ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ދެއްވައިފި

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މިސިސް ޖޭން އިޓޯގީ ޝަންމުގަރަނަމް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ޝަރަފުގައި، ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ.
މި ޖަފާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުން ދެއްވި މެހުމާންދާރީއަށް އިހުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާފައެވެ.
އަދި މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ދަތުރުފުޅެއްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ބައްލަވާލައްވައި، ދެ ގައުމުގެ ތަޖުރިބާތަކުން ކޮންމެ ގައުމަކަށް ހާސިލްކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.
އެގޮތުން ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމާއި މާލީ އަދި ވިޔަފާރީގެ ދާއިރާއިން ސިންގަޕޫރު ހޯދާފައިވާ ކާމިޔާބީތަކަކީ މީގެ ބައެއް މިސާލުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދެވުނު ރަސްމީ ވާހަކަތަކާއި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ނަތީޖާތަކަށް އެމަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ. ބައިނަލްއަގްވާމީ ލޮޅުންތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސް ޝަންމުގަރަނަމް ވަނީ ބައިނަލްއަގްވާމީ އެކި މަންސަތަކުގައި، ހާއްސަކޮށް، މޫސުމީ ވިލުންތެރިކަމާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކުގައި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.
މި ފަރިއްކޮޅުގައި ސިންގަޕޫރާއި ދިވެހިރާއްޖޭގެ ސަރުކާރުގެ ކެބިނެޓްގެ ވަޒީރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމީ ފަރިއްކޮޅުގެ ކުރިން، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޝަންމުގަރަނަމް އާއި ރައީީސް ވަނީ ހަނދާނީ ސްޓޭމްޕެއް ނެރެދެއްވާފައެވެ.
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ