ކާޑު ލިމިޓް އިތުރުކުމަކީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނަގަން ރޭވި މަކަރުވެރި ރޭވުމެއް: ޝާހިދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑު ލިމިޓު 500 ޑޮލަރަށް ބޮޑުކުރުމަކީ ރައްޔިތުންނަށް ލިބުނު ލުޔެއް ނޫން ކަމަށާއި، އެއީ އެއީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ރޭވި މަކަރުވެރި ރޭވުމެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ސިފަކުރައްވައިފިއެވެ. ބީއެމްއެލްއިން މިއަދު ވަނީ އެ ބޭންކުގެ ޑެބިޓް ކާޑު ލިމިޓަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެ ގޮތުން ކޮންމެ ޑެބިޓް ކާޑަކަށް ބޭންކު ރޭޓުން ދެމުން އައި ޑޮލަރު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ވަނީ ބޮޑު ކޮށްދީފައެވެ. ނަމަވެސް އެ ލުޔާއެކު، އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ޓަކައި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެގޮތުން ބައެއް ސައިޓްތައް ކަމަށްވާ, ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ބޭންކުން ވަނީ ނިންމައިފައެވެ. ހަމައެއާއެކު ބީއެމްއެލްގެ ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖޭން ބޭރުން ފައިސާ ނެގޭ އަދަދު މަހަކު 125 ޑޮލަރަށް ވަނީ ލިމިޓްކޮށްފައެވެ. އަދި މިފަދަ ކޮންމެ ޓްރާންސެކްޝަނަކުން 10 ޑޮލަރުގެ ފީއެއް ނެގުމަށް ވަނީ ނިންމައިފައެވެ. ކުރިން ފީގެ ގޮތުގައި ނަގަނީ 100 ރުފިޔާއެވެ. https://sun.mv/207996 މި ކަމާ ގުޅިގެން ޝާހިދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ރައްޔިތުންނަށް ދަތިވާހެން ރޭވި މަކަރުވެރި ރޭވުމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ސަރުކާރުން ބޭރުގެ ފައިނޭންސިން ހޯދުމާއި ރިޒާވް ޒިންމާދާރުކަމާއެކު މެނޭޖްކުރުމުގައި ފެއިލްވުމުގެ ނަތީޖާއެވެ. އިސްލާހުގެ ބަދަލުގައި، އާންމު ދިވެހި އާއިލާތަކުގެ މައްޗަށް އިގުތިސާދީ ބުރަ ބަދަލުވެ، ހަމަހަމަކަން ގެއްލި، ދުނިޔޭގެ މުދަލަށް ވާސިލުވުމުގެ ފުރުސަތު ހަނިވީ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިއީ ދިރިއުޅުމުގެ ޚަރަދުގެ ހާލަތު އިތުރަށް ގޯސްވުމަށް ހުޅުވުނު ދޮރެއް ކަމަށް ވެސް ވިދާޅުވިއެވެ. އީ-ކޮމާސްއަށް ރުފިޔާ ޑެބިޓް ކާޑުން ކުރާ މުއާމަލާތްތަކަށް 30 ޕަސެންޓުގެ ފީއެއް ނެގުމުގެ ސަބަބުން، އޮންލައިންކޮށް މުދާ ގަންނައިރު، ޑޮލަރު ރޭޓު ބްލެކް މާކެޓަށްވުރެ ބޮޑުވާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. "މިއީ ހަމައެކަނި ބޭރު ފައިސާގެ މައްސަލައެއް ނޫން. މި ސިޔާސަތުން މައްސަލަ ހައްލެއް ނުވޭ. އާންމު ރައްޔިތު މީހާއަށްވީ ގެއްލުން،" ޝާހިދު ވިދާޅުވިއެވެ. ބޭންކުން ބުނީ ރާއްޖޭން ބޭރަށް ދަތުރުނުކުރާ މީހުންގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން، އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އެ ގޮތަށް ނަގާ ޑޮލަރު ރާއްޖެ ގެނެސް ކަޅު ބާޒާރުގައި ދަނީ ވިއްކަމުންނެވެ. ބޭންކުން މި ގެނައި ބަދަލާއެކު ވެސް ކިޔަވާ ކުދިންގެ ކާޑަށް ދީފައިވާ 1200 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެހެންކަމުން މިހާރެކޭ އެއްގޮތަށް އެ ކާޑު ބޭނުންކޮށްގެން ނަގުދު ފައިސާގެ ގޮތުގައި 1،200 ޑޮލަރު ނެގޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ