވަގަށް ސިނގިރޭޓު އެތެރެކުރުމުގައި ހޯކްސްއަށް ދައުވާކުރަން ހެއްކެއް އަދި ނެތް: ޕީޖީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރާ ހޯކްސްގެ ބޯޓަކުން 2،000 ސިނގިރޭޓު ކާޓޫނު ރާއްޖެއަށް ވަގަށް އެތެރެކުރި މައްސަލާގައި އެ ކުންފުންޏަށް ދައުވާ ނުކޮށް އޮތީ ހެކި ނެތުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - 'ހޯކްސް ޖަވާހިރު' ބޯޓުން ރާއްޖެ އެތެރެކުރަން އުޅުނު 2،000 ކާޓޫނުގެ ސިނގިރޭޓް ކަސްޓަމްސް އިން ހިފެހެއްޓީ މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ފަހުކޮޅުގަ އެވެ.
ތަފްސީލު - އެ މައްސަލާގައި ތުހުމަތު ކުރެވެނީ 17 މީހަކާއި ދަ ހޯކްސް ކުންފުންޏަށެވެ. އެ މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުން މިއަދު ބުނީ:
ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އިންޑިއާ 11 މީހުންނާއި ބަންގްލަދޭޝްގެ 2 މީހުން ކުށަށް އިއުތިރާފުވެ، ނަސޭހަތުގެ އެއްބަސްވުމެއް ހަދަން އެދިފައިވާތީ، ދައުވާނުކޮށް އެ އެއްބަސްވުން ހަދަން ނިންމި (4 މެއި 2025)
އެ އެއްބަސްވުމުގައި ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ޝަރީއަތަށް ހުށަހަޅާފައިވާ ބަޔާއި ކުރިއަށް ހުށަހެޅިދާނެ ބައިތަކުގައި ވެސް އެއްބާރުލުން ދިނުމަށް ހިމަނާފައިވޭ
މައްސަލާގައި ދެން ހިމެނޭ ތިން ދިވެހިން (އާދަމް ރަމީޒު، މުހައްމަދު ނަސީރު އަދި މުހައްމަދު ދީދީ)ގެ މައްޗަށް ރާއްޖެެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައި (8 މެއި 2025)
ނަމަވެސް މައްސަލާގައި ތުހުމަތު ކުރެވޭ އިސްމާއިލް އާދަމް އާއި ދަ ހޯކްސްގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ އެ ބައިތައް ކަސްޓަމްސް ސާވިސްއަށް ވަނީ އަނބުރާ ފޮނުވާފައި
އަނބުރާ ފޮނުވާލި ނަމަވެސް، ޕީޖީ އޮފީހުން ބުނީ ކުންފުނީގެ މައްޗަށް ދައުވާ ކުރުމުގެ މުއްދަތު ހަމަނުވާތީ، އިތުރު ހެކި ލިބިއްޖެ ހާލަތެއްގައި ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެ މައްސަލައާ ގުޅުންހުރި އިތުރު ޖިނާއީ ތަހުގީގެއް ފުލުހުން ވެސް ކުރަމުން އަންނައިރު، ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ހުށަހެޅުމުން ތުހުމަތު ކުރެވޭ ކުންފުނީގެ މައްޗަށް ދައުވާ ކުރުމާ މެދު ނިންމާނެ ކަމަށެވެ.
ގުޅުންހުރި ކަމެއް - ހޯކްސްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ބޯޓެއްގައި ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުމަކީ ހައިރާންވާ ކަމެއް ކަމަށް ބުނެ، މިކަމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން މީގެ ކުރިން ދީފައިވެ އެވެ.
އެނގުން މުހިންމު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ކަސްޓަމްސް އިން ވަނީ އެ ބޯޓުން 2،000 ކާޓޫނުގެ ސިނގިރޭޓް ހިފަހައްޓާފަ އެވެ. 
2،000 ކާޓޫނަކީ 400،000 ސިނގިރޭޓެވެ. އެނގިފައިވާ ގޮތުގައި އެ ތަކެތި ޑިކްލެއާކޮށްފައިވަނީ ޓިޝޫގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ