ޑޮލަރުން ކުރާ ވިޔަފާރިން ފީއެއް ނަގާތީ އާއި ރިސޯޓުތަކުން ޑޮލަރު މާރު ކުރަން މަޖުބޫރު ކުރާތީ ކުއްލި މައްސަލައެއް ޑޮލަރުން ކުރާ ވިޔަފާރިން ފީއެއް ނަގާތީ އާއި ރިސޯޓުތަކުން ޑޮލަރު މާރު ކުރަން މަޖުބޫރު ކުރާތީ ކުއްލި މައްސަލައެއް

ރާއްޖޭގެ ރައްޔިތުންގެ އެންމެ ގިނައިން ވިޔަފާރި ކުރާ ބޭރުގެ ވެބްސައިޓުތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް 30 ޕަސެންޓުގެ ބޮޑު ފީއެއް ބޭންކް އޮފް މޯލްޑިވްސްއަށް ނަގާތީ އާއި ރިސޯޓުތަކުން ޑޮލަރު މާރު ކުރަން މަޖުބޫރު ކުރާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފި އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ފެށުމުން އާންމުންގެ ވަރަށް ބޮޑެތި ކަންބޮޑުވުން އެބަހުރި ކަމަށެވެ.
"މިކަންކަމަކީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރު ކުރާ ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވާނެ ކަންކަމެއް،" އެ މައްސަލައިގައި ބުނެފައިވެ އެވެ.
ޑޮލަރުން ކުރާ ވިޔަފާރިން ބޮޑު ފީއެއް ނަގަން ބީއެމްއެލް އިން ނިންމީ އިއްޔެ އެވެ. ފީ ނަގަން ފެށުމުން، ފީ ނަގާ ވެބްސައިޓުތަކުން ކުރާ ވިޔަފާރިތަކުގައި ޑޮލަރެއް ޖެހޭނީ 20 ރުފިޔާއަށެވެ.
މައުރޫފް ބުނެފައި ވަނީ ރިސޯޓުތަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކޮށް މާރު ކުރާ ޑޮލަރުގެ ތެރެއިން 90 ޕަސެންޓު މަރުކަޒީ ބޭންކު އެމްއެމްއޭއަށް ފޮނުވަން މަޖުބޫރު ކުރަނީ ސަރުކާރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
"މިގޮތަށް ސަރުކާރަށް ޑޮލަރު ނެގުމުގެ ސަބަބުން މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް ޑޮލަރު ލިބުން އިތުރަށް ދަތިވުމާއި ބޭންކުތަކުން އެ ފަރާތްތަކަށް ފޯރުކޮށްދެމުން އައި ޑޮލަރު ލިބުން ވެސް ހުއްޓުމަކަށް އައިސްފި،" މައުރޫފް ހުށަހަޅުއްވާ މައްސަލައިގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ، ސަރުކާރުން އެގޮތަށް ނަގާ ކުއްލި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ގޮތުން ބޭރު ފައިސާ މާރު ކުރުމާއި ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ އުސޫލުތަކަށް ގެންނަމުންދާ މިފަދަ ކުއްލި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވާނެ ކަމަށް ބެލެވޭ،" މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.
މައުރޫފްގެ މައްސަލައިގައި އޭނާ އެދިވަޑައިގެންފައި ވަނީ އެ މައްސަލަތަކަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށެވެ. އެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސް ކުރުމުންނެވެ. ނަމަވެސް ވެރިކަން ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ކުއްލި މައްސަލަ ބަލައިގަންނާނެ ކަމެއް ނުބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ