ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އޯގަސްޓު 26، ގައި ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި، ޝޮޕިން މޯލެއްގެ ތެރޭގައި ހުންނަވަނިކޮށް ފޮޓޯއެއް ނެގި ދިވެހި މީހާގެ މައްސަލަ ހެއްކެއް ނުލިބުމުން ފައިލްކޮށްފި އެވެ.
ފުލުހުން ބުނީ ރައީސްގެ ފޮޓޯ ނެގި މައްސަލަ ފައިލްކުރީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ ކަމަށެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ލިބުމުން އަލުން ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.
ރައީސް މުއިއްޒުގެ ފޮޓޯ ނެގި މީހާ އޯގަސްޓް 31، ގައި ސިންގަޕޫރުން އެނބުރި ރާއްޖެ އައިތަނާ އޭނާގެ ފޯނު ވަނީ ހިފަހައްޓާފަ އެވެ. އަދި މައްސަލައާ ގުޅިގެން އޭނާއާ ފުލުހުން ސުވާލު ވެސް ކޮށްފައިވެ އެވެ.
ފޮޓޯ ނެގި މައްސަލައިގައި އޭނާގެ ފޯނު ފުލުހުން ހިފެހެއްޓީ މީހުން ދައްކާ ވާހަކަ ސިއްރުން އަޑު އެހުމާއި ފާރަލުމާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުމުގެ އިތުރުން އާންމު ތަނެއްގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިޔުމުން ކަމަށް ތުހުމަތުކޮށެވެ.
ފުލުހުން ބުނީ ނުރަސްމީ ދަތުރުފުޅުގައި އެމަނިކުފާނާއި އާއިލާއަށް ފާރަލުމާއި، ސިންގަޕޫރުގައި ދިރިއުޅުއްވިތަން އާންމުވާ ގޮތަށް ފޮޓޯނަގައި އާންމުކުރުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވި ކަމަށެވެ.
ސިންގަޕޫރުގެ ޝޮޕިން މޯލްއެއްގައި ރައީސް ހުންނެވި ފޮޓޯއަކީ ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ" އެކައުންޓުން އޭރު އާންމުކުރި ފޮޓޯއެކެވެ.
އެ ފޮޓޯގައި ފެންނަނީ ރައީސް މުއިއްޒު އާއި އާއިލާ، އެމްއެންޑީއެފްގެ ސެކިއުރިޓީ ޑީޓެއިލްއާއެކީ ޕެރެގަން މެޑިކަލް ސެންޓަރުގެ މޯލް ތެރޭގައި ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ.
ސިންގަޕޫރުގައި ރައީސް މުއިއްޒުގެ ފޮޓޯ ނެގި މީހާގެ މައްސަލަ ހެއްކެއް ނުލިބުމުން ފައިލްކޮށްފި ސިންގަޕޫރުގައި ރައީސް މުއިއްޒުގެ ފޮޓޯ ނެގި މީހާގެ މައްސަލަ ހެއްކެއް ނުލިބުމުން ފައިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ