ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދައެރުމުގެ ފުރުސަތު އެބައޮތް، ސަމާލުވޭ
މޫސުން ގޯސްވެ، މުޅި ރާއްޖެއަށް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ، 14:00އިން 18:00އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެ، އުދަ އެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މެޓް އޮފީހުން މިއަދު މާލެ ސަރަހައްދުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ކަނޑު ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓަށް އެރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އިއްޔެ މޫސުމާ ބެހޭ އިދާރާއިން ނެރުނު އިއުލާނެއްގައި ވަނީ، މިއަދުން ފެށިގެން ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އެހެންކަމުން ވައި ބާރުވެ، ކަނޑުތައް ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ. މޫސުން ގޯސްވުމުން ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެ، ކަނޑުތައް ގަދަވެ، ޚާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ. މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވެސް ބުނެފައެވެ. މޫސުން ގޯސްވެ، ކަނޑުމަތީގައާއި އެއްގަމުގައި ވެސް މީގެ ކުރިން ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ފެން ބޮޑުވެ ގޭބީސީތަކަށް ގެއްލުންވުމާއި، ކަނޑުމަތީގައި މީހުން ގެއްލި، ދޯނިފަހަރުތަކަށް ވެސް ގެއްލުންވެފައި އެބަހުއްޓެވެ. އެހެންކަމުން މޫސުމަށް ސަމާލުވުން މުހިންމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ