އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ބްރެޒިލްގެ ފްލޫމިނެންސް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ، އެންމެ ފަހުގެ ޔުއެފާ ޗެންޕިއަންސް ލީގު ރަނަރަޕް އިޓަލީގެ އިންޓަ މިލާން މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގެ ދެވަނަ ބުރުން އިންޓަ މިލާން ޖާގަހޯދީ ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެފައިވާއިރު، އަނެއް މެޗު ވަނީ އެއްވަރުވެފައެވެ. އަދި ފްލޫމިނެންސް ދެވަނަ ބުރުން ޖާގަހޯދީ ގުރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްމެޗުން މޮޅުވިއިރު، އަނެއް ދެމެޗުން ވަނީ އެއްވަރުވެފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ވަރަށް ކުރީކޮޅު ފްލޫމިނެންސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ޖާރމަން ކާނޯ އެވެ.
މީގެ އިތުރުން ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ފްލޫމިނެންސްގެ އިގްނާސިއޯ އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއަރުން ބެލުންމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފްލޫމިނެންސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އިންޓަ މިލާނުން ކުރިއަށްޖެހި ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތްކުރިއެވެ. އަދި އެޓީމުން ވަނީ މިހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، ފަހުހާފުގެ އިތުރު ވަގުތުގެ ތެރޭގައި ފްލޫމިނެންސް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ހާކިއުލެސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ފްލޫމިނެންސް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި ފްލޫމިނެންސް ވާދަކުރަންޖެހޭނީ ޖަރުމަންގެ ބަޔާން މިޔުނިކާއި ދެކޮޅަށެވެ. ބަޔާން ކުއާޓާ ފައިނަލުން ޖާގަހޯދީ ދެވަނަ ބުރުގައި ބްރެޒިލްގެ ފްލެމިންގޯ 4-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
ކުލަބު ވޯލްޑްކަޕް: ފްލޫމިނެންސް އަތުން ބަލިވެ ޔޫރަޕްގެ ރަނަރަޕް އިންޓަ މިލާން މުބާރާތުން ކަޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ