އުއްތަމަ ފަނޑިޔާރަކީ ބޭނުންޖެހުނު ވަގުތު ހަނު ހުންނަވައި ގައުމަށް ގައްދާރުވެފައި ހުންނެވި ބޭފުޅެއް: އައްބާސް އުއްތަމަ ފަނޑިޔާރަކީ ބޭނުންޖެހުނު ވަގުތު ހަނު ހުންނަވައި ގައުމަށް ގައްދާރުވެފައި ހުންނެވި ބޭފުޅެއް: އައްބާސް

ސުޕްރީމް ކޯޓުގެ މިހާރުގެ އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދުނާން އަކީ ދިވެހި ގައުމަށް ގައްދާރުވެފައި ހުންނެވި ބޭފުޅެއް ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް މިހާރު ހުށަހަޅައި ބަހުސް ކުރަމުންދާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި އެ ކޯޓުގެ ބާރު ކަނޑުވައިލިއިރު، އުއްތަމަ ފަނޑިޔާރު ހަނު ހުންނެވުމަކީ ގައުމަށް ގައްދާރުވުން ކަމަށެވެ.
"ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ނުވަތަ ރިޓަޔާ ކުރައްވާފައި އެ ހުންނެވި އުއްތަމަ ފަނޑިޔާރަކީ ގައުމަށް ގައްދާރުވި ބޭފުޅެއްގެ ގޮތުގައި އަޅުގަނޑު މިއަދު ސިފަ ކުރަނީ އިއްޒަތްތެރި ރައީސް، އެ ބޭފުޅެއްގެ ބޭނުން ގައުމަށް ޖެހުނު ހިނދު އެ ބޭފުޅެއްގެ ބޭނުން ގައުމަށް ޖެހުނު ހިނދު ދިވެހި ދައުލަތުން ރައްޔިތުންގެ ފައިސާއިން އިނަޔަތާއި ހިމާޔަތާއި ރައްކާތެރިކަން ނަގައި ހުންނަވައި ހަނު ހުންނެވުން އެއީ ގައުމަށް ގައްދާރުވުން،" އައްބާސް ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ ރިޓަޔާ ކުރެއްވި އުއްތަމަ ފަނޑިޔާރު އެއީ ގައުމަށް ގައްދާރުވި ބޭފުޅެއް އިއްޒަތްތެރި ރައީސް."
އޭނާ ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގައި ވެސް ފަނޑިޔާރުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވާ މައްސަލައަށް ހައްލެއް ހޯދައިދީފައި ނުވާ ކަމަށެވެ.
ފަނޑިޔާރުންނަށް މިނިވަންކަމާއެކު މަސައްކަތްކޮށް އަދުލު އިންސާފު ގާއިމު ކުރެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން މިނިވަން ކުރެވިގެން ކަމަށާއި އެ ކޮމިޝަނުގެ މިހާރުގެ ކޮމްޕޮޒިޝަން އޮތީ ވެސް ސަރުކާރަށް ކަމަށް އައްބާސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކިކުރި މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުން އަމަލުކުރި ގޮތަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ސުޕްރީމް ކޯޓުން ބަލަމުންދިޔަ މައްސަލަ ހުއްޓުވައި އެ ކޯޓުގެ ބާރު ކަނޑުވައިލީ ޕީއެންސީގެ ސުޕަމެޖޯރިޓީ ބޭނުން ކޮށްގެން އެންމެ 10 މިނެޓުގެ ތެރޭގައި ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ޒައާމަތާ ހަވާލުވެވަޑައިގެންނެވި ދުވަހު ވިދާޅުވި ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުނިއްޔޭ، އެއީ އުފާވެރި ދުވަހެއް، އެއީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކަށް ފިނިކަން ލިބިގެންދިޔަ ދުވަހެއް އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވި އެެވެ.
"ދާދި މިދާކަށްދުވަހު ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ މައްސަލައަށް މި އިއްޒަތްތެރި މަޖިލިސް ބޭނުން ކޮށްގެން ނުފޫޒު ފޯރުވީ ކޮން ފަރާތަކުންކަމެއް އަޅުގަނޑަކަށް ނޭނގޭ، ސުޕަމެޖޯރިޓީ އޮތް ފަރާތުން 10 މިނެޓު ތެރޭގައި ކުރަން ބޭނުންވި ހުރިހާ ކަމެއް ކޮށް ނިންމައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބާރު ކަނޑުވައިލިތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ."
އޭނާ ވިދާޅުވީ ފަނޑިޔާރުން ކުރާ ހުވަޔާއި ހިލާފަށް ވަކި މީހަކު ބޭނުންވާހައި ގޮތަކަށް ހުކުމްތައް އިއްވަމުން ދަނީ ރިޝްވަތުގެ ހަރާމް ފައިސާގައި ހިފައިގެން ކަމަށެވެ. އެކަން ހުއްޓުވުމަށް ކިތަންމެ އިސްލާހެއް ގެނައި ނަމަވެސް ފަނޑިޔާރުންގެ ހިތުގައި ބިރުވެރިކަމެއް ނެތީވިއްޔާ އެކަން ނުހުއްޓޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
"ބައްލަވާ ފަނޑިޔާރުން ވެސް ބިރުގަންނަން އެބަޖެހޭ، މާތްالله ގަންދީ ހުވާކޮށްގެން ތިބެ ރިޝްވަތުގެ ހުތުރު ފައިސާގައި ޖެހި ވަކި ބޭފުޅުންތަކެއް ވިދާޅުވާ ގޮތަކަށް ޝަރީއަތްކޮށް ވަކި ބޭފުޅުންތަކެއް ވިދާޅުވާހާ ގޮތަކަށް ހަނުހުރެ، މި ކަންކަން ކުރުމަކީ ގައުމަށް ގައްދާރުވުން، މާތް ވެގެންވާ އިސްލާމް ދީނަށް އެ ބޭފުޅުން ހުރުމަތްތެރިކޮށް ނުހިތުން އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ