އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ މުވައްޒަފުން ވަޓްސްއެޕް ބޭނުންކުރުން މަނާކޮށްފި
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް (ގާނޫނު ހަދާ މަޖިލިސްގެ މަތިގެ) އިން، ސަރުކާރު މުވައްޒަފުންނަށް ދޫކޮށްފައިވާ ހުރިހާ ޑިވައިސްއެއްގައި މެޓާގެ ވަޓްސްއެޕް މެސެޖިން ޕްލެޓްފޯމް ބޭނުންކުރުން މަނާކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ހޯމަ ދުވަހު މަޖިލީހުގެ ހުރިހާ މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯއަކުންނެވެ. މަޖިލީހުގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު ފޮނުއްވި މި މެމޯގައި ބުނެފައިވާ ގޮތުގައި، ހައުސްގެ "އޮފީސް އޮފް ސައިބާސެކިއުރިޓީ" އިން ވަނީ ވަޓްސްއެޕް އަކީ ޔޫޒަރުންނަށް "ނުރައްކާ ބޮޑު" (ހައި-ރިސްކް) އެޕެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެގޮތުން، ޔޫޒަރުންގެ ޑޭޓާ ރައްކާތެރިކުރާ ގޮތުގެ ހަރުދަނާ ނިޒާމެއް ނެތުމާއި، ޑިވައިސްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އެންކްރިޕްޓް ނުކުރުމާއި، އަދި އެޕް ބޭނުންކުރުމުން ދިމާވެދާނެ އެހެނިހެން ސަލާމަތީ ނުރައްކާތަކަކީ މި ނިންމުން ނިންމި މައިގަނޑު ސަބަބުތައް ކަމަށް މެމޯގައި ފާހަގަކޮށްފައިވެއެވެ. މި މެމޯގައި، ވަޓްސްއެޕްގެ ބަދަލުގައި މުވައްޒަފުންނަށް އެހެން މެސެޖިން އެޕްތައް ބޭނުންކުރުމަށް ލަފާދީފައިވެއެވެ. އޭގެ ތެރޭގައި އެމޭޒަންގެ "ވިކާ"، އެޕަލްގެ "އައިމެސެޖް" އާއި "ފޭސްޓައިމް"، މައިކްރޮސޮފްޓްގެ "ޓީމްސް" އަދި "ސިގްނަލް" ހިމެނެއެވެ. މި ނިންމުމާ ގުޅިގެން ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި، މެޓާގެ ތަރުޖަމާނަކު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި، މި ނިންމުމާ "އެންމެ ހަރުކަށި އިބާރާތުން ދެކޮޅު ހަދާ" ކަމަށާއި، މަޖިލީހުން ބޭނުންކުރުމަށް ހުއްދަ ދިން އެހެން އެޕްތަކަށްވުރެ ވަޓްސްއެޕުން މާ މަތީ ދަރަޖައެއްގެ ސަލާމަތާއި ރައްކާތެރިކަން ލިބިދޭ ކަމަށް ބުނެފައިވެއެވެ. މިދިޔަ ޖެނުއަރީ މަހު، ވަޓްސްއެޕްގެ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ސްޕައިވެއާ (ހެކުކުރާ ސޮފްޓްވެއާ) ކުންފުންޏެއް ކަމަށްވާ "ޕެރަގަން ސޮލިއުޝަންސް" އިން ވަނީ ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުގެ މެމްބަރުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ވަޓްސްއެޕް ޔޫޒަރުންނަށް އަމާޒުކޮށް ހަމަލާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ