ކޮންމެ މީހަކަށްވެސް ކުރިމަތިލާންޖެހޭނެ އެންމެ މުހިންމު ވަޤުތަކީ މަރުވުމުގެ ވަޤުތެވެ! ތިމާގެ އާޚިރަތް ބިނާވެގެންދާނީ މަރުގެ މަލާއިކަތުން އެމީހެއްގެ ފުރާނަ ހިއްޕަވާ ގޮތުގެ މައްޗަށެވެ! ހެޔޮލަފާ އަޅެއްގެ ގޮތުގައި ފުރާނަ ހިއްޕަވައިފިނަމަ ލިބެން އޮތް އުފާވެރިކަމުގެ ބޮޑުކަމާއެވެ.
ފުރާނަ ހިއްޕެވުމަށްފަހު އެފުރާނަ ވަޤުތުން ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވައެވެ. ގެންދެވުމުން އެފުރާނައާއިމެދު ﷲ ތަޢާލާ ނިޔާ ކަނޑައަޅުއްވަވަތެވެ. ވީމާ ޙަޤީޤަތަށް ބަލައިފިނަމަ މިއީ ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ބައްދަލުވުމެވެ. ހިތާމައަކީ އެމުހިންމު ބައްދަލުވުމަށް ތައްޔާރު ނ ުވެވޭ ކަމެވެ.
މިއަދު ކެނޑިނޭޅި ފެންނަމުންދާ ކަންކަންކަމަށް ވިސްނައިލާށެވެ! ތަނަވަސް މީހެއް، ޤައުމުގެ ވެރިއެއް، ބާރާއި ނުފޫޒު ހުރި ކޮންމެ މީހެއް، ނުވަތަ އެމީހެއްގެ ކިބައިން ތިމާއަށް ފައިދާއެއް ކޮށްފާނެ ކޮންމެ މީހަކުނަމަވެސް ތިބާގެ ގެއަށް އަންނާނެ ވަޤުތު ކުރިއާލައި އެނގޭނަމަ އެމީހަކާއި ބައްދަލުކުރަން ތައްޔާރު ނުވާނަން ހެއްޔެވެ؟
ދެން ވިސްނާލަންވީ މި ބަޔާންކުރި މީސްމީހުންނަށް ތަނަވަސްކަމާއި، ބާރާ އެހެންވެސް ކަންކަން ދެއްވެވި ﷲ ތަޢާލާ ތިބާގެ ޙާލުބައްލަވައިވޮޑިގަންވާއިރު ތިބާއަށް ކަންކަން ކުރެވޭ ގޮތާއިމެދުގައެވެ.
އަދިވެސް ވިސްނައިލާށެވެ! މިބުނި މީސްމީހުން ތިބާގެ ގެއަށް ދާނީ އެމީހުންގެ އަމިއްލަ ބޭނުމަކުއެވެ. އެހެނަސް ﷲ ތަޢާލާ ތިބާގެ ކިބައިން އެދިވޮޑިގަންނަވަނީ ހަމައެންމެ ކަމަކަށެވެ. އެއީވެސް ހަމަ ތިބާގެ ފައިދާއަށެވެ. އެކަމަކީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ. އިޚްލާޞްތެރިކަމާއިއެކު އެކަން ތިބާ ކޮށްފިނަމަ ދެންހުރި ކަންކަން އޮޓޮމެޓިކުން ތިބާއާއިއެކުގައިވާނެއެވެ. އިން ޝާ ﷲ
އެއީވެސް ތިބާގެ ފައިދާއަށެވެ. ތިބާއަށްޓަކައެވެ. ޤިޔާމަތް ދުވަހު ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވައި ދެއްވެވުމަށެވެ. އެކަމަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާ މިންވަރު ނިކަން ދެކިބަލާށެވެ! 7 ވަނަ އުޑުގެމަތިން އަހރެމެންގެ އެންމެންގެ ކަންކަން ބައްލަވައިވޮޑިގަންނަވަމުން ކޮންމެ ރެއަކު ފަހުދަންފަޅީގައި ބިމުގެ އުޑަށް ފައިބައިވޮޑިގެން އަހުރެމެންގެ އެންމެންގެ ޙާލު އެބަބައްލަވައި ވޮޑިގަންނަވައެވެ.
އަހަރެމެންނަށް ކޮންމެ ކަމަކަށް ބޭނުންވެފައިވީނަމަވެސް އެކަމަކަށް އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަން ދަޢުވަތު ދެއްވަވަތެވެ. އެކަމަކުވެސް އިންތިހާއަށް ގިނައިން ކަންކަމަށް ބޭނުންވެ ތިބެގެންވެސް އަހަރެމެންނަކަށް އަޅައެއް ނުލެވެއެވެ. އެއިރުވެސް އެއްބައަކު ނުނިދައި ހޭލައި ތިބެގެން ހީނ މަޖާނަގަނީއެވެ. އަނެއްބައަކު ދެފައި ދަމަދަމާފައި ހަމަ ނިދަނީއެވެ.
މިއުންމަތުގެ ޞާޙިބާ، އަހުރެމެންގެ ލޮބުވެތި ނަބިއްޔާ، މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ﷲ ތަޢާލާ ވަނީ އިސްވެދިއަހައި ފާފަތަކާއި އަދި ކުރެއްވެވޭނެ އެންމެހައި ފާފަތައް ވެސް ފުއްސަވައި ދެއްވަވާފައި ކަމާއި އެހެން ކަމާއިއެކުވެސް ރޭގަނޑުގެ އަރާމު ނިންޖާއި ލޮބުވެތި އަނބިއަނބިކަނބަލުންނާއިވެސް ވަކިވެވަޑައިގެން ތެދުވެ ހުންނަވައި ދެފައިންޕުޅު ދުޅަވެ ލޭފޮދު އޮހޮރެންދެން ރޭއަޅުކަން ކުރެއްވެވި ސަބަބަށް ވިސްނައިލާށެވެ!
އަބަދުވެސް ބުނަންޖެހޭ ފަދައިން މިއީހުރިހާ މުސްލިމުންވެސް ވަރަށް ރަނގަޅަށް ދަންނަ ވާހަކަތަކެކެކެވެ. ހިތާމައަކީ އަމަލު ނުކުރެވޭ ކަމެވެ. ސުވަރުގެ ލިބުންވަނީ ގިނަގިނައިން ތައުބާވެ ހެޔޮ ޢަމަލުކުރާ މީހުންނަށެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން މަސައްކަތްކުރާ މީހުންނަށެވެ.
ވީމާ ދަމުނަމާދުނުކޮށް ނިދާފައި އޮންނަން ނުވަތަ މަޖާކުރަން ވަޤުތުހޭދަކުރަން ހެޔޮނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މަތީ ފެންވަރުގެ މީހަކާ ބައްދަލުކުރާނަމަ ރީތިވެ އެކަމަށް ތައްޔާރުވެގެންދާއިރު ﷲ ތަޢާލާ އާއި ބައްދަލުކުރަންޖެހޭނެ ވަޤުތަށް ނަފްސް ޠޯހިރުކޮށް ތައްޔާރުނުވާނަމަ ދެންވާނީ ކިހިނެއްތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ