އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ވާހަކަ ދައްކައިގެން ހައްލު ކުރެވިދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެ އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އިތުބާރު ކުރުމަކީ މައްސަލައަކަށް ވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް ފަސޭހަކަމާ އެކު، އެމެރިކާއާ އެކު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ހަމަނުޖެހުންތައް ހައްލުކުރެވިދާނެ ވާހަކަދައްކައިގެން،" ހޮނިހިރު ދުވަހު އެމެރިކާގެ ކޮންޒަވޭޓިވް ޕޮޑްކާސްޓަރު ޓަކާ ކާލްސަންއަށް ދެއްވި އިންޓަވިއުއެއްގައި ޕެޒެޝްކިއަން ވިދާޅުވި އެވެ.
އީރާނުގެ ލީޑަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައްވާފައިވަނީ އިޒްރޭލުގެ ލީޑަރު ބެންޖަމިން ނަތަންޔާހޫއާ އެއްބައިވެގެން އީރާނާ ދެކޮޅަށް ހަނގުރާމަ ނުކުރުމަށެވެ. ޓްރަމްޕާ މަޝްވަރާ ކުރެއްވުމަށް ނަތަންޔާހޫ މިވަގުތުގައި ހުންނެވީ އެމެރިކާގަ އެވެ.
އީރާންގެ ރައީސް ވިދާޅުވީ ޓްރަމްޕަކީ މެދުއިރުމަތީގައި ސުލްހަ އާއި އުޖާލާ މުސްތަގުބަލަކަށް މަސައްކަތް ކުރެއްވުމުގެ ގާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި ނަމަވެސް ނަތަންޔާހޫއަކީ އެފަދަ ބޭފުޅެއް ނޫން ކަމަށެވެ.
ޕެޒެޝްކިއަން ވިދާޅުވީ އެމެރިކާ "ނިމުމެއް ނެތް ފުން ވަޅުގަނޑަކަށް ފުންމާލައިގެން، އޭގެ ތެރޭގައި ގަރަގުވާނީތޯ ނުވަތަ ނޫންތޯ" އިހްތިޔާރު ކުރުމަކީ އެމެރިކާގެ ރައީސަށް އޮތް މަގެއް ކަމަށެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކަރޯލީން ލީވިޓް ވިދާޅުވީ އީރާނުގެ ރައީސް ދެއްކެވި ވާހަކަތައް ޓްރަމްޕަށް ފެނިވަޑައިގަތް ކަމުގެ ޔަގީންކަން އޭނާއަށް ނެތް ކަމަށެވެ. ނަމަވެސް މުޅި ސަރަހައްދަށް ސުލްހަ ގެނައުމުގެ މޭސްތިރިއަކަށް ޓްރަމްޕަށް ވެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށި އިރު، އޭރު ހިނގަމުން ދިޔަ މަޝްވަރާތައް ރޫޅުމުގެ ޒިންމާ އުފުލަން ޖެހޭނީ އީރާނުގެ އެންމެ ބޮޑު ދުޝްމަން، އިޒްރޭލުން ކަމަށް ޕެޒެޝްކިއަން ތުހުމަތު ކުރެއްވި އެވެ. އެ 12 ދުވަހުގެ ހަނގުރާމާގައި އީރާނުގެ ކޮމާންޑަރުންނާއި ނިއުކުލިއާ އިސް ސައިންސްވެރިން ވަނީ އަވަހާރަވެފަ އެވެ.
"އަޅުގަނޑުމެން ކިހިނެއް އެމެރިކާއަށް އިތުބާރު ކުރާނީ؟،" ޕެޒެޝްކިއަން ސުވާލު ކުރެއްވި އެވެ.
"އެ މަޝްވަރާތަކުގެ މެދުތެރެއިން އިޒްރޭލު ސަރުކާރަށް އަނެއްކާވެސް އަޅުގަނޑުމެންނަށް ހަމަލާދޭން ފުރުސަތު ނުދޭނެކަން ޔަގީންވާނީ ކިހިނެއް؟"
އިޒްރޭލުން އޭނާ އަވަހާރަކޮށްލުމަށް މަސައްކަތް ކުރި ކަމަށް ވެސް ޕެޒެޝްކިއަން ވިދާޅުވި އެވެ.
އެމެރިކާއާ އެކު މަޝްވަރާ ކުރަން ތައްޔާރު: އީރާންގެ ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ