ވާނީގެ އަލަތު ވެބް ސީރީސް އަންނަ މަހު ނެޓްފްލިކްސްއަށް

ބޮލީވުޑްގެ ބަތަލާގެ ކެރިއަރުގެ އަލަތު ވެބް ސީރީސް "މާންޑާލާ މާޑާސް" ޕްރީމިއާކުރާނެ ތާރީޚު އިއުލާނުކޮށްފިއެވެ. ފިލްމު "ޝުދު ދޭސީ ރޮމޭންސް"އިން 2013ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ބަތަލާގެ ފުރަތަމަ ވެބް ސީރީސްއަކީ ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސް އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ސީރީސްއެކެވެ. ވާނީގެ ފުރަތަމަ ފިލްމު "ޝުދު ދޭސީ ރޮމޭންސް"އަކީ ވެސް ޔަޝް ރާޖް ފިލްމްސްގެ އުފެއްދުމެކެވެ. ވެބް ސީރީސް "މަންޑާލާ މާޑާސް"އަކީ ނެޓްފްލިކްސްއިން ވައިއާރްއެފްއާ ގުޅިގެން ގެނެސްދިން "ދަ ރޭލްވޭ މޭން"ގެ ކާމިޔާބީއަށްފަހު ގެނެސްދޭ އެފަދަ ދެވަނަ ވެބް ސީރީސްކަން ފާހަގަކޮށްލެވެއެވެ. ވާނީ ކަޕޫރު އަދި ޕާކިސްތާނު އެކްޓަރު ފަވާދު ޚާންގެ ފިލްމު "އަބީރު ގުލާލް"ގެ ޕޯސްޓަރެއް/ މި ފިލްމު މި އަހަރު ރިލީޒްކުރަން ނިންމި ނަމަވެސް ޕާކިސްތާނު ތަރިން ހިމެނޭ ފިލްމުތައް އިންޑިއާގައި މަނާކޮށްފައިވާތީ ފިލްމު ރިލީޒްކުރާނެ ތާރީޚު އޮތީ ނޭނގުމެއްގެ ތެރޭގައި--ފޮޓޯ/ވެރައިޓީ ބަތަލާ ވާނީ ކަޕޫރު ފުލުހެއްގެ ރޯލްއިން ފެންނާނެ މި ވެބް ސީރީސްއަކީ އެތައް ގަރުނެއްކުރިން އިންޑިއާގައި ހިނގާފައިވާ ގަތުލު އާއްމުތަކެއްގެ އަނދިރި ފަރާތް ބެލުންތެރިންނަށް ދައްކުވައިދޭނެ ސީރީސްއެކެވެ. ވާނީގެ އިތުރުން ބަތަލާ ސުރުވީން ޗާވްލާ، ޝްރިޔާ ޕިލްގައޯކަރު އަދި ވައިބާވް ރާޖް ގުޕްތާ މުހިއްމު ރޯލްއިން ފެންނާނެ މި ވެބް ސީރީސް އަކީ ވައިއާރްއެފްގެ ކާމިޔާބު ފްރެންޗައިސް "މަރުދާނީ"ގެ ޑައިރެކްޓަރު ގޯޕީ ޕުތުރަންގެ އުފެއްދުމެކެވެ. ފިލްމު "ވޯ"، "ޝަމްޝޭރާ" އަދި "ކޭލް ކޭލް މޭ"ގެ ބަތަލާ ވާނީ ކަޕޫރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ރެއިޑް 2"އިންނެވެ. މި ފިލްމު މިހާރު ނެޓްފްލިކްސްގައި ވަނީ ޕްރީމިއާކޮށްފައެވެ. ބަތަލާގެ އަލަތު ވެބް ސީރީސް "މަންޑާލާ މާޑާސް" ނެޓްފްލިކްސްގައި ޕްރީމިއާ ކުރަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 25 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ