ބޭރު ފައިސާ މާރު ކުރުމާއި ބޭރު ފައިސާ އިން މުއާމަލާތް ކުރުމުގެ އުސޫލުތަކަށް ކުއްލިކުއްލިއަށް ބަދަލު ގެންނަ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - އެ ކަމަށް މަޖިލީހުގައި ބަހުސް ކުރުމަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ. އެގޮތުން:
މައްސަލަ ބޭރުކޮށްލުމަށް 29 މެންބަރުން ވޯޓު ދެއްވި
ފާސް ކުރުމަށް ވޯޓު ދެއްވީ 11 މެންބަރުން
ފާސް ކުރުމަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެންބަރުންނާއި ތިމަރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ރިޔާޒު
މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް، ޕީއެންސީގެ ތިން މެންބަރަކު މި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ
ތަފްސީލް - މައުރޫފް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ، ޑޮލަރުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ އަގު އުފުލިގެންދާ ކަމަށެވެ.
ބީއެމްއެލްގެ ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން ކުރާ ބޭރުގެ ބައެއް މުއާމަލާތްތަކަށް %30ގެ ފީއެއް އަދި ރާއްޖޭން ބޭރުން އޭޓީއެމް އިން ފައިސާ ނެގޭ އަދަދު ދަށްކޮށް، އެ މުއާމަލާތްތަކަށް 10 ޑޮލަރުގެ ޗާޖެއް މިއަދުން ފެށިގެން ނަގަން ނިންމާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ކުއްލި މައްސަލާގައިވަނީ:
މިއީ ރާއްޖޭން ބޭރުގައި އުޅޭ ދިވެހިންނަށް އަދި އެކި ބޭނުންތަކަށް ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުންނަށް އިތުރަށް ދަތިވާނެ ކަމެއް
ރާއްޖެއިން ގިނަ ބާވަތްތަކުގެ އަސާސީ ތަކެއްޗާއި ކާބޯތަކެތި އިތުރަށް އަގުބޮޑުވެ ނުވަތަ ލިބުން ދަތިވެ، ބައެއް ތަކެތި ހުސްވެދާނެ
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެއީ މުޖުތަމައުގެ އާންމު މަސްލަހަތާ ސީދާ ގުޅުމެއް އޮތް މައްސަލައެއް ކަމަށް ވާތީ ކަމަށް މައުރޫފު ވިދާޅުވެފައިވެ އެވެ.
ގުޅުން ހުރި - ބީއެމްްއެލް އިން އިއްޔެ ވަނީ ޑެބިޓު ކާޑުން ކުރެވޭ ޑޮލަރު މުއާމަލާތުގެ ލިމިޓު 250 އިން 500 ޑޮލަރަށް އިތުރުކޮށްފަ އެވެ.
އޭގެ އިތުރަށް:
ހަ ސައިޓަކުން ކުރާ ވިޔަފާރިތަކުގެ %30އާ ހަމައަށް ފީއެއް ނެގުމަށް ނިންމި
އެ ސައިޓުތަކަކީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ
ފީ ނަގަން ނިންމި ހަ ސައިޓަކީ ބޭރުގެ ވިޔަފާރިތަކަށް ފޮނުވަން ޖެހޭ ފައިސާގެ ތެރެއިން އޮންލައިން ވިޔަފާރިކޮށްފައިވާ މުއާމަލާތްތަކުގެ ތިންބައިކުޅަ އެއްބައި ކަމަށް ބޭންކުން ބުންޏެވެ. އެގޮތުން:
ބޭރުގެ ވިޔަފާރިތަކަށް ސަޕޯޓްގެ ގޮތުގައި ކޮންމެ މަހަކު 45 މިލިއަން ޑޮލަރު ފޮނުވަން ޖެހޭ؛ އެއިން %75 އަކީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތައް
އޮންލައިން ވިޔަފާރިތަކުގެ ތިންބައިކުޅަ އެއްބައި ހިމެނޭ މި ހަ ސައިޓުގެ ތެރެއިން ޗައިނާގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް ޓީމޫއަށް އެކަނި 7 މިލިއަން ޑޮލަރު މަހަކު ދޫކުރަން ޖެހޭ
މި ބަދަލުތައް ގެނައީ މުޖުތަމައުގެ ވީހާ ވެސް ގިނަ ބަޔެއްގެ ފައިދާ އާއި ހަމަހަމަކަމަށް އިސްކަން ދިނުން ކަމަށް ވެސް ބޭންކުން ބުނެފައިވެ އެވެ.
ޑޮލަރު މުއާމަލާތްތަކަށް ބަދަލު ގެނައި މައްސަލާގައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ