ކްލަބް ވޯލްޑް ކަޕްގެ ގަދަ 16ގައި ލިއޮނެލް މެސީގެ ކުރީގެ ކްލަބް ޕީއެސްޖީ އަތުން އިންޓަ މަޔާމީ 4-0ގެ ބޮޑު ތަފާތަކުން ބަލިވެ މުބާރާތުން ރޭ ވަނީ ކަޓައިފަ އެވެ.
ނަމަވެސް އާޖެންޓީނާގެ ވޯލްޑް ކަޕް ބަތަލު އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއަށް އަދިވެސް އޮތް ލޯބި، އެ ތަފާތު ބޮޑު މެޗުން ވެސް ފެނުނެވެ. އެ މެޗު ބަލަން އެމެރިކާގައި 65،000އަށް ވުރެ ގިނަ މީހުން ވަދެ ތިބީ މެސީގެ ކުޅުން ދެކިލަން ކަމާ މެދު ޝައްކެއް ނެތެވެ.
ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް އިންޓަ މަޔާމީއަށް މާ ބޮޑު ކަމެއް ނުކުރެވުމަކީ އަދި އެހެން ކަމެކެވެ. މެސީއަށް ބޯޅަ ލިބޭ ފަހަރަކު ވިއްޔާ އޭނާގެ އެ ޖާދުވީ ހުނަރު ހުރިކަން ފެނުނެވެ.
އެކަމަކު މިހާރު އޮތް ބޮޑު ސުވާލަކީ މިއީ ދުނިޔޭގެ ފެންވަރުގެ މެޗަކުން މެސީ ފެންނާނެ އެންމެ ފަހު ފަހަރު ހައްޔެވެ؟ މިހާރު މަޔާމީގައި އާއިލާއާ އެކު ދިރިއުޅެމުން އަންނަ ކުޅުންތެރިޔާ އާއި އިންޓަ މަޔާމީއާ ދެމެދު ހަދާފައި އޮތް އެއްބަސްވުން މި އަހަރުގެ ނިޔަލަށް ނިމުމަކަށް އަންނާނެ އެވެ. އޭގެ ފަހުން އޭނާ ކުޅުން ކުރިއަށް ގެންދާނީތޯ ނުވަތަ ހުއްޓާލާނީތޯ ނޫން ނަމަ އެހެން ކްލަބަކަށް ދާނީތޯ، މި ހުރީ ބޮޑެތި ސުވާލުތަކެވެ.
އަންނަ އަހަރު އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި އޮންނަ ވޯލްޑް ކަޕަށް އާޖެންޓީނާ ނުކުންނާނީ ތަށި ދިފާއުކުރާށެވެ. މެސީއަކީ އެ ތަށި 2022ގައި އާޖެންޓީނާއަށް ކާމިޔާބުކޮށްދިން މައިގަނޑު ކުޅުންތެރިޔާ އެވެ. ކެޕްޓަނެވެ. އެ މުބާރާތުގެ ވެސް އެންމެ ކުޅުންތެރިޔާ އެވެ.
އެކަމަކު އާޖެންޓީނާއާ އެކު ވޯލްޑް ކަޕުން ފެނިދާނެ ކަމުގެ ޔަގީންކަމެއް މެސީ އަދި ނުދެ އެވެ.
އޭނާގެ ބައެއް ގާތް މީހުންގެ އެދުމަކީ ކުޅުން ހުއްޓާލާ ނަމަ ވޯލްޑް ކަޕަކީ އެންމެ ފަހު މުބާރާތަށް ހެދުމެވެ. ނަމަވެސް ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއި މެސީގެ ހުރިހާ މައުލޫމާތެއް އެނގި ތިބި ބައެއް މީހުންގެ ނަޒަރުގައި އޭނާ ކަންކުރާނެ ގޮތެއް އަދި އެއްގޮތަކަށް ވެސް ނޭނގެ އެވެ.
ރޭގެ މެޗަށް ފަހު "މިއީ ދުނިޔޭގެ ފެންވަރުގައި މެސީގެ ކުޅުން އަހަރެމެންނަށް ފެނުނު އެންމެ ފަހު ފަހަރުތޯ" ބައެއް މީޑިއާތަކުން ސުވާލު އުފެއްދީ އެހެންވެ އެވެ. މެސީގެ ފަރާތުން އަދި އެއްވެސް ވާހަކައެއް ނީވޭތީ އެވެ. އަދިވެސް އެއީ ހުނަރުން ފުރިފައި ހުރި ކުޅުންތެރިއެއް ކަމަށް ގަބޫލުކުރެވޭއިރު އެތައް ބައެއްގެ ހިތުގައި އޮންނާނީ ވެސް އެ ސުވާލެވެ.
ދުނިޔޭގެ ފެންވަރުގައި މެސީގެ ފަހު މެޗުތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ